އެފްއޭއެމުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ސަސްޕެންޑްކޮށްފިއެވެ.

އެފްއޭއެމުން މިކަން ހާމަކޮށް މީގެ ކުޑައިރުކޮޅެއްގެ ކުރިން ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ.

އެބަޔާނުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މިއަދާއި ހަމައަށް 10 ކުޅުންތެރިންނަށް ދޭންޖެހޭ ޖުމްލަ 3.8 މިލިއަން ދިވެހިރުފިޔާއަށްވާ މުސާރައާއި އުޖޫރަ، ނިއު އިން ދައްކާފައިނުވާތީއާއި އެކަމާއި ގުޅިގެން އެކިފަހަރު މަތިން އެފްއޭއެމްގެ ޕްލެޔަރ ސްޓޭޓަސް ކޮމެޓީއަށް ހާޒިރުކުރެވި، މައްސަލަ ހުށައެޅިފައިވާ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް އެތައް މުހުލުތުތަކަކާއި ފުރުސަތެއް ދެވުނުނަމަވެސް އެކަންކަން ކޮށްފައިނުވާކަމަށެވެ.

ކުލަބުގެ ބަޖެޓުގައި ފައިސާ ނެތްކަމަށާއި ހުރިހާ ފައިސާއެއް ޚަރަދުކޮށް ހުސްވެފައިވާކަމަށް ބުނެ މިއަދާ ހަމައަށްވެސް ކުޅުންތެރިންނާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުލަބުން އަދާކުރަން ޖެހޭ ހައްގުތައް އަދާކުރުމުގައި ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުލަބުން އަމަލު ކޮށްފައިވާކަމަށް އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ކުޅުންތެރިންގެ މުސާރައިގެ މައްސަލާގައި ނިއު އަށް އަދަބުދީފައި ވަނީ ހިންގާ ގަވައިދުގެ 14 މާއްދާގެ ދަށުން ކަމަށާއި މި ސަސްޕެންޝަން ކުޅުންތެރިންގެ މުސާރަ ދައްކާ ހަލާސްކުރުމާއި ހަމަޔަށް ދެމި އޮންނާނެ ކަމަށް އެފްއޭއެމް ބުނެއެވެ. ސަސްޕެންޝަނުގެ މުއްދަތުގައި އެފްއޭއެމްގެ އެއްވެސް ގުނަވަނަކުން ހިންގާ އެއްވެސް ކަމެއްގައި އެ ކުލަބަށް ބައިވެރިއެއް ނުވެވޭނެ އެވެ.

އަދި މި މައްސަލަ އިތުރަށް ބަލާ ދިރާސާކޮށް އިތުރަށް އަޅަންޖެހޭ ފިޔަވަޅެއް އޮތްތޯބެލުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވުމަށް ހިންގާ ކޮމެޓީ އިން ފާސްކޮށްފައިވާ ކަމަށް ވެސް އެފްއޭއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ނިއު ސަސްޕެންޑްކޮށްފައިވާއިއިރު އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ބާއްވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތައް އެޓީމުގެ ފަރިތަކުންތައް ވަނީ ފަށާފައެވެ.

މުސާރައިގެ މައްސަލާގައި ކަމަށް ބުނެ، ނިއު ސަސްޕެންޑްކޮށްފައިވާއިރު އެއްވަނަ ޑިވިޒަނުގައި ވާދަކުރާ 10 ކުލަބުގެ ތެރެއިން 8 ކުލަބުގެ މައްސަލަ އެ އިދާރާއަށް ހުޅައަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެފްއޭއެމުން ނިއުރޭޑިއަންޓް މި ސަސްޕެންޑްކުރީ އެފްއޭއެމްގެ ވޯޓްލެވޭ މެޖޯރިޓީ ކްލަބުތަކުން އެކްސްޓާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ސޮއިކޮށްފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެފްއޭއެމްގެ ހިންގުމާއި ބެހޭ ގޮތުން ކުލަބުތަކާއި ފުޓްބޯޅަ އާއިލާގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ ދަޑިވަޅެއްގައެވެ. އެހެން ކަމުން އެފްއޭއެމްގެ މި އަމަލަކީ އެކްޓަރާ އޯޑިނަރީ ކޮންގްރެސްއަށް ގޮވާލި ކުލަބުތަކަށް ބިރުދެއްކުމަށް ކޮށްފައިވާ ކަމެއް ކަމަށް ފުޓްބޯޅައިގެ ތަޖްރިބާކާރުން ބުނެއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު އަދި އެންމެ ސަޕޯޓަރުން ގިނަ ކުލަބުގެ ގޮތުގައި އޮތް ނިއު އަކީ ފުޓްބޯޅަ އިން އެންމެ ގިނަ ކާމިޔާބު ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ވެސް ހޯދާފައިވާ ޓީމެވެ. އެޓީމު ވަނީ ގައުމީ މުބާރާތުގެ ފައިނަލްގައި 22 ފަހަރު ކުޅެ، 12 ފަހަރު ކާމިޔާބުކޮށްފައެވެ. އެޓީމު ވަނީ ލީގް ޗެމްޕިއަންކަން އެންމެ ގިނަ އިން ހޯދި ޓީމުގެ ޝަރަފް ވެސް ހޯދާފައެވެ. ހަ ފަހަރު ނިއު އިން ލީގް ހޯދާފައިވާއިރު ބޮޑެތި އެހެން މުބާރާތްތައް އެޓީމު ވަނީ އެތައް ފަހަރަކު ހޯދާފައެވެ.