މިއީ އިނގިރޭސި ވިލާތުގެ ޝާހީ އާއިލާއަށް އެންމެ ބޮޑަށް ލޯބިކުރާ އެ އާއިލާގެ އެންމެ ބޮޑު ފޭން ކަމަށް ބުނެވިދާނެ އެވެ. މިއީ 74 އަހަރުގެ މާގަރެޓް ޓައިލަރ އެވެ. އޭނާގެ ގޭގެ ހުރިހާ ތަނެއް ޚާއްސަކޮށްފައިވަނީ ޝާހީ އާއިލާގެ މެމްބަރުންނަށެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނާނީ ޝާހީ އާއިލާއާއި ގުޅުންހުރި ކޮންމެވެސް އެއްޗެކެވެ. މިކަންތައް ފެށުނީ އޭނާގެ އުމުރުން ވަރަށް ކުޑައިރުއެވެ. އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތް ދެވަނައިގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް ހަވަނަ އަވަހާރަވީ މާގަރެޓްގެ އުމުރުން 8 އަހަރުގަ އެވެ. އޭރުވެސް އޭނާގެ މައިންބަފައިންނަކީ އިނގިރޭސި ޝާހީ އާއިލާއަށް ޚާއްސަ ލޯތްބެއް ބާއްވާ ބައެއް ކަމަށް އޭނާ ބުންޏެވެ.

ރާނީ އެލިޒަބަަތް ދެވަނަ ރަނިކަމުގެ ހުވާކުރުމާއިއެކު، މާގަރެޓް އޭނާގެ މަސައްކަތް ފެށި އެވެ. އޭނާ ދިރިއުޅެމުންދިޔަ ގޭގެ އެއް ކޮޓަރި ރާނީއަށް ޚާއްސަ ކުރި އެވެ. "ޖުލިބީ ރޫމް"ގެ ނަން ދީފައިވާ މި ކޮޓަރީން ފެނިގެންދާނީ ރާނީއާއި ގުޅުންހުރި ތަކެއްޗެވެ. ޚާއްސަކޮށް ރާނީ ފާހަގަކުރައްވާފައިވާ ދުވަސްތަކާއި ގުޅުންހުރި ތަކެއްޗެވެ. އޭނާ މިތަކެތި ގަތީ، ވިންޑްސާގައި އޮތް އެގްޒިބިޝަނަކުންނެވެ. އަދި އެ ދުވަހު އޭނާ ގަތް ތަކެތި އޭނާގެ ގެއަށް ގެންދަންޖެހުނީ ބޮޑު ލޮރީއެއްގައި ކަމަށް އޭނާ ބުންޏެވެ.