ސިނަމާލެ ބުރިޖުން ކުރާ ބަސްދަތުރަށް ބޭނުން ކުރާ ކާޑު ފިހާރަތަކުން ރީޗާޖް ކުރެވޭ ގޮތް ހެދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލުން ބުނީ ސިނަމާލެ ބުރިޖުގައި ކުރާ ބަސް ދަތުރުތަކަށް އަގު ނަގަން ފެށީއްސުރެ މާލެ އާއި ހުޅުމާލޭގެ ފިހާރަތަކުން ކާޑު ރީޗާޖް ކުރެވޭ ގޮތް ހެދުމާއި މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެމްޕީއެލުން ބުނީ އެކަމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި އަދި އެކަމަށް ވަކި މުއްދަތެއްވެސް ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެ ހިދުމަތްދޭން ފަށާނަމަ ބޮޑަށް އިސްކަން ދޭނީ ބަސް ސްޓޭންޑްތަކާއި ކައިރި ފިހާރަތަކަށް ކަމަށާއި އެގޮތުން ހުޅުމާލެ ނަމަ ނިރޮޅުމަގުގައި ހުންނަ ފިހާރަތަކަށް އިސްކަން ދެވިގެންދާނެ ކަމަށް އެމްޕީއެލުން ބުނެ އެވެ.

އެމްޕީއެލް އިން ބުނީ މިކަމަށް ޝައުގުވެރި ނުވާ ބައެއް ވިޔަފާރިވެރިން ތިބުން އެކަށީގެންވާތީ އަދި މިހާތަނަށް ހިދުމަތް ތައާރަފް ކުރާނެ ވަކި ފިހާރަތަކެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ހިދުމަތް ދިނުމަށް އެދޭ ފިހާރަތަކަށް އެކަމުގެ ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތުވެސް ކުރިއަށް އޮތް ތަނުގައި ހުޅުވާލާނެ ކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ.

މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ. އޭރު ބުރިޖު ހުޅުވި ނަމަވެސް ބުރިޖުމަތީ ދަތުރު ކުރުމަށް ޓެކްސީތަކުން ނަގާ ފީގެ އިތުރަށް އެއްވެސް އަގެއް ނަގާފައެއް ނުވެ އެވެ.

ހިލޭ ދަތުރު ކުރާތާ ގިނަ ދުވަސްތަކަކަށް ފަހު ޖެނުއަރީ އެކަކުން ފެށިގެން ބުރިޖު މަތިން ކުރާ ބަސް ދަތުރުތަކަށް 10 ރުފިޔާ ނަގަން ވަނީ ފަށާފަ އެވެ. އެ އަގު ނަގަން ފަށާފައިވަނީ އެކަމަށް ހާއްސަކޮށްފައިވާ ކާޑަކުންނެވެ.

ބަސްދަރަށް ބޭނުން ކުރަމުންދާ ކާޑަށް ފައިސާ އެޅުމުގެ ހިދުމަތް މިހާރު ލިބެނީ މާލޭގެ ގްރޭޓާ މާލެ ބަސް ސްޓޭޝަނުންނާއި ހުޅުމާލެއިން އެން 1 ގެ މެއިން ބަސް ސްޓޮޕުންނެވެ.