އިންޑިއާގެ އުތުރުއިރުމަތީ ޓްރިޕޫރާ ސްޓޭޓްގައި އިންޑިއާއާއި ބަނގްލަދޭޝް ވަކިކުރާ އިމުގައި ތާށިވެފައިތިބި ރޮހިންގާ މުސްލިމުންގެ 31 މީހުން، އިންޑިއާ ފުލުހުން ހައްޔަރު ކޮށްފިއެވެ.

އިންޑިއާ ފުލުހުން މިއަދު ހައްޔަރުކުރި 31 މުސްލިމުންގެ ތެރޭގައި 16 ކުޑަކުދިންނާއި، ހަ އަންހެނުންވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ރޮހިންގާ މުސްލިމުންގެ މި ގްރޫޕަކީ އިންޑިއާ ސަރަހައްދުގައި ތިބުމަށްފަހު އިންޑިއާގައި ވެރިކަންކުރާ ހިންދޫ ސަރުކާރުން ރޮހިންގާ މުސްލިމުން ހިފައި ހައްޔަރު ކުރަމުންދާތީ އެކަމުން ސަލާމަތްވުމަށް ބަނގްލަދޭޝްއަށް އެތެރެވުމަށް މަސައްކަތްކުރި ބައެކެވެ.

އެހެން ނަމަވެސް، ބަނގްލަދޭޝްގެ ބޯޑަރ ގާޑުންވަނީ އެމީހުން ބަނގްލަދޭޝްއަށް ވަނަނުދީ ހުރަސްއަޅާފައެވެ.

ރިޕޯޓްތައް ބުނާގޮތުން، އިންޑިއާ ފުލުހުން ރޮހިންގާ މުސްލިމުންގެ 31 މީހުން ހައްޔަރުކުރީ، އެމީހުންނާމެދު އަމަލުކުރާނެ ގޮތަކާމެދު އިންޑިއާއާއި ބަނގްލަދޭޝް ބޯޑަރ އޮފިޝަލުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިގެންނެވެ.

މިޔަންމާގެ އަނިޔާވެރިކަމާހެދި ބަނގްލަދޭޝް ސަރަހައްދީ އިން ހުރަސްކޮށް އިންޑިއާ ސަރަހައްދުގެ ތެރެއަށްވަދެ، ޖިފުޓި ހަދައިގެން އެތައްހާސް މުސްލިމުން ދިރިއުޅެމުން ގެންދާއިރު، އިންޑިއާއިން ދެކެނީ އެމީހުންނަކީ ޣައިރުގާނޫނީ ގޮތުން އިންޑިއާގެ ތެރެއަށް ވަދެގަނެފައިވާ އިންޑިއާގެ ސަލާމަތަށްވެސް އޮތް ނުރައްކަލެއްގެ ގޮތުގައެވެ.

އެހެންވެ، އިންޑިއާއަށް އެތެރެވެ އެ ސަރަހައްދުތަކުގައި ދިރިއުޅެމުން ގެންދާ ރޮހިންގާ މުސްލިމުން ހޯދައި އެމީހުން މިޔަންމާއަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް އިންޑިއާއިން ގެންދަނީ ކުރަމުންނެވެ.

ބަނގްލަދޭޝް-އިންޑިއާ ވަކިކުރާ އިމުގައި ތާށިވެފައި ވަނިކޮށް އިންޑިއާ ފުލުހުން މިއަދު ހައްޔަރުކުރި މީހުންނަކީ އެގޮތުން އިންޑިއާއިން މިޔަންމާއަށް އަނބުރާ ފޮނުވާލަފާނެ ކަމުގެ ބިރަށް ބަނގްލަދޭޝްއަށް އެތެރެވުމަށް މަސައްކަތްކުރި ބައެކެވެ.

އެކަމަކު، ދާދިފަހުން އިންޑިއާއިން 1،300 ރޮހިންގާ މުސްލިމުންވަނީ ސަރަހައްދީ އިން ހުރަސްކޮށް ބަނގްލަދޭޝްއަށް އެތެރެވެފައެވެ.