(15 ޖެނުއަރީ 2019 އާ ގުޅޭ)

ފަރަހާއަށް ފުރުޞަތު ދޭން ބިލާލި ނިންމިއެވެ. އެކަން ފަހަރާއަށް އެންގީ އޮފީސް ކުއްޖެކެވެ. ފަރަހާ އެ ފުރުޞަތާމެދު ވިސްނިއެވެ. އެ ފުރުޞަތު ބޭނުން ކުރާނީ ހެއްޔެވެ؟ ނަުވަތަ ދޫކޮށްލާނީ ހެއްޔެވެ؟ ފައިސާ ބޭނުންނަމަ އެ ފުރުޞަތުން އެކަން ހާސިލުވާނެއެވެ. ހިތްހަމަޖެހުން ބޭނުން ނަމަ އެއީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. ހަމައެކަނި އިންޓަވިއުއިން ވެސް ބިލާލުގެ މިޒާޖު ފަރަހާއަށް ވަނީ ފާހަގަ ކުރެވިފައެވެ.

ފަރަހާ ނިންމީ އެ ފުރުޞަތުގެ ބޭނުން ހިފާށެވެ. އެ ނިޔަތުގައި ބިލާލާ ބައްދަލު ކުރިއެވެ.

"އަހަރެން މި ނިންމީ ފަރަހާ މި ޕްރޮޖެކްޓްގައި ގެންގުޅެން. ނަމަވެސް އަހަރެންގެ މި ނިންމުމަކީ އެންމެ ހިތްހަމަ ޖެހިގެން ނިންމި ނިންމުމެއް ނޫން. އަހަރެން ބޭނުންވާ ކަހަލަ މީހަކު ނުފެނުމުން ނިންމި ނިންމުމެއް" ފަރަހާއަށް ފުރުޞަތު ދިން ސަބަބު ބިލާލު ބުންޏެވެ.

"އަޅުގަނޑު ވެސް މި ފުރުޞަތުގެ ބޭނުން ކުރަން މި ނިންމީ އެންމެ ހިތްހަމަ ޖެހިގެނެއް ނޫން. އެފަދަ އެހެން ގޮތެއް ނެތިގެން" ފަރަހާ ވެސް އޭނާގެ ޝުއޫރު ހާމަކުރިއެވެ.

"ކީއްވެ އެންމެ ހިތްހަމަ ނުޖެހެޔޭ ތިބުނީ؟" ބިލާލުގެ ނަޒަރު ފަރަހާގެ މޫނަށް އަމާޒު ކުރިއެވެ.

"އެއީ ވަޒީފާ ދެއްވާ ފަރާތުން ހިތްޕުޅާ ނުވާ މީހަކަށްވެ ހުރެ ވަޒީފާގައި އުޅެން ޖެހޭތީ" ފަރަހާ ދިނީ ކުރު އެހެނަސް އެތައް މާނަތަކެއް ހިމަނާފައިވާ ޖަވާބެކެވެ.

"ވަޒީފާގައި ރަނގަޅަށް އުޅޭނަމަ، ބޭނުންވާ މަސައްކަތްތައް ދުވަހުން ދުވަހަށް ބަރާބަރަށް ނިންމާނަމަ މި ވަޒީފާއަކީ މާ ބުރަ ވަޒީފާއެއް ނޫން. ކުރަންވީ ކަންކަން އަހަރެން ގާތުގައި އަހައިގެން ކުރިއަށް ދާނަމަ އިތުރަށް ފަސޭހަވާނެ. އެ ކަންކަން ލިޔުމުން އަހަރެން ދާނީ ފަރަހާއަށް ދެމުން. އެހެންވީމާ މާދަމާއިން ފެށިގެން ވަޒީފާއަށް ނުކުންނަންވީ. އަހަރެންގެ މި މަސައްކަތުގައި އަހަރެންނާއެކު އެތައް ބަޔަކު ހަރަކާތްތެރިވާނެ. އެ މީހުންނާ މާދަމާ ބައްދަލުވާނެ" ހިނިތުންވެފައި އިނދެ، ބިލާލު ދިނީ ފަރަހާ މަސައްކަތްކުރަންވީ ގޮތުގެ ކުޑަ އިރުޝާދެކެވެ.

ފަރަހާ ވަޒީފާއަށް ނުކުތެވެ. ބޮޑު އޮފީހެކެވެ. ދެ މީޓިންގ ރޫމާއެކު ކޮންމެ މީހަކަށް ވަކި ގޮޅިއެއް ހުރެއެވެ. ކޮފީ ބޯނެ ތަނަކާއި ބައްދަލުކޮށްލާނެ ކުދި ކޮޓަރިތައް ވެސް ހުރެއެވެ. އެ ހުރިހާ ތަނެއް ފަރަހާއަށް އޮޅުން ފިލުވައިދިނީ އޮފީހުގެ އިދާރީ މުވައްޒަފެކެވެ. އެކަމުގައި 3 މީހަކު ހަރަކާތްތެރިވެއެވެ.

އެންމެ ފުރަތަމަ އޮތީ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ހުރިހާ މުވައްޒަފުން ބައިވެރިވިއެވެ. ސާޅީހަކަށް މުވައްޒަފުން އެތަނުގައި އުޅެއެވެ. އެއިން ކޮންމެ މީހަކީ ވެސް ބިލާލުގެ ބެލުމުގެ ދަށުގައި ޙަރަކާތްތެރިވާ މީހެކެވެ. އޭގެތެރެއިން ގިނަ މީހުންނަކީ ރިސާޗް މަސައްކަތްކުރާ ފަންނީ މީހުންނެވެ. އެމީހުންނަށް ފަރަހާ ތަޢާރަފުކޮށްދިނެވެ. އޭނާއަކީ ބިލާލުގެ އެސިސްޓެންޓެއްކަން ހާމަކުރިއެވެ. އެއަށްފަހު އަލަށް ފަށަން ހަމަޖެހިފައިވާ ދިރާސާގެ މަޢުލޫމާތު ދިނެވެ. ބިލާލަށް ގަބޫލު ކުރެވެނީ އެއީ ބޭނުންތެރި ދިރާސާއެއް ކަމަށެވެ. ރަނގަޅު ނަތީޖާއެއް ނެރެވިއްޖެ ނަމަ އެއިން ރަނގަޅު މަންފާއެއް ހޯދިދާނެ ދިރާސާއެއް ކަމަށެެވެ. އެއީ ދިވެހި ބަހުން ދައްކާ ވާހަކަ އިނގިރޭސި ބަހަށް ތަރުޖަމާ ކުރެވޭ ނިޒާމެއް ގާއިމުކުރުމުގެ ދިރާސާއެކެވެ. ކަމަކީ ބޮޑުކަމެއްކަން ބިލާލަށް ގަބޫލުކުރެވުނަސް އެ ކަމުގައި އޭނާ ތެދުވިއެވެ. އެ ކަމަށް ތިން ގުރޫޕެއް އެކުލަވައިލިއެވެ. ބަހުގެ ގުރޫޕަކާއި އައިޓީ ގްރޫޕަކާއި އެހީތެރިންގެ ގުރޫޕެކެވެ. ބަހުގެ ގުރޫޕުގައި ހިމެނެނީ އިނގިރޭސި ބަހާއި ދިވެހިބަސް ދަންނަ އެކަމުގެ މާހިރުންނެވެ. އައިޓީ ގްރޫޕުގައި ހިމެނެނީ ވެސް އެ ފަންނުގެ މާހިރުންނެވެ. އެހީތެރިންގެ ގޮތުގައި ތިބީ ވެސް އެފަދަ ދިރާސާތަކުގެ ތަޖުރިބާ ލިބިގެންތިބި މީހުންނެވެ.

ބިލާލު ބޭނުންވާ ގޮތާއި އެ މަސައްކަތް ކުރާނެ ގޮތުގެ ހުރިހާ އިރުޝާދެއް ދިނީ ބިލާލެވެ. ދެންތިބި މީހުން ތިބީ އަޑުއަހާށެވެ. އެއްވެސް ވާހަކައެއް ނުދައްކައެވެ. ފަރަހާއަށް ފާހަގަކުރެވުނު އެއްކަމަކީ އެއީއެވެ. އެތަނުން އެއްވެސް މީހަކު ޚިޔާލެއްހައި ހިސާބު ވެސް ނުދެނީ ހެއްޔެވެ؟ އެ ދައްކާ ވާހަކަ އެ މީހުންނަށް ނޭނގެނީ ހެއްޔެވެ؟ ނޫނީ ހުރިހާ ކަމެއް އެ މީހުންނަށް އެނގެނީ ބާއެވެ؟

އިރުތަކެއް ފަހުން ބިލާލުގެ ވާހަކަ ނިންމާލަން ހިފިއެވެ.

"އެހެންވީމާ ކޯޕަސް އެއްކުރުމުގެ މަސައްކަތް ކުރުމަށް މި އޮތީ 6 މަސް. ވަރަށް ބާރަށް ކުރިއަށް ގެންގޮސްގެން މިކަން ކުރެވޭނީ. ވަރަށް ގިނަ ވަގުތު މިކަމަށް ހުސްކޮށްގެން މިކަން ކުރެވޭނީ. ކޮންމެ ދުވަހެއްގެ މަސައްކަތް ކުރިއަށް ދާވަރު އަހަރެންނަށް އެގެންވާނެ. ފަރަހާއަށް އެކަން ރިޕޯޓްކުރަންވާނެ"

"ހަ މަސް މަދުވާނެ ނޫންތޯ؟" ބަހުގެ ގުރޫޕުގައި އިން އެކަކު އޭނާގެ ޚިޔާލު ހުށަހެޅިއެވެ.

"ނޫން މަސައްކަތް ކުރެވޭނަމަ މަދެއް ނުވާނެ. ޓާގެޓެއް ކަނޑައަޅައިގެން ކޮންމެ ދުވަހަކު ވެސް ލިޔުންތައް ހޮވަމުންދާނަމަ އެއީ ނުވާނެކަމެއް ނޫން. ތި ތިބީ 12 މީހުން ކޮންމެ ބަހަކަށް 6 މީހުން. އެހެންވީމާ ވާނެ. ކުރެވޭނެ" ބިލާލަށް ގަބޫލުކުރެވުނީ އެ މުއްދަތު ކުރު ނޫންކަމެވެ.

ބިލާލާއި އޭނާގެ ޓީމުން މަސައްކަތް ފެށީ އެކަން ކުރިއަށް ގެންދާނެ ގޮތްތަކާއި އެ ކަންކަމަށް ވަގުތުތަކެއް ވެސް ކަނޑައަޅައިގެންނެވެ. އަދި އެއިން ކޮންމެ ކަމެއް ކޮންމެވެސް ގުރޫޕަކާއި ނުވަތަ ކޮންމެވެސް މީހަކާ ހަވާލުކޮށްގެންނެވެ. ބިލާލު ދިޔައީ އެ ހުރިހާ ކަމެއް ޖުމުލަކޮށް ބަލަމުންނެވެ. އެކަން ފަރަހާ ލައްވައި ބަލުވަމުންނެވެ.

ކުރެވެމުންދާ މަސައްކަތަށް މަހެއްވުމުން މަސައްކަތް ކުރިއަށް ދިޔަ ގޮތުގެ ޚުލާސާއެއް ފަރަހާ ތައްޔާރު ކުރިއެވެ. ފަރަހާއަށް ޖެހުނީ އެ ޚުލާސާ ބިލާލާ ހިއްސާކުރާށެވެ.

ބިލާލު ހިތްހަމަ ނުޖެހުނެއެވެ. ބައެއް މީހުންގެ މަސައްކަތް އެންމެ އެކަށީގެންވާ މިންވަރަށް ކުރެވިފައި ނުވާތީއެވެ. ބަހުގެ ގުރޫޕުގެ މަސައްކަތް ކުރިއަށްދާލެއް ލަސްކަމުންނެވެ. ކޯޕަސް އެކުލަވައިލުމުގެ މަސައްކަތުގެ ސްޕީޑް ލަސްކަމުންނެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ބިލާލު ވާހަކަ ދެއްކިއެވެ. މުސާރައާ އެއްވަރަށް މަސައްކަތް ކުރެވެން ޖެހޭނެކަން އޭނާ ހާމަކުރިއެވެ. ބަލިވުމަކީ އުޒުރެއް ނޫނެވެ. އޭގެ ބަދަލު ދެވެން ޖެހޭނެކަމަށް ވެސް ބިލާލު ބުންޏެވެ.

ބިލާލުގެ ވާހަކަތަކުން ބައެއް މީހުން ހިތްހަމަ ނުޖެހުނެވެ. އެ ގޮތަށް މަސައްކަތް ކުރާނީ ކިހިނެއް ހެއްޔެވެ؟ ބޭނުންވާހާ އަވަހަށް ކަންކަން ނިންމާނީ ކިހިނެއް ހެއްޔެވެ؟ ކޯޕަސްއަށް ލައި ކޮންމެ ލިޔުމެއް ކިޔައި އޭގެ ގަވައިދުގެ ބައިތައް ބަލަންޖެހޭއިރު އެ ކަން ކުރުމަކީ ފަސޭހަކަމެއް ހެއްޔެވެ؟

ބައެއް މީހުންގެ ހިތުގައި ހުރި ޝަކުވާތައް ކުރީ ފަރަހާގެ ގާތުގައެވެ. ބިލާލު ގާތުގައި އެ ޝަކުވާތައް ކޮށްފިނަމަ ދެންވާނެ ގޮތް އެ މީހުންނަށް އެނގެއެވެ. އެ ކަން އިތުރަށް ގޯސްވާނީކަން އެ މީހުން ގަބޫލުކުރެއެވެ.

ދިރާސާގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ބިލާލު ކުރާ ސުވާލުތަކަށް ފަރަހާ ޖަވާބުދާރީވެއެވެ. ދުވަހީ ރިޕޯޓް ބިލާލާ ހިއްސާކުރެއެވެ. އެއިން ކޮންމެ ފަހަރަކުމެ ބިލާލުގެ މޫނުމަތިން ފެންނަނީ ހިތްހަމަ ނުޖެހުމެވެ. ކަނޑައަޅާފައިވާ މުއްދަތަށް އެކަން ނުނިމިދާނެތީ ކުރެވޭ ޝަކުވާއެވެ. ފަރަހާއަށް ޖެހެނީ ބިލާލުގެ އެ ޝަކުވާތައް އަޑުއަހާށެވެ. އެ ހިތްހަމަ ނުޖެހުމުގެ ޝުއޫރާ ކުރިމަތިލާށެވެ. އެ ކަންކަން ހަމައަކަށް އަޅުވައި ބިލާލު ވިސްނާގޮތް ފަރަހާ ދިޔައީ ރިސާރޗްގެ ބައިވެރިންނަށް ހިއްސާކުރަމުންނެވެ. އަދި އެމީހުން ބޭނުންވާ ކަންކަމަށް ސުލްހަވެރި ހައްލެއް ފަރަހާ ދިޔައީ ހޯދައިދެމުންނެވެ. ބައެއް މީހުން ބިލާލާމެދު އޮތް ހިތްހަމަ ނުޖެހުންތައް ދިޔައީ ހައްލުކޮށްދެމުންނެވެ.

(ނިމުނީ)