އިންޓަނެޓް ބޭނުންކުރުމުގައި އަޅަންޖެހޭ ސަލާމަތާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އިލްތިމާސް ކުރައްވައިފި އެވެ.

މިނިސްޓަރު މަލީހް މިކަމަށް އިލްތިމާސް ކުރެއްވީ ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ ސޭފާ އިންޓަނެޓް ދުވަހާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެެ.

މިނިސްޓަރ މަލީހް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 55 އިންސައްތަ މީހުން އިންޓަނެޓް ބޭނުންކުރާ ކަމަށެވެ. ރާއްޖޭގައި އިންޓަނެޓް އެންމެ ގިނައިން ބޭނުން ކުރަނީ ޒުވާނުންނާއި ތައުލީމު ހާސިލްކުރާ ކުދިން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިންޓަނެޓް ބޭނުން ކުރުމުގައި ސަލާމަތާ ރައްކާތެރިކަމަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. އެހެންކަމުން އެކަން އާންމުންނަށް ބުނެދިނުމަށް މިސަރުކާރުން ހާއްސަ ކެމްޕޭނެއް ފަށަން ނިންމާފައިވާ ކަަމަށާއި މިއީ މިފަދަ ފުރަތަމަ ކެމްޕޭން ކަމަށްެވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އިންޓަނެޓް ބޭނުންކުރުމުގައި ތިމާ އަމަލުކުރާ ގޮތަކުން އެހެން މީހުންނަށް ވެދާނެ ގޮތަކާ މެދު ވިސްނާލުމަށްވެސް އިލްތިމާސްކުރައްވާފަ އެވެ.

އިންޓަނެޓް ބޭނުންކުރުމުގައި ދިމާވާ ދަތިއުނދަގޫ ހާލަތްތަކުން އަރައިގަތުމަށްޓަކައި މަސައްކަތް ކުރުމަކީ ފަރުދީ ޒިންމާއެއް ކަން ފާހަގަކުރައްވާ މިނިސްޓަރު މަލީހް ވިދާޅުވީ މީހެއްގެ ފަރާތުން އުދަނގޫ ކުރިމަތި ވާނަމަ އެމައްސަލައެއް ކަމާ ބެހޭ ފަރާތަކަށް ރިޕޯޓް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިނިސްޓަރު މަލީހް ވިދާޅުވީ މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ކަހަލަ އެޕްލިކޭޝަންތަކާއި އެކި ކަހަލަ ވަސީލަތްތައް ބޭނުންކޮށްގެން ވެރިފަރާތައް ނޭނގި ވައިފައ ބޭނުންކުރާ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފައި ކަަމަށެވެ. އަދި އެކަމުގެ ޝަކުވާސް ވަރަށް ގިނައިން ލިބެމުންދާ ކަމަށައި އެކަމަށް ހައްލެއް ގެނައުމަށް ގާނޫނުތަކެއް ހެދުމަށް މިހާރު މަސައްކަތް ތަކެއް ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އަމިއްލަ ދިރިއުޅުމުގައި ހިނގާ ކަންކަން އިޖްތިމާއީ ވިއުގަ ތަކުގައި ހިއްސާ ނުކުރުމަކީ އިންޓަނެޓު ބޭނުންކުރުމުގައި ފަރުދީ އަދާކުރުމުގެ ގޮތުން ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި އިންޓަނެޓް މެދުވެރިކޮށް މީހުންނަށް ހަނގާ ނުކުރުން ނުވަތަ ސައިބަ ބުލީ ނުކުރުމާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ހިތްވަރު ނުދިނުުމަކީ އެހެން މީހުންނަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ކުރެވިދާނެ ކަމެއް ކަމަށް ވެސް މަލީހް ވަނީ ވިދާޅުވެފަ އެވެ.