ހަނގުރާމަވެރި މުސްލިމް ފައުޖުތައް ހަރަކާތްތެރިވާ ފިލިޕިންސްގެ ރަށެއް ކަމަށްވާ ޖޯޖޯގެ ފައްޅިއެއްގައި ދިން ބޮމުގެ ހަމަލާއެއްގައި 19 މީހުން މަރާލައިފި އެވެ.

ފިލިޕީންސްގެ ނޭޝަނަލް ޕޮލިސް ޗީފް އޮސްކަރ އަކްބަޔަލްޑޭ އާއި ހަވާލާދީ މީީޑިއާތައް ބުނާ ގޮތުން މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެގައުމުގެ ސިފައިންވެސް ހިމެނެެ އެވެ.

މި ހަމަލާގެ ފުރަތަމަ ބޮން ގޮއްވާލާފައިވަނީ ސޫލޫ ޕްރޮވިންސްގެ ކެޕިޓަލް ޖޯލޯގެ ފައްޅި ކައިރީގަ އެވެ.

ފިލިޕީންސް ސިފައިންގެ އޮފިޝަލުން ބުނާ ގޮތުން ދެވަނަ ބޮން ހަމަ އެސަރަހައްދާއި މާ ދުރު ނޫން ހިސާބެއްގައި ގޮއްވާލާފައި ވަނީ ފިލިޕީންސް ސިފައިން ރައްދު ހަމަލައަކަށް ތައްޔާރުވަނިކޮށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މިހަމަލާގެ ފޮޓޯތަކުން ފެންނަ ގޮތުގައި މިހަމާލާ ދިނުމާއި އެކު މަރުވި މީހުންނާއި އަނިޔާވި މީހުން ބިންމަތީގައި ތިބި މަންޒަރު ފެނެ އެވެ. މި ސަރަހައްދަކީ މީގެ ކުރިންވެސް މިފަދަ ހަމަލާތައް ދީފައިވާ ސަރަހައްދެކެވެ.

މިހަމަލާގައި އަނިޔާވި ބައެއް މީހުން ވައިގެ މަގުން އިތުރު ފަރުވާ އަށް ޒެންބޮންގާ ސިޓީއަށް ވަނީ ގެންގޮސްފަ އެވެ.

މި ހަމަލާއާ ގުޅިގެން ދީނީ އަޅުކަންތައް ކުރާ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ސަލާމަތާ ބެހޭ އިދާރާތަކަށް އަންގާފައިވާ ކަމުގައި އެޮފިޝަލުން ވިދާޅުވެ އެވެ.

ބޮން ތަކެއް ގޮއްވާލި ފިލިޕީންސްގެ ޖޯލޯ އަކީ އެމެރިކާއިން ބްލެކް ލިސްޓްކޮށްފައިވާ ހަައްދުފަހަނައެޅި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަބޫ ސައްޔާފް ގުރޫޕްގެ ހަނގުރާމަވެެރިން ދިރިއުޅޭ ސަރަހައްދެވެ. އެ ގުރޫޕުން މީގެ ކުރިންވެސް މި ސަރަހައްދުގައި ބޮންގޮއްވުމާއި މީހުން ވަގަށް ނެގުމާއި މީހުން މެރުން ފަދަ ލާއިންސާނީ ކަންކަން ހިންގާފައިވެ އެވެ.

މިއަދުގެ މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެ އެވެ.