ސްޕެނިޝް ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލް ކްލަސިކޯ މެޗުގައި ލައޮނަލް މެސީ ބޭނުންކުރުމާމެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

މެޗުގެ ކުރިން ބާސެލޯނާއިން ބޭއްވި ފަރިތަކުރުންތަކުގައި މެސީ ބައިވެރިވިއިރު މެޗަށް ނެގި ސްކޮޑުގައި ވެސް މެސީ ވަނީ ހިމަނާފައެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހުގެރޭ ވެލެންސިއާ އާއި ބައްދަލުކޮށް 2-2 އިން ބާސާ އެއްވަރުވި މެޗުގައި މެސީއަށް ވަނީ އަނިޔާވެފައެވެ. އަދި އެ ޓީމުގެ މެޑިކަލް ޑޮކްޓަރުންނާއި ހަވާލާދީ މެނޭޖްމަންޓުން ވަނީ ރެއާލް މެޗުގައި މެސީއަށް ކުޅުމުގެ ފުރުސަތު ކުޑަކަމަށް ބުނެފައެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ވަލްވާޑޭ ބުނީ މެސީ ބޭނުންކުރުމާ މެދު ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތުގައި ކަމަށާއި އޭނާއަކީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ. އަދި ޝައްކު އުފެދޭ ކުޅުންތެރިންނާ މެދު ގޮތް ނިންމާނީ އެންމެ ފަހު ވަގުތު ކަމަށާއި އެއީ އެހެން ކުޅުންތެރިންނާއި މެދުވެސް އަމަލުކުރަމުން އައި ގޮތް ކަމަށްވެސް ވަލްވާޑޭ ބުންްޏެވެ.

އަދި ކުޅުންތެރިއަކަށް އަނިޔާވެއްޖެ ނަމަ އެ ކުޅުންތެރިއަކު އަނިޔާއިން ރަނގަޅުވާން ވަގުތު ބޭނުންވާނެ ކަމަށާއި މި މެޗަކީ ސީޒަނުގެ ފަހު މެޗު ނަމަ އަނިޔާގައި ހުރި ނަމަވެސް މެސީ ބޭނުންކުރާނެ ކަމަށެވެ. ނަމަވެސް މިއީ އެހެން ހާލަތެއް ކަމަށާއި ބާސެލޯނާގައި ތިބީ ކޮމްމެފަދަ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިން ކަމަށްވެސް ވަލްވާޑޭ ބުންޏެވެ.

ސްޕެނިޝް ކަޕުގެ އެންމެ ފަހުގެ ހަތަރު އަހަރުގެ ޗެމްޕިއަނުންނަކީ ބާސެލޯނާއެވެ. ބާސެލޯނާ އަދި ރެއާލް މެޑްރިޑްް ކުޅޭ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 1 ޖަހާއިރުގައެވެ.