އޭޝިއަން ކްރިކެޓް ކައުންސިލުން އިންތިޒާމުކޮށްގެން އޮމާނުގައި ބާއްވާ ވެސްޓާން ރީޖަން ޓީ20 ކްރިކެޓް މުބާރާތުގެ ތިންވަނަ މެޗުގައި ސައުދީ އަރަބިއްޔާ އަތުންވެސް ދިވެހިރާއްޖެ ބަލިވެއްޖެ އެވެ.

މިއަދު ކުޅުނު މެޗުން ސައުދީ މޮޅުވީ 6 ވިކެޓުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ރާއްޖޭގެ ޓީމު ގަސްތުކުރީ ކުޅުމަށެވެ. އެގޮތުން ކުޅެން އަރާ 20 އޯވަރު ހަމަވިއިރު، 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 139 ލަނޑެވެ. ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 67 ލަނޑު ހެދި ރިޝްވާން މުހައްމަދެވެ.

ޖަވާބުގައި ސައުދީ ކުޅެންއަރާ 17 ވަނަ އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 140 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ.

މުބާރާތުގައި ރާއްޖޭގެ ޓީމުން މިހާތަނަށް ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުން ކުވެއިތު އަތުން 8 ވިކެޓުން ބަލިވިއިރު، ދެވަނަ މެޗުން ބަހްރެއިން އަތުން ބަލިވީ 2 ވިކެޓުންނެވެ.

މުބާރާތުގެ ފަހު މެޗުގައި މާދަމާ ރާއްޖެ ނުކުންނާނީ ގަތަރާ ދެކޮޅަށެވެ. މިއަހަރުގެ މުބާރާތުގައި ފަސް ގައުމު ވާދަކުރާއިރު ފައިނަލުގައި ބައްދަލުކުރާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ގައުމެވެ.