އޭސީ މިލާންގެ ކުރީގެ ތަރި ޕްރިންސް ބޯޓެންގް މިސީޒަނުގެ ނިޔަލަށް ލޯނު އެއްބަސް ވުމެއްގެ ދަށުން ބާސެލޯނާ އަށް ބަދަލުވެއްޖެއެެވެ.

ގާނާ ގައުމީ ޓީމަށް ކުރިން ކުޅުނު އުމުރުން 31 އަހަރުގެ ޕްރިންސްގެ ކުޅުމަށް ބެލުމަށްފަހު މިސީޒަން ނިމުމުގެ ކުރިން އަށް މިލިއަން ޑޮލަރަށް އޭނާ ގަތުމުގެ ބާރު ބާސެލޯނާއަށް ވަނީ ލިބިފައެވެ. ބާސެލޯނާއިން ޕްރިންސް ގެނައީ އެޓީމުގެ ކުރިއަށް ކުޅެމުންދިޔަ މުނީރް އަލް ހަދީދީ އެޓީމު ދޫކޮށް ދިއުމާ ގުޅިގެންނެވެ.

ޕްރިންސް ބޮއެޓެންގް ބާސެލޯނާއަށް ސޮއިކުރުން ވެގެންދިޔައީ ގިނަބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށެވެ. ސަބަބަކީ ވޭތުވެދިޔަ އަހަރުތަކުގައި ޕްރިންސްގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައި ނުވުމުންނެވެ. އޭނާގެ ފަރާތުން އެދެވޭ ކުޅުމެއް ނުދެއްކޭތީ ގިނަފަހަރަށް ހުންނަން ޖެހުނީ ބެންޗުގައެވެ.

ޕްރިންސްގެ ޕުރޮފެޝަނަލް ފުޓުބޯޅަ ކެރިއަރު ފަށާފައިވަނީ ޖަރުމަނުގެ ހާތާ ބާލިންގައެވެ. އޭނާ ވަނީ މީގެކުރިންވެސް ސްޕެއިން ލީގުގައި ކުޅެފައެވެ. އެއީ ލަސް ޕަލްމަސް އަށެވެ. އިނގިރޭސި ވިލާތުގެ ޓޮޓެންހަމަށް ޕްރިންސް ވަނީ ބަދަލުވެފައެވެ. ނަމަވެސް އޭނާގެ ފަރާތުން މާ އެދެވޭ ކުޅުމެއް އޭނާއަކަށް ނުދެއްކުނެވެ.

ބާސެލޯނާއަށް ޕްރިންސް ބަދަލުވީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ 10 ވަނަ ކުލަބުގެ ގޮތުގައެވެ. ގިނަބަޔަކު ބުނާގޮތުގައި މިއީ ބާސެލޯނާއިން ކުރި ބޭކާރު މަސައްކަތެކެވެ. ނަމަވެސް ބާސެލޯނާގެ މެނޭޖުމަންޓް އޮތީ ވަރަށް ޕޮސިޓިވްކޮށެވެ.