ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ޖުއާން ގުއާއިޑޯ އެ ގައުމު ދޫކޮށް އެހެން ގައުމަކަށް ދަތުރު ކުރުން މަނާކޮށް، އޭނާގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ވެނެޒުއޭލާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

އެޤައުމުގެ ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތް މައިކަލް މޮރޭނޯ ބުނި ގޮތުގައި އޭނާ ޤައުމުން ބޭރަށް ނުދެވޭ ގޮތަށް ހަމަޖައްސީ އިއްޔެ ކަމަށާއި މި އަމުރުނެރެފައި ވަނީ ޤައުމުގެ އަމާންކަން ނަގާލަން އުޅުމުގެ ކުށުގައި ކަމަށެވެ.

ގުއާއިޑޯ އާއި ދެކޮޅަށް ވަރުގަދަ އަމުރެއް ނެރެފައި މިވަނީ އޭނާ އަކީ އެ ގައުމުގެ ރައީސް ކަމަށް ނިމިދިޔަ ހަފްތާގެ ތެރޭގައި ޖުއާން ގުއާއިޑޯ އަމިއްލައަށް ނިންމާ އެކަން އިއުލާންކޮށްފައި ވަނިކޮށެވެ.

ގުއާއިޑޯ އަމިއްލައަށް ވެނެޒުއޭލާގެ ރައީސްކަމާ ހަވާލުވެވަޑައިގެންފައި މިވަނީ އެގައުމުގެ ކުރީގެ ރައީސް ހޫގޯ ޗާވޭޒް މީގެ ހަ އަހަރު ކުރިން އަވަހާރަވި ފަހުން އެ ގައުމުގައި ވެރިކަން ކުރައްވަމުން ގެންދަވާ ނިކޮލަސް މަޑޫރޯގެ ވެރިކަމަކީ ހުދުމުހުތާރު ވެރިކަމެއް ކަމަށް ވިދާޅުވުމަށްފަހު އެވެ. ވެނެޒުއޭލާގެ ސަރުކާރަކީ ގާނޫނީ ސަރުކާރަކަށް ނުވާ ހިސާބުން ގައުމުގެ ހިންގުމާއި ހަވާލުވެވަޑައިގަންނަވާނީ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމަށް ގާނޫނުއަސާސީގައި ވާތީއާއި މިވަގުތު އެ މަގާމުގައި ހުންނެވީ އޭނާ ކަމަށްވާތީ ގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ ކަމަށްވެސް ގުއާއިޑޯ ވަނީ ވިދާޅުވެފަ އެވެ.

ގުއާއިޑޯ ވިދާޅުވީ އޭނާ ބޭނުންވަނީ ވީހާވެސް އަވަހަށް މިނިވަން އިންސާފުވެރި އިންތިހާބެއް ވެނެޒުއޭލާގައި ބޭއްވުމަށެވެ.

ނިކޮލަސް މަޑޫރޯ ވެނެޒުއޭލާގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެ ގައުމުގެ އިގްތިސޯދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އަދި މިކަމުގެ ސަބަބުން ފަގީރުކަން އިތުރުވެ، ގައުމުގެ ހަމަޖެހުން ވަނީ ގެއްލިފަ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އެގައުމުގެ އެތައް ހާސް ބަޔަކު ވަނީ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްފަ އެވެ.

ވެނެޒުއޭލާގައި 2014 ވަނަ އަހަރު ފެށުނު ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން 2014 ވަނަ އަހަރު 80 މީހުން އަދި 2017 ވަނަ އަހަރު 170 މީހުން ވަނީ މަރުވެފަ އެވެ.

ވެނެޒުއޭލާގެ ރައީސްކަމާ އަމިއްލައަށް ހަވާލުވެވަޑައިގެންނެވި ގުއާއިޑޯ އޭނާގެ ސަރުކާރު އިއުލާންކުރުމާއެކު އެމެރިކާ، ކޮލޮމްބިއާ، ކެނެޑާ އަދި ބްރެޒިލް އާއި އާޖެންޓީނާ އަދި ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ ގުއާއިޑޯގެ ސަރުކާރު ބަލައިގަނެ އޭނާއަށް މަރުހަބާ ކިޔާފަ އެވެ.

ގުއާއިޑޯގެ ބޭންކް އެކައުންޓްތައް ފްރީޒުކުރަން އެގައުމުގެ ސުޕްރީމް ކޯޓުން އަމުރުކުރީ ވެނެޒުއޭލާގެ ބޭންކްތަކުގެ ކޮންޓްރޯލް ގުއާއިޑޯގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެމެރިކާ އިން ބުނިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޮލްޓަން ކުރައްވާފައިވާ ޓުވީޓެއްގައި ވަނީ ގުއާއިޑޯ އަށް އަނިޔާކުރަން އުޅޭ މީހަކަށް އަދި ޑިމޮކްރަސީ ފަހަތަށް ޖައްސަން އުޅޭ ކޮންމެ މީހަކަށް ނުރައްކާ ކުރިމަތިވާނެ ކަމަށް ވިދާޅުވެ ވެނެޒުއޭލާ ސަރުކާރުގެ އިސް ފަރާތްތަކަށް އިންޒާރު ދީފަ އެވެ.

ގުއާއިޑޯގެ ސަރުކާރަށް ތާއީދުކުރާ ކަމަށް އެމެރިކާ ބައްރުގެ ބައެއް ގައުމުތަކާ ހުޅަނގުގެ ބައެއް ގައުމުތަކުން ބުނި ނަމަވެސް މާޑޫރޯގެ ސަރުކާރަށް ރަޝިޔާ، ޗައިނާ އަދި ތުރުކީ ފަދަ ބައެއް ގައުމުތަކުން ތާއީދުކޮށްފައިވާތީ މަޑޫރޯ ދޫނުދެއްވާނެ ކަމަށް މުރާސިލަރުން ގެންދަނީ ބުނަމުންނެވެ.

ވެނެޒުއޭލާގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ގިނަ ބަޔަކު ބަލަމުންދަނީ ވެނެޒުއޭލާގެ ސިޔާސީ މަސްރަހާ ގުޅިގެން އެގައުމުގެ އަސްކަރީ ބާރުތަކުން އަމަލުކުރާނެ ގޮތަކަށް ކަމަށެވެ. ސަބަބަކީ އެ ގައުމުގެ ސިފައިން ނިކޮލަސް މަޑޫރޯއަށް މިހާރުވެސް އިޚްލާސްތެރިވާ ފަދައިން އިޚްލާސްތެރިވާ ނަމަ، އެގައުމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ނުފެންނެ ކަމަށްވެސް މުރާސިލަރުން ދަނީ ބުނަމުންނެެވެ.