ގިނަ ބަޔަކު އެންމެ އިންތިޒާރުކުރަމުންދާ ދިވެހި ފިލްމު "40 ޕްލަސް" ރިލީޒް ކުރުން އަންނަ މަހަށް ފަސްކޮށްފި އެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ މިމަހުގެ 27 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެއްސި "40 ޕްލަސް" ރިލީޒް ކުރުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ މާރޗްމަހުގެ 5 ވަނަ ދުވަހަށްކަމަށެވެ.

ޝަފީގު ބުނީ ފިލްމު ރިލީޒްކުރާ ތާރީޚު ފަސްކުރީ އެންސީއޭއިން އެދިގެންކަމަށެވެ. އެގޮތުން އެންސީއޭއިން މިމަހުގެ 27 އަދި 28 މި ދެ ދުވަހު އޮލިންޕަސް ބޭނުންވެގެން އެދިފައިވާކަމަށާ ފިލްމު ފަސްކުރީ އެންސީއޭއަށް އެއްބާރުލުން ދިނުމުގެ ގޮތުންކަމަށެވެ.

ޝަފީގު ބުނީ ފިލްމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށާ "40 ޕްލަސް" ޓިކެޓް ބުކް ކުރުމުގެ މަސައްކަތް ފޯރިއާއެކު ކުރިއަށްދާކަމަށެވެ. ފިލްމުގެ ޓިކެޓް ބުކްކުރުމަށް 7384040 މި ނަންބަރަށް އެސްއެމްއެސް ކުރުމުން އެކަން ހަމަޖެހޭނެކަމަށް ޝަފީގު ވަނީ ބުނެފައެވެ.

ޝަފީގު ބުނީ މިހާރު "40 ޕްލަސް"ގެ ޓިކެޓް ބުކްކުރަމުންދާއިރު، ވަރަށް އަވަހަށް އޮލިންޕަހުން ޓިކެޓް ވިއްކަން ފަށާނެކަމަށެވެ.

ޝައި ޕްރޮޑަކްޝަންއާއި، ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފެއްދި "ނޯޓީ 40"ގެ ދެވަނަ ބައެއްގެ ގޮތުގައި އުފައްދާ "40 ޕްލަސް" އާއި ގުޅޭގޮތުން ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ މިއީ 2019 ވަނަ އަހަރު ދިވެހި ފިލްމީ ސްކްރީނަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމަށްވާނެކަމަށެވެ. ޝަފީގް ބުނީ "40 ޕްލަސް"އަކީ ވަރަށް ގިނަ ރަހަތައް އެކުލެވޭނެ ފިލްމެއްކަމަށާ ފިލްމުގައި ތަރިންގެ ފަރާތުން ވަރަށް ކުޅަދާނަ އެކްޓިންއެއް ފެނިގެންދާނެކަމަށެވެ.

މިއީ "ނޯޓީ 40"އެކޭ އެއްގޮތަކަށް ހެއްވާ މަޖާ ވަރަށް ގިނަ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެއްކަމަށްވެސް ޝަފީގް ވަނީ ބުނެފައެވެ.

ތ. ބުރުނީގައި ބޮޑު ކާސްޓަކާއެކު ޝޫޓްކޮށްފައިވާ މި ފިލްމުގެ ފަސްޓްލޫކްސް މިހާރު ދައްކާލާފައިވާއިރު، މި ފިލްމުގެ ތަފާތުކަން ހަމައެކަނި ފުރަތަމަ ފެނިލުމުންވެސް ވަނީ ޔަގީންވެފައެވެ.

އެގޮތުން ފިލްމުގައި ހިންގާ ބިރުވެރިކަންކަމާއި، ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ފެނިގެންދެއެވެ. ފަސްޓްލުކާއެކު ފިލްމް "40 ޕްލަސް"ކުރާ އުންމީދު މިވަނީ ވަރަށް ބޮޑަށްވެސް އިތުރުވެގެންގޮސްފައެވެ.

މިއީ ރާއްޖޭގައި އުފައްދާ ފުރަތަމަ ބިރުވެރި ކޮމެޑީއެވެ.