(20 ޖެނުއަރީ 2019 އާ ގުޅޭ)

ދިރާސާގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ބިލާލު ކުރާ ސުވާލުތަކަށް ފަރަހާ ޖަވާބުދާރީވެއެވެ. ދުވަހީ ރިޕޯޓް ބިލާލާ ހިއްސާކުރެއެވެ. އެއިން ކޮންމެ ފަހަރަކުމެ ބިލާލުގެ މޫނުމަތިން ފެންނަނީ ހިތްހަމަ ނުޖެހުމެވެ. ކަނޑައަޅާފައިވާ މުއްދަތަށް އެކަން ނުނިމިދާނެތީ ކުރެވޭ ޝަކުވާއެވެ. ފަރަހާއަށް ޖެހެނީ ބިލާލުގެ އެ ޝަކުވާތައް އަޑުއަހާށެވެ. އެ ހިތްހަމަ ނުޖެހުމުގެ ޝުއޫރާ ކުރިމަތިލާށެވެ. އެ ކަންކަން ހަމައަކަށް އަޅުވައި ބިލާލު ވިސްނާގޮތް ފަރަހާ ދިޔައީ ރިސާރޗްގެ ބައިވެރިންނަށް ހިއްސާކުރަމުންނެވެ. އަދި އެ މީހުން ބޭނުންވާ ކަންކަމަށް ސުލްހަވެރި ހައްލެއް ފަރަހާ ދިޔައީ ހޯދައިދެމުންނެވެ. ބައެއް މީހުން ބިލާލާމެދު އޮތް ހިތްހަމަ ނުޖެހުންތައް ދިޔައީ ހައްލުކޮށްދެމުންނެވެ.

ފަރަހާ ދިޔައީ ވިސްނަމުންނެވެ. ބިލާލަށް އަންނަމުން ދިޔަ ބަދަލުތައް ދިޔައީ ފާހަގަކުރަމުންނެވެ. ހަ މަސް ދުވަހު ބިލާލާއެކު ކުރެވުނު މަސައްކަތުން ފަރަހާއަށް ފާހަގަވީ އޮފީސް މަސައްކަތަށް ބިލާލު ހުންނަ ޝައުގުވެރިކަމެވެ. ދިރާސީ މަސައްކަތަށް އެ ބަހައްޓާ ފަރުވާތެރިކަމެވެ. އެއްވެސް ފޫހިކަމެއް ނެތި އެ ކަމަށް އެ ހޭދަކުރާ ވަގުތެވެ. ބިލާލަށް ނުވިސްނެނީ އެހެން މީހުން އެ ޝައުގުވެރިކަން ނުހުރެދާނެކަމެވެ. އެހައި ގިނަ ވަގުތު އެ ކަމަށް ހޭދަކުރަން އުނދަގޫވެދާނެ ކަމެވެ. ފަރަހާގެ ޝަކުވާތައް ބިލާލާ ހަމައަށް އުފުލަން ޖެހެނީ އެހެންވެއެވެ.

"އަޅުގަނޑަށް ހީވަނީ އެ މީހުން ވެސް މިކަން ކުރަނީ ފަރުވާ ބަހައްޓައިގެންހެން. ކޮންމެ މީހަކު ވެސް އެ މީހަކަށް ދެވޭ އެންމެ ގިނަ ވަގުތު މިކަމަށް ދޭހެން" ފަރަހާ ޚިޔާލު ފާޅުކުރީ ބިލާލު ވިސްނަމުންދާ ގޮތް ބަދަލު ކުރެވޭތޯއެވެ.

"ނޫން. ފަރަހާއަކަށް ނޭނގޭނެ. އެ މީހުން ބޭނުންވާނީ ގިނަ ދުވަހުން މިކަން ކުރަން. ދުވަސް ގިނަވީ ވަރަކަށް އެ މީހުންނަށް ލިބޭ ފައިދާ ބޮޑުވާނެ. ރަނގަޅު އެއްޗެއް ލިބޭނެ. ފަރަހާ ވެސް ތި ވިސްނަނީ އެހެން" ބިލާލު ދޫކޮށްލި ޖުމުލައިން ފަރަހާ ކުރަން އިން މަސައްކަތް ހުއްޓުނެވެ. އޭނާ ބިލާލާ ދިމާއަށް ބަލައިލިއެވެ. އޭރު ބިލާލު ވެސް އިނީ ފަރަހާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

"ތި ވިދާޅުވަނީ އަޅުގަނޑު މަސައްކަތް މި ކުރަނީ މި ކަން ލަސްކުރާށޭތޯ؟" ފަރަހާ ސުވާލު ކުރިއެވެ.

"އެހެންވެތާ ތި ގޮތަށް އެ މީހުންގެ ދިފާޢުގައި އަބަދު ވާހަކަ ދައްކާނީ" ބިލާލު އެއްވެސް ޖެހިލުމެއް ނެތި ޖަވާބު ދިނެވެ.

"އަޅުގަނޑަކީ އެ މީހުންގެ މަސައްކަތް ބަލަހައްޓަން ހުންނަ ފަރާތް. އެހެންވީމާ އެ މީހުންގެ ޝަކުވާތައް އުފުލަން ހުންނާނީ އަޅުގަނޑެއް ނޫންތޯ؟ އެ މީހުން ކުރާ މަސައްކަތް އަޅުގަނޑަށް އެބަ ފެނޭ. އަޅުގަނޑަށް އެނގެނީ މި ކަމުގައި ގިނަ ދުވަސް ވިޔަސް އަޅުގަނޑަށް ވާނެ ވަކި ފައިދާއެއް ނެތްކަން. އެހެންވީމާ ތިޔަ ވިސްނަވަނީ އަދި ރަނގަޅަކަށް ނޫން" ފަރަހާ ޖަވާބު ދިނެވެ.

"ބައެއް ފަހަރު ފަރަހާއަށް ހީވާ ކަހަލަ ފަރަހާ ތީ ހަމައެކަނި އެ މީހުންގެ ޝަކުވާތައް އުފުލަން ހުންނަ މީހެކޭ. ބުނެބަލަ ދުވަހަކު ވެސް އެ މީހުންގެ މަސައްކަތް ލަސްވެގެން އެ ޝަކުވާ އުފުލިންތަ؟ އެ މީހުން މަސައްކަތަށް ފަރުވާ ކުޑަވެގެން އެ ޝަކުވާ ކުރިންތަ؟" އަނެއްކާ ވެސް ބިލާލު ކުރީ ނުރުހުމުގެ ސުވާލުތަކެކެވެ.

"އަޅުގަނޑަށް އެނގެނީ އެއިން އެއްވެސް މީހަކު ވެސް ވަގުތުތަކެއް ބޭކާރު ނުކުރާކަން. ދުވަހުން ދުވަހަށް ހަވާލުކުރާ ޓާސްކުތައް ނިންމާކަން. އެހެންވީމާ އެ ޝަކުވާތައް ކުރާނެ ޖާގައެއް އަޅުގަނޑަކަށް ނުލިބޭ. ކޮންމެ މީހަކަށް ވެސް މަސައްކަތް ކުރެވޭނީ ވަކި ވަރަކަށް ނޫންތޯ؟ ވިދާޅުވާހާ އަވަހަށް އެއްވެސް ކަމެއް ނުކުރެވޭނެ. އެއީ ވެސް އިންސާނުން. އެމީހުން ވެސް ހިތްހަމަ ޖައްސައިދެވޭތޯ ބަލަންވާނެ" ފަރަހާ ބޭނުންވީ ބިލާލަށް ވިސްނައި ދެވޭތޯއެވެ.

"ތި ބުނަނީ އަހަރެން މަސައްކަތް ކުރަނީ ހިތްހަމަ ޖައްސައި ނުދީއޭތަ؟" ބިލާލު ހިތްހަމަ ނުޖެހި އިނދެ ސުވާލު ކުރިއެވެ.

"އެއީ ޔަގީންކަމެއް. ހިތްހަމަ ޖެހުން އޮތީ ހަމައެކަނި ފައިސާއަކު ނޫން. އަމިއްލަ ދިރިއުޅުމަކީ ވެސް ހިތްހަމަ ޖެހުމުގެ ބައެއް. ގޭތެރޭގެ ހާސްކަމުގައި ހުންނަ މީހަކު މި ތަނަށް އައިސް ރަނގަޅަށް މަސައްކަތް ކުރެވިދާނެކަމަށް ގަބޫލުފުޅު ކުރައްވަމުތޯ؟ އެހެން ކަމަކާ މެދު ވިސްނަމުންދާ މީހަކަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރެވިދާނެކަމަށް ގަބޫލުފުޅުކުރައްވަމުތޯ؟ އަޅުގަނޑަށް ޔަގީން ނުކުރެވޭނެކަން. ބޮޑު މުސާރަ ލިބުމަކީ ވެސް ހިތްހަމަ ޖެހޭނެ ކަމެއް. އަދި އެ މީހުންގެ މަސައްކަތަށް ތަޢުރީފު ކުރުމަކީ އެއަށްވުރެ ބޮޑު ހިތްހަމެޖެހުމެއް ލިބޭނެކަމެއް. ބޮސްގެ ދުލުން އެ މަސައްކަތަށް ތަޢުރީފުގެ ބަހެއް ވިދާޅުވި އަޑެއް އަޅުގަނޑެއް ނާހަން." އެއްވެސް ޖެހިލުމެއް ނެތި ފަރަހާ ވާހަކަދެއްކިއެވެ.

"އަހަރެންގެ ކުރިމަތީ ތި ކަހަލަ ވާހަކަތައް ދައްކާކަށް ފަރަހާއަކަށް ނުޖެހޭ. އަހަރެން ކަންތައް ކުރަންވީ ގޮތް އެނގޭނީ އަހަރެންނަށް. އެއީ ފަރަހާއަށް ފާޑު ކިޔޭނެ ކަންކަމެއް ނޫން" ބިލާލުގެ މޫނުމަތިން ފާޅުވީ ހިތްހަމަ ނުޖެހުމެވެ. އޭނާގެ އަޑު ވެސް އިތުރަށް ބާރުވިއެވެ.

"މިގޮތަށް ވާހަކަ ދެއްކުމުގެ ހުއްދަ ދެއްވީ ތިޔަ ބޭފުޅާ. ކަންކުރާ ގޮތަށް ފާޑު ވިދާޅުވުމުގެ ހުއްދަ ދެއްވީ ވެސް ހަމަ ތިޔަ ބޭފުޅާ. އެހެން ނޫންނަމަ މިގޮތަކަށް އަޅުގަނޑު ވާހަކައެއް ނުދެއްކީމުސް. މި ޚިޔާލުތައް ހިއްސާއެއް ނުކުރެއްވީމުސް. ކަންކުރާނެ ގޮތް އެނގިވަޑައިގަންނަވާނީ ތިޔަ ބޭފުޅާއަށް. ޔަގީނުން ވެސް ކުރިއަށް އޮތް ހަ މަހު އަޅުގަނޑު ކެތްކުރާނަން" ފަރަހާ ޖަވާބުދިނީ ފިސާރި ކެރިގެންނެވެ. އޭނާ ފާޅުކުރީ އޭނާގެ ހިތުގައި އޮތް ޚިޔާލުތަކެވެ. އެ ޚިޔާލުތަކާއެކު ފަރަހާ ނުކުތީ ބޭރަށެވެ. ފަރަހާ އެކަން އެގޮތަށް ކުރީ ގަސްތުގައެވެ. ބިލާލު ހިތްހަމަ ނުޖެހުގެ ކުރިމަތީ ހުރެއްޖެ ނަމަ އޭނާ އެކަމާމެދު ނުވިސްނާނެކަން ފަރަހާއަށް އެނގެއެވެ. އެ ތަޖުރިބާ އޭނާ ވަނީ ކޮށްފައެވެ.

ފަރަހާ ނުކުތުމާއެކު އިށީނދެ އިން ގޮނޑީގައި ބިލާލުގެ ބޯ ބާއްވާލިއެވެ. އެއަށްފަހު ފުން ނޭވާއެއްލިއެވެ. އޭނާގެ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން އެ ލީ ނޭވާއަކާއެކު ބެރުކޮށްލިއެވެ. ފަރަހާ ދެއްކި ވާހަކަތަކާމެދު ވިސްނަން ފެށިއެވެ. އޭނާއަށް ކަންކުރެވޭ ގޮތާމެދު ޚިޔާލު ކުރިއެވެ. އެ ޚިޔާލުތަކާއެކު އެކި ފަހަރު މަތިން ފަރަހާ ދައްކާފައިހުރި ވާހަކަތައް އައިސް ބިލާލުގެ ސިކުނޑި ވާށާލިއެވެ. ފަރަހާ ހިތްހަމަ ނުޖެހިއްޖެ ނަމަ ދެންވާނެ ގޮތް އޭނާގެ ހިތަށް އަރަމުންދިޔައެވެ. އެ މުވައްޒަފުން އެމީހުންގެ ދިރިއުޅުމުގެ ވާހަކަތައް ފަރަހާއާ ހިއްސާކުރާނީ ކޮންމެވެސް ވަރެއްގެ އިތުބާރެއް ފަރަހާއާމެދު އުފެދިފައިވާތީކަން ބިލާލަށް ވެސް ގަބޫލުކުރެވުނެވެ. އޭނާ ދޫކޮށްލައިފިނަމަ އެ މީހުންގެ ހިތްހަމަ ނުޖެހުން އިތުރު ވެދާނެކަން ބިލާލަށް ގަބޫލުކުރެވުނެވެ. ބިލާލު ވިސްނިއެވެ. އެތައް އިރަކު އެ ޚިޔާލުތަކުގައި އިނެވެ. އެގޮތަށް އިންދައި ބިލާލަށް ނިދުނީއެވެ.

ބިލާލަށް ހޭލެވުނީ ހަވީރު ވަނިކޮށެވެ. ކުއްލި ސިހުމާއެކު ހޭލެވުނު ބިލާލު އަވަސް އަވަހަށް ތެދުވިއެވެ. އަދި އެ ކޮޓަރިން ބޭރަށް ނުކުމެ އޮފީސްތެރެ ބަލައިލިއެވެ. އޭރު އޮފީހުގައި އެކަކު ވެސް ނެތެވެ. ފަރަހާ ވެސް ނޫޅެއެވެ. ބިލާލަށް ހީވީ ކުޑަ ނުތަނަވަސްކަމެއް ހިތަށް ވެރިވިހެންނެވެ. އެހެން ދުވަސް ދުވަހު އޭނާ އޮފީހުން ގެއަށް ދާއިރު ފަރަހާ އިނދެއެވެ. އޭނާއަށް ކޮފީ ތަށި ގެނެސްދެއެވެ. އެ ޚިދުމަތުން ބިލާލަށް ހިތްހަމަ ޖެހުން ހޯދައިދެއެވެ. ނަމަވެސް އެ ޚިދުމަތް ނުލިބި ފާއިތުވެ އެ ދިޔައީ އެންމެ ދުވަހެކެވެ. އެކަމުން ނުތަނަވަސްކަން ވެރިވެއްޖެއެވެ.

ބިލާލުގެ އަތުގައި އޮތް ފޯނު ނަގައި ފަރަހާއަށް ގުޅިއެވެ.

"ކޮބާ ގެއަށް ދިޔައީތަ؟" ބިލާލު ސުވާލު ކުރިއެވެ.

"މަސައަކަތް ކުރަން ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން ގެއަށް އައީ" ފަރަހާ ދިނީ ކުރު ޖަވާބެކެވެ.

"އެހެން ދުވަސް ދުވަހު ހަތަރެއް ޖަހަންދެން އިންނަމެއްނު. މިއަދު މާ އަވަހަށް ގެއަށް ތި ދިޔައީ؟" ބިލާލުގެ ވާހަކައިގައި ޝަކުވާގެ ރާގު ނެތް ނަމަވެސް ނުތަނަވަސްކަން ހުއްޓެވެ.

"އެއީ އަމިއްލަ ކަމެއް އޮތީމާ. އެހެން ނޫނަސް ހިތްހަމަ ނުޖެހުމުގައި ހުރެ މަސައްކަތް ކުރުމަކީ އަޅުގަނޑަށް ކުރަން ފަސޭހަކަމެއް ނޫން" ފަރަހާ ޖަވާބު ދިނީ ވަރަށް ވިސްނުންތެރިކަމާއެކުއެވެ.

"ތިޔަ ބުނާ އަމިއްލަ ކަމަކީ ކޮބައިކަން ބުނެވިދާނެތަ؟" ބިލާލު ކުރީ މީގެ ކުރިން ދުވަހަކު ވެސް ކޮށްފައި ނުވާ ސުވާލެކެވެ.

"އަމިއްލަ ކަންކަމުގެ ވާހަކަތައް އަޑުއެހުމަކީ ބޮސް ބޭނުންފުޅުވާ ކަމެއް ނޫނެއް ނޫންތޯ؟ އެހެންވީމާ އެ ފަދަ ސުވާލަކަށް ދޭ ޖަވާބަކީ ވެސް ބޭކާރު ޖަވާބެއް ނޫންތޯ؟" ފަރަހާ ޖަވާބު ދިނީ ބިލާލުގެ ދުލުން ދައްކާފައިވާ ވާހަކަތަކާ ގުޅުވާލައިގެންނެވެ. އެއީ މީގެ ކުރިން ބިލާލުގެ ވިސްނުން ހުރި ގޮތެވެ. މުވައްޒަފެއްގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ދެއްކުމުން ބިލާލު ދިން ޖަވާބު އެނާ ހަނދާނަށް އައެވެ. އެ ދުވަހު ކަންތައް ވީގޮތް ވެސް ސިފަވެގެން ދިޔައެވެ.

"އެހެން މީހުންގެ އަމިއްލަ ކަންތައްތައް އަޑު އަހަން ބޭނުން ނުވި ނަމަވެސް ފަރަހާގެ އަމިއްލަ ކަންތަކުގެ ވާހަކަ އަހަރެން އަޑު އަހައިހިއްވެއްޖެ. އެހެންވެ ހަމަ އަހައިލީ. ބުނަން ބޭނުން ނުވާކަމެއް ބުނާނެކަމެއް ނެތް. އެކަމަކު އަދި އެއް ސުވާލު އެބަ އޮތް. ފަރަހާ ތިހުރީ އަހަރެން ދެކެ ހިތްހަމަ ނުޖެހިފައިތަ؟" ބިލާލު ކުރީ އޭނާގެ ހިތުގައި އޮތް ސުވާލެވެ. އެ ފޯނުކުރަން އޭނާއަށް މަޖުބޫރުވި ސުވާލެވެ.

"ނޫން. މިހާރަކު ހިތްހަމަ ނުޖެހުމެއް ނެތް" ފަރަހާ ޖަވާބު ދިނީ ސީދާ ސުވާލަށެވެ. އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. އޭނާ ދައްކަން ބޭނުން ކިތަންމެ ވާހަކައެއް ހުއްޓެވެ. ނަމަވެސް ދައްކަން ބޭނުން ނުވީއެވެ. ބިލާލުގެ ގޮތް އެނގޭތީއެވެ.

ފަރަހާގެ ހިތުން ބިލާލަށް އެތައް ވާހަކައެއް ކިޔައިދެއެވެ. އޭނާގެ މިޒާޖަށް އެތައް ބަދަލެއް ގެންނަން ބޭނުންވެއެވެ. އެހެން މީހުންދެކެ ލޯބިވާނެ މީހަކަށް ބިލާލު ހަދަން ފަރަހާ ބޭނުންވެއެވެ. މުވައްޒަފުންގެ ލޯބި ހޯދައިދޭން ވެސް ފަރަހާ ބޭނުންވެއެވެ. ބިލާލު ހިތްހަމަ ނުޖެހޭ ކަންކަން ދިމާވަނީ އެ ސަބަބާ ހެދިއެވެ. ބިލާލުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތަކާއި ބިލާލުގެ ރަނގަޅުކަން އަންގައި ދިނުމަށް ފަރަހާ ކުރަމުންދާ މަސައްކަތްތަކުންނެވެ.

ޖެހިގެން އައި ދުވަހު ފަރަހާ އޮފީހަށް ދިޔައީ ބަރާބަރު އަށެއް ޖަހަނިކޮށެވެ. އެހެންޏާ 7:30 ވާއިރަށް ފަރަހާ ހުންނާނީ އޮފީހުގައެވެ. ފަރަހާގެ އެ ލަސްވުމުން ބިލާލުގެ ހިތަށް އެތައް ސުވާލެއް ވެރިވިއެވެ. ފަރަހާގެ ގޭ މީހަކު ބަލިވީބާއެވެ. އެހެންޏާ ނުވާކަމެއް ދިމާވީ ބާއެވެ.

(ނުނިމޭ)