ގިނަ އަންހެނުންނަކީ 70 ނުވަތަ 80 އަހަރަށް އެޅުމުން އެ މީހުންގެ މާމަދަރީން ބެލުމުގައި ގިނަ ވަގުތު ހޭދަކުރާ ބަޔެކެވެ. މިއީ އެއަށްވުރެ ޒުވާން އަންހެނުންގެ ހާލަތޭ ދެންނެވުންވެސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް 82 އަހަރުގެ ހިލަރީ ފޯޑް-ޗޯކްލީ އަކީ އެކަހަލަ އަންހެނެއް ނޫނެވެ. އޭނާ ބޭނުންވީ ކުރާނެ ކަމެއް ނެތި ގޭގައި އިނުމުގެ ބަދަލުގައި ކޮންމެވެސް ފައިދާހުރި ކަމެއް ކުރާށެވެ.

އޭނާގެ ފިރިމީހާއާއި ތިން ދަރީން އަދި ދެ މާމަދަރީން ދިން ހިތަވަރުން އޭނާ ވަނީ އޭނާގެ ދިރިއުޅުމުގެ މިސްރާބު މުޅިން ބަދަލުކޮށްލާފަ އެވެ.

އޭނާ އެންމެ ފަހުން ސްކޫލަށް ގޮސްފައިވަނީ އޭނާގެ އޯލެވެލް އިމްތިހާނަށެވެ. އެއީ މީގެ 67 އަހަރު ކުރިންނެވެ. ނަމަވެސް އޭނާގެ މިސްރާބު މިފަހަރު ބަދަލުކޮށްލީ ލަންޑަންގެ ޔުނިވަސިޓީ އޮފް ކިންގްސްޓަން އަށެވެ.

އުމުރުން 82 އަހަރުގައި އޭނާ މިވަނީ މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފަ އެވެ. ލިޔުންތެރިކަމުގެ ދާއިރާއިންނެވެ. އޭނާ މާސްޓާސްއަށް ކިޔަވަމުން ދިޔައިރު އޭނާގެ ފިރިމީހާ ވަނީ މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޑެލިވަރީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

މާސްޓާސް ނިންމުމަށްފަހު، އޭނާ ދެން އަމާޒުކުރީ ލިޔުންތެރިކަމަށެވެ. ލޯބީގެ ދެ ވާހަކަ ފޮތް އޭނާ މިހާރު ވަނީ ލިޔެ ނިންމާފަ އެވެ. އަދި އެ ވާހަކައިގެ ތިންވަނަ ބައި ލިޔުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. އޭނާ މިހާރު ދަނީ މިވާހަކަ ފޮތްތައް ޝާއިއުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންނެެވެ.

ކުރިން ކޮންސްޓްރަކްޝަން ކުންފުންޏެއްގައި މަސައްކަތް ކުރި ހިލަރީ ބުނީ ދުނިޔޭގައި އުޅެނީ ދެވައްތަރެއްގެ މުސްކުޅިން ކަމަށެވެ. އެއްބަޔަކީ ގޭގައި އެކަނިމާ އެކަނި ތިބެގެން ބަލިވާ ބައެކެވެ. އަނެއް ބަޔަކީ ގަދައަޅާ މަސައްކަތް ކޮށްގެން ކޮންމެވެސް ކަމެއް ހާސިލްކުރާ ބައެކެވެ.