ޖެހިގެން އައި ދުވަހު ފަރަހާ އޮފީހަށް ދިޔައީ ބަރާބަރު އަށެއް ޖަހަނިކޮށެވެ. އެހެންޏާ 7:30 ވާއިރަށް ފަރަހާ ހުންނާނީ އޮފީހުގައެވެ. ފަރަހާގެ އެ ލަސްވުމުން ބިލާލުގެ ހިތަށް އެތައް ސުވާލެއް ވެރިވިއެވެ. ފަރަހާގެ ގޭ މީހަކު ބަލިވީބާއެވެ. އެހެންޏާ ނުވާކަމެއް ދިމާވީ ބާއެވެ.

"އަހަރެން ކުރާ ސުވާލަށް ތެދަށް ޖަވާބު ދީފާނަންތަ؟" ފަރަހާ ފެނުމާއެކު ބިލާލު ސުވާލުކުރިއެވެ.

"ތިޔައީ ބޮސް. ބޮސް ކުރައްވާ ސުވާލަކަށް ދޮގު ޖަވާބެއް ދުވަހަކު ވެސް ދިން ހަނދާނެއް ނުވޭ" ފަރަހާ ޖަވާބު ދިނެވެ.

"މިއަދު ލަސްވީ ކީއްވެ؟" ބިލާލު ސުވާލުކުރީ ލަސްވި ސަބަބާ މެދުއެވެ.

"މިއަދު ހަމަ އަންނަން ބޭނުން ނުވީ. ކުރިން އަޔަސް އަޅުގަޑަށް ލިބޭ ހިތްހަމަ ޖެހުމެއް މިހާރަކު ނެތް. ވެރިމީހާގެ ރުހުން ލިބެނީކީ ނޫން. މުވައްޒަފުން ހިތްހަމަ ޖައްސައި ދެވެނީކީ ނޫން" ފަރަހާ ޖަވާބު ދިނީ އޭނާގެ ހިތުގައި އޮތް ގޮތަށެވެ.

"އިއްޔެ ބުނީމެއްނު. އަމިއްލަ ކަމެއް ދިމާވިއްޔޭ. އަހަރެން ހީކުރީ އެކަމާހެދި ނާދެވުނީ ކަމަށް. ގޭ މީހަކު ބަލިވީކަމަށް. އެހެންވެ ހަމަ މި ސުވާލު ކޮށްލީ" ބިލާލު ފަރަހާއާ މެދު ވިސްނާކަން އޭނާއަށް ޔަގީން ކުރެވުނެވެ. އެހިތްހަމަ ޖެހުން ފަރަހާގެ ހިތަށް ލިބިގެން ދިޔައެވެ. އެ ވާހަކަތަކާއެކު ދެ މީހުން ހިނގައިގަތީ ސަޔަށެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ.

ސައިބޯން ތިބެގެން ދެ މީހުން ދެއްކީ ދިރާސީ މަސައްކަތުގެ ވާހަކައެވެ. ބާކީ އޮތް މަދު ދުވަސްކޮޅު ތެރޭ އެ މަސައްކަތް ނިންމާނެ ގޮތަކާއި އެ ކަމުގައި އިތުރު ހިތްވަރެއް ލާނެ ގޮތެވެ. އެ ވާހަކައިގެ ތެރެއިން ފަރަހާ ފުރުޞަތު ހޯދިއެވެ.

"އަޅުގަނޑު ބޭނުންވާ ގޮތަށް ކަންކަން ކުރުމުގެ ފުރުޞަތު ދެއްވާ. އޭރުން ޔަގީން ތިކަން ނިންމާނަން" ވަރަށް އިތުބާރާއެކު ފަރަހާ ބުންޏެވެ.

"އަހަރެންގެ ވިސްނުން ފަރަހާއަށް މިހާރު އެނގޭނެ. ކޮންމެ ގޮތެއް ހަދާފައި ވެސް މި ޕްރޮޖެކްޓްގެ ސުންގަޑި ހަމަ ނުވަނީސް ނިންމަން އަހަރެން ބޭނުންވޭ. މިކަން ނުނިމެއްޖެ ނަމަ ވަރަށް ބޮޑަށް ގެއްލުން ވާނެ. އަހަރެންނަށް ޔަގީން މިކަން ކާމިޔާބު ވެއްޖެނަމަ ރަނގަޅު ގޮތެއް ވާނެކަން" ބިލާލު ބުނެދިނީ އެ ކަން އޭނާ ނިންމަން ބޭނުންވާ ސަބަބެވެ.

"މުވައްޒަފުން ލައްވާ ކަން ކުރުވާނީ އަޅުގަނޑު. އެ މީހުން ބޭނުންވާ ކަންކަން ކޮށްދިނުމުގެ ބާރު އަޅުގަނޑަށް ލިބޭނެތޯ؟" ފަރަހާ ސުވާލު ކުރިއެވެ.

"ލިބޭނެ. އެކަމަކު ކޮންމެ ކަމެއް ކުރި ނަމަވެސް އެކަން ކުރާ ގޮތް ކުރީބައިގައި އަހަރެންނާ ހިއްސާ ކުރަންވާނެ. ބާކީ އޮތީ ހަ މަސްކަން ހަނދާން ކުރަންވާނެ" ބިލާލު ކުރީ ޝަރުތެކެވެ. ފަރަހާ އެކަމާ އެއްބަސްވިއެވެ. އެގޮތަށް މަސައްކަތް ފެށިއެވެ.

ފަރަހާ ނިންމީ މުވައްޒަފުންނާ ވާހަކަ ދައްކާށެވެ. އެމީހުންގެ ޝައުގުވެރުކަން އިތުރު ކުރާށެވެ. އެ މީހުންނަށް ހިތްވަރު ދޭށެވެ. ކޮންމެ ދުވަހަކަށް ކަނޑައަޅާފައިވާ މަސައްކަތް އަވަހަށް ނިންމާނަމަ އެކަމަށް ޚާއްޞަ އިނާޔަތެއް ވެސް ފަރަހާ ކަނޑައެޅިއެވެ. އިތުރު މަސައްކަތް ކުރާނަމަ އެކަމަށް ވެސް ބަޖެޓް ކަނޑައެޅިއެވެ. އެ ހުރިހާ ކަމަކާ ބިލާލު އެއްބަސްވިއެވެ. އޭނާގެ އިރުޝާދު ފަރަހާ ހޯދިއެވެ.

މަސައްކަތަށް ބޭނުންވާ ކޯޕަސް އެކުލަވައިލުމުގެ ހިތް ހަމަ ޖެހުމާއެކު ޓެކްނިކަލް ޓީމުގެ މަސައްކަތް ވެސް ހަލިކަމާއެކު ކުރިއަށް ގެންދިއުމުގައި ފަރަހާ ބައިވެރިވިއެވެ. ބިލާލަށް ފާހަގަ ކުރެވުނީ ފަރަހާގެ މުރާލިކަމާއި އޭނާގެ ޝައުގުވެރި ކަމެވެ. އޭނާ ބޭނުންވާ ގޮތަށް ކަންކަން ކުރުމުގައި ފަރަހާއަށް ލިބިފައިވާ ހުނަރެވެ. ފަރަހާއަށާއި އެ ޕްރޮޖެކްޓްގެ އެހެނިހެން ބައިވެރިންނަށް ފާހަގަކުރެވުނީ ބިލާލަށް އައި ބަދަލެވެ. އެ ބަދަލުގެ ސަބަބުން މަސައްކަތަށް ލިބިގެން ދިޔަ ދިރުމެވެ.

ކުރެވުނު މަސައްކަތުގެ ނަތީޖާއިން ދިވެހި ބަހުން ދައްކާ ވާހަކައާއި ލިޔާ ލިޔުން އިނގިރޭސި ބަހަށް ތަރުޖަމާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރެވިދާނެކަން ޔަގީން ކުރެވުނެވެ. އެއާއެކު އިނގިރޭސި ބަހުން ދައްކާ ވާހަކަ އާއި ލިޔާ ލިޔުން ދިވެހި ބަހުން ތަރުޖަމާ ކުރެވޭ ނިޒާމެއް ގާއިމު ކުރެވިދާނެކަން ކަށަވަރު ކުރެވުނެވެ. އެ ހިތްހަމަ ޖެހުން ބިލާލު ލިބިގަތެވެ. ބައެއް ކަހަލަ ކުދިކުދި މައްސަލަތައް ހުރިނަމަ ވެސް އެ ކަންކަން ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން ޓެކްނިކަލް ޓީމުން ދިޔައީ ބިލާލަށް ދެމުންނެވެ. އެހެންވެ އެކަމާ ބިލާލު ކަންބޮޑެއް ނުވެއެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބިލާލު ނެގި ޕްރޮޖެކްޓްގެ މަސައްކަތް ނިންމިއެވެ. އެ ހިތްހަމަ ޖެހުމުގެ އުފާ މުޅި ޕްރޮޖެކްޓްގެ ހުރިހާ ބައިވެރިންނަށް ލިބިގެން ދިޔައެވެ. އެއް އަހަރުގެ އެ މަސައްކަތުން، އެ ކަމުގައި ބައިވެރިވި ކޮންމެ ފަރާތަކަށް މާލީގޮތުން ރަނގަޅު ފައިދާއެއް ލިބުނީތީވެ އެ ހިތްހަމަ ޖެހުން ވަކިން ބޮޑުވިއެވެ. ނަމަވެސް އެ ފައިދާއިން ފަރަހާގެ ހިތަށް ލިބުނު މާ ބޮޑު އުފަލެއް ނެތެވެ.

ފަރަހާ ވިސްނީ އޭނާގެ ވަޒީފާއަށެވެ. އެ ޕްރޮޖެކްޓް ނިމުމުން ދެން ކުރާނެ ކަމަކާމެދުއެވެ. ކުރަމުން ދިޔަ މަސައްކަތް އެ ހިސާބުން ނިމުނީކަން ފަރަހާއަށް އެނގެއެވެ. އެއީ އެއް އަހަރުގެ ވަޒީފާއެއްކަން ފަރަހާ ދަނެއެވެ. އެހެން ނޫނަސް ބިލާލާއެކު މަސައްކަތް ކުރުމަކީ އެހައި ފަސޭހަ ކަމެއް ނޫންކަން ވެސް އޭނާ ގަބޫލުކުރެއެވެ. ފަރަހާ އަވަސްވެ ގަތީ އެހެން ވަޒީފާއެއް ހޯދުމަށެވެ. އެކަން ފަރަހާއަކަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ.

ބިލާލުގެ ޕްރޮޖެކްޓްގެ މަސައްކަތް ނިންމާލިއެވެ. އެކަމުގައި ބައިވެރިވި މީހުންނަށް ޝުކުރު އަދާކުރިއެވެ. ޚާއްޞަކޮށް ފަރަހާގެ ނަން ފާހަގަ ކުރިއެވެ. އޭނާގެ ޚިދުމަތަށް ސާބަސް ދިނެވެ. ނަމަވެސް އެ ބަސްތަކުން ފަރަހާއަށް ލިބުނު ހިތްހަމަ ޖެހުމެއް ނެތެވެ. އޭނާ ދެން ވަކިވީކަން ފަރަހާއަށް ވެސް އެނގެއެވެ.

"މިކަހަލަ އެހެން ޕްރޮޖެކްޓެއް ނަގާނަމަ އަންގާލާނަން. އަންނަން ވާނެ. ރަނގަޅު އެއްޗެއް ވެސް ދޭނަން" ބިލާލުގެ އެންމެ ފަހު ވާހަކަ އޭނާގެ ދުލުން ބުނެލިއެވެ.

"އިރާދަކުރެއްވިއްޔާ ދެން ނާންނާނަން. އަޅުގަނޑު ވެސް ދާއިމީ ވަޒީފާއެއް އަދާކުރަން ބޭނުންވޭ. މިހާރު އޮތީ ވަޒީފާ ހަމަޖެހިފައި" ފަރަހާގެ ވިސްނުން ހުރި ގޮތް އޭނާ ހިއްސާކުރިއެވެ. އެ ޖުމުލަތަކުން ބިލާލަށް ލިބިގެން ދިޔައީ ނުތަނަވަސްކަމެވެ. ބިލާލު ލަމުން އައި ނޭވާ ހިފަހައްޓާލެވުނެވެ.

"ކޮން ތާކުން ވަޒީފާ ހަމަޖެހުނީ؟" ބިލާލަށް އަހައި ލެވުނެވެ.

"އަމިއްލަ ކުންފުންޏަކުން" ފަރަހާ ޖަވާބު ދިނެވެ.

"ދެން ދިމައެއް ނުވާނެ؟" އަނެއްކާ ވެސް ބިލާލު ސުވާލުކުރިއެވެ.

"ފެށި މަސައްކަތް ނިމުނީ ނޫންތޯ؟ ދެން ދިމާވުމުގެ މާނައެއް ނެތެއް ނޫންތޯ؟ އަޅުގަނޑަށް ދޭން ވިދާލުވި މުސާރަ ބަރާބަރަށް ހަމައަށް ލިބުނު. އެ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝޫކުރިއްޔާ" ފަރަހާ ޖަވާބު ދިނެވެ.

"ހެނދުނުގެ ސައި ވަރަށް މިސްވާނެ. ކޮފީ ވެސް" ބިލާލަށް ބުނެވުނެވެ.

"ދެން އަޅުގަނޑު ދަނީ. އަޅުގަނޑަށް ތިޔަ ކުރި އިތުބާރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ފަހަރާ އަދާކުރި ޝުކުރާއެކު އޭނާ އެ އޮފީހުން ނުކުތެވެ. ހަގީގަތުގައި ފަރަހާ ނުކުތީ ނުކުންނަ ހިތަކުން ނޫނެވެ. އޭނާގެ ހިތުގައި ބިލާލާމެދު ކިތަންމެ ގާތް ކަމެއް އޮތްނަމަ ވެސް އެކަން ދައްކަން ފަރަހާ ބޭނުމެއް ނުވެއެވެ. އެ އިހުސާސްތައް ބަންޑުން ކޮށްލާކަށް ވެސް އޭނާ ނޭދެއެވެ. އަންހެން ކުދިން އިސްވެ އެ ގޮތަށް އުޅުމަކީ ފަރަހާ ގަބޫލުކުރާ ކަމެއް ނޫނެވެ. އެހެން ނޫނަސް އެއީ ހަމްދަރުދީއެވެ. އެއީ ލޯތްބެއް ނޫނެވެ. ބިލާލުގެ ހިތުގައި ނެތް ކުލުނެއް އެހެން ހިތެއްގައި އޮތަސް ވާނެ ފައިދާއެއް ނޯންނާނެއެވެ.

ބިލާލަށް ގުރާންޓް ލިބުނު ގައުމީ ޔުނިވަރސިޓީއާ ބިލާލުގެ ދިރާސާގެ ނަތީޖާ ހިއްސާކުރިއެވެ. އޭނާގެ މަސައްކަތް ކާމިޔާބުވިކަން އެ ޔުނިވަރސިޓީން ޢާއްމު ކުރިއެވެ. ބިލާލުގެ ޓީމުން އެކުލަވައިލި ކަރުދާސް ޝާއިޢު ވެސް ކުރިއެވެ. އެއާއެކު ބިލާލުގެ އެ މަސައްކަތް މަޝްހޫރިވިއެވެ. ދިވެހި ނޫސްތަކަށާއި ބޭރުގެ ނޫސްތަކަށް ވެސް އެރިއެވެ.

ހަފުތާއެއް ވީ އިރުވެސް ބިލާލުގެ ހިތުން ފަރަހާގެ އުދާސްތަކެއް ފިލައިގެނެއް ނުދިޔައެވެ. ކޮންމެ ހެނދުނަކު ފަރަހާ މަތިން ހަނދާންވަނީއެވެ. ހަވީރު ވުމާއެކު ފަރަހާ ގެނެސްދޭ ކޮފީ، ބޯހިތްވަނީއެވެ. އެކަމަކު އެއީ މިހާރު އެ އޮފީހުގެ މުވައްޒަފެއް ނޫނެވެ. އެއީ އެހެން އޮފީހެއްގެ ޚިދުމަތްތެރިއެކެވެ. ބިލާލުގެ ހިތުގައި ފަރަހާއާމެދު ޚާއްޞަ ގާތްކަމެއް އޮތް ނަމަވެސް އެ ގާތްކަން ހާމަކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެއީ އެހެން މީހުންނަށް ދެވިފައިވާ ގަދަރަށްވުރެ މަތިވެރި ގަދަރެކެވެ. އެހެން މީހުންނަށް ދެވިފައިވާ ލޯތްބަށްވުރެ މަތިވެރި ލޯތްބެކެވެ. ނަމަވެސް އޭނާގެ ދުލުން އެއިން އެއްވެސް އިހުސާސެއް ހާމަކުރުމަކީ ބިލާލުގެ ތަބީޢަތެއް ނޫނެވެ. އޭނާ ބޭނުންވާ ގޮތެއް ވެސް ނޫނެވެ. ފަރަހާގެ ގާތުގައި އިތުރަށް މަޑުކުރާށޭ ބުނަން ބޭނުންވި ނަމަވެސް އެކަން ކުރަން އޭނާގެ ސިކުނޑި ދެކޮޅު ހެދީއެވެ. ކުރިން ދައްކާފައިވާ ވާހަކަތަކާއި ފަރަހާގެ ވިސްނުން ހުރި ގޮތް ބިލާލަށް ތަސައްވަރު ކުރެވިފައިވާ ގޮތުގެ ސަބަބުންނެވެ.

ބިލާލު ވިސްނައިލިއެވެ. ފަރަހާއާ މެދުއެވެ. އެގޮތަށް ވިސްނޭ ސަބަބާމެދުއެވެ. ފަރަހާ ނެތުމުން ލިބުނު ފަޅުކަން ހިތަށް ވަނެވެ. އެފަދަ އެހެން އެހީތެރިއަކު ނުލިބޭނޭކަން ޔަގީން ކުރެވުނެވެ. އެ އިހުސާސްތަކާއެކު ބިލާލުގެ އަތުގައި އޮތް ފޯނުން ފަރަހާއަށް ގުޅިއެވެ. ދެ ފަހަރަކު ރިންގުވުމާއެކު ފަރަހާ ފޯނު ނެގިއެވެ.

"މިއީ ބިލާލު. މި ގުޅާލީ ހަމަ ހަނދާންވެގެން. ފަރަހާ ނެތުމުން އޮފީސް ތެރެ ފަޅުވެގެން" ބިލާލު ވާހަކަ ފެށިއެވެ.

"މި ގަޑީގައި އަޅުގަނޑު މި އުޅެނީ އޮފީހުގައި. މީޓިންއަކަށް ތައްޔާރު ވަނީ. ވަރަށް ބޮޑަށް ސޮރީ" ފަރަހާ ޖަވާބު ދިނެވެ. އެ ޖަވާބާއެކު ބިލާލު ފޯނު ކަނޑާލިއެވެ. ފަރަހާގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތްކަމުގެ އިހުސާސް ވެސް ބިލާލަށް ކުރެވުނެވެ. ފަރަހާ އޭނާގެ މަސައްކަތުގައި ބިޒީވީއެވެ. އެހެން މަސައްކަތެއް ހޯދީއެވެ. އެއީ މުރާލި ކުއްޖެކެވެ. ކެރޭ ކުއްޖެކެވެ. އެފަދަ ކުއްޖަކު ދޫކޮށްލާނީ މޮޔައެކެވެ. އެ ފަދަ މޮޔައަކަށް ބިލާލުވީއެވެ. ކިހައި ދެރަހެއްޔެވެ؟ ކިހައި މޮޔަ ހެއްޔެވެ؟ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެތައް އިރަކު ޚިޔާލުތަކަށް ގެނބިފައި ބިލާލަށް އިނދެވުނެވެ.

ބިލާލު، ލެޕްޓޮޕް ހުޅުވާލިއިރު ދެތިން މިނެޓް ކުރިން މެއިލްއެއް އައިސްފައި އޮތެވެ. އެއީ ޔުނެސްކޯއިން އައިސްފައި އޮތް މެއިލްއެކެވެ. އެ މެއިލް ހުޅުވާލުމާއެކު އެނާގެ މޫނުން ފެނުނީ އުފާވެރިކަމެވެ. އެނާ ހެދި ދިރާސާގެ އެހީގައި ޕްރޮގުރާމެއް ތައްޔާރުކުރަން އެ ޖަމިއްޔާއިން ބޭނުންވާކަން ހާމަކޮށްފައި އޮތުމުންނެވެ. އެކަމަށް އަގެއް ހުށަހެޅުމަށް ބުނެފައިވާތީއެވެ. އެކަމާ ވާހަކަދެއްކުމަށް އެދިފައިވާތީއެވެ.

ލިބުނު އުފާވެރި ޚަބަރު އޭނާގެ މުވައްޒަފުންނަށް ބިލާލު ހިއްސާކުރިއެވެ. އެވަރަކުން ބިލާލު ހިތްހަމައެއް ނުޖެހުނެވެ. އޭނާ ފަރަހާއަށް ގުޅިއެވެ. އެނާއަށް ލިބުނު ފުރުޞަތު ފަރަހާއަށް ކިޔައިދޭން ބޭނުންވިއެވެ.

"އުފާވެރި ޚަބަރެއް ދޭން މި ގުޅީ" ފަރަހާ ފޯނު ނެގުމާއެކު ބިލާލަށް ބުނެވުނެވެ.

"މި ވަގުތު ވަރަށް ބިޒީ. މި އުޅެނީ އޮފީހުގައި" ފަރަހާ ޖަވާބު ދިނެވެ.

"ފަހުން ގުޅާލަންތަ؟" ބިލާލު އެއްސެވެ.

"އެންމެ ރަނގަޅު" ފަރަހާގެ ޖަވާބާއެކު ފޯނު ބޭއްވިއެވެ.

އިރުއޮއްސެން ގާތްވެފައި ވަނިކޮށް ބިލާލު ފަރަހާއަށް ގުޅިއެވެ. ބިލާލަށް ލިބުނު ފުރުޞަތާއި އޭނާއަށް ލިބުނު އުފާވެރިކަން ފަރަހާއަށް ކިޔައިދިނެވެ. އެ ހިތްހަމަ ޖެހުމުހެ އަޑު ވަރަށް ފަރުވާތެރިކަމާއެކު ފަރަހާ އެހިއެވެ. ބިލާލުގެ އެ އުފަލުގައި ފަރަހާގެ ހިތް ބައިވެރިވަމުން ދިޔައެވެ.

"ތި ހުރިހާ ވާހަކައެއް އަޅުގަނޑަށް ތި ހިއްސާކުރަނީ ކީއްވެ؟" ފަރަހާ ކުރީ އެންމެ ސުވާލެކެވެ.

"ނޭނގެ. އަހަރެންގެ މި ވާހަކަތައް އަޑު އަހާނެ ހަމައެކަނި މީހަކީ ފަރަހާހެން ހީވަނީ. އެހެންވެ ހިއްސާކުރެވުނީ. އަނެއްކާ މިއީ ގޯހެއްތަ؟ އެހެން ނޫނަސް މި ކަން ދަސްކޮށްދިނީ ފަރަހާ. ކަންކަމުގެ ލަފާ އެހުމަށް އިރުޝާދު ދިން އެހީތެރިއަކީ ތީ" ބިލާލު ޖަވާބު ދިނީ ކުރިން ފަރަހާ ދައްކާފައި ހުރި ވާހަކަތަކަކާ ގުޅުވާލައިގެންނެވެ.

"ގޯހެއްކަން ނުވަތަ ނޫންކަން އެނގެނީ ތި ބޭފުޅާއަށް" ފަރަހާ ޖަވާބު ދިނެވެ.

"ހަގީގަތުގައި އަހަރެންނަކީ ދުވަހަކު ވެސް މިގޮތަށް މީހަކާ ގުޅި މީހެއް ނޫން. އެކަމަކު މިފަހަރު މި ގުޅީ އަހަރެންގެ ހިތް އެކަމަށް ބޭނުން ވެގެން. އަހަރެންނަށް އިހުސާސް އެބަ ކުރެވޭ ފަރަހާގެ ފަރާތުން އަހަރެންނަށް އައި ބަދަލު. އެހެން މީހުންގެ އިހުސާސްތައް ދަންނަން ހަނދާން ކޮށްދިނީ ފަރަހާ. ތިމާ ބޭނުންވާ ގޮތް ހާމަކުރަން ބުނެދިނީ ވެސް ފަރަހާ. އެހެންވީމާ އެކަން މި ކުރެވެނީ. މިކަން ކުރާކަށް އަހަރެން ޖެހިލުމެއް ނުވޭ" ބިލާލުގެ ވާހަކަތައް އަޑުއަހަން ފަރަހާއަށް ހުރެވުނީ ކެތްމަދުވެފައެވެ. ފަރަހާއަށް ކަމެއް ކޮށްދެވުނުކަމުގެ އިހުސާސް ކުރެވުނެވެ.

"ފަރަހާ ބުނަން ހަގީގަތެއް. އަހަރެން ފަރަހާ ބޭނުން. ތިޔަ ވަޒީފާ ދޫކޮށްލައި އަހަރެން އޮފީހަށް އައިސްދީ. ފަރަހާއާ ނުލައި ދެން އަހަރެންނަށް ކުރިއަކަށް ނުދެވޭނެ. ޕްލީސް ފަރަހާ. ފަހަރާ ބުނާ ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން. ފަރަހާ މަތިން އަހަރެން ވަރަށް ހަނދާންވޭ" ބިލާލު އެދުނީ ބޮޑު އެދުމެކެވެ. ދެއްކީ ދުވަހަކު ވެސް ދައްކަފާނެ ކަމަށް ހީކޮށްފައި ނުވާ ވާހަކަތަކެކެވެ. އެ ވާހަކަތަކުން ފަރަހާއަށް ހިތްހަމަ ޖެހުން ލިބުނެވެ. ބިލާލަށް އައި ބަދަލު ފަރަހާއަށް އިހުސާސް ކުރެވުނެވެ.

މާގިނަ ދުވަހެއް ނުވެއެވެ. ފަރަހާ ބިލާލުގެ ގާތަށް ދިޔައެވެ. ދާއިމީ ގުޅުމަކުން ދެ މީހުން ގުޅުނެވެ. ދެ މީހުންގެ ހިތުގައި އޮތް ލޯބި ދެ މީހުން ހާމަކުރިއެވެ. ބިލާލު ގަބޫލުކުރާ ގޮތުގައި އޭނާއަށް އެންމެ ބޮޑު ބަދަލެއް ގެނައީ ފަރަހާއެވެ. އެ ބަދަލު ނުގެނެވުނު ނަމަ އެނާ ހުރީ ހަމަ ކުރީގެ ބިލާލުހެންނެވެ. އެ ކާމިޔާބެއްވެސް ބިލާލަކަށް ނުހޯދުނީހެވެ.

(ނިމުނީ)