2015 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު ސިޔާސީ ޕާޓީތަކަކުން އިންތިޒާމުކޮށްގެން ވެރިރަށް މާލޭގައި ބޭއްވި އެއްވުމަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އެއްވުމެވެ. އަދާލަތު ޕާޓީގެ އިސްނެގުމަކަށް، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ގުޅިގެން ބޭއްވި މި އެއްވުމުގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. މި އެއްވުން ނިމުނު ފަހުން ބައެއް ހަމަނުޖެހުންތައް ހިނގާފައިވާއިރު، ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި ހާދިސާއަކީ އެދުވަހު ހިނގާދިޔަ ހިތާމަވެރި ހާދިސާއެކެވެ.

އެ ހާދިސާއާއި ގުޅިގެން ގިނަ ބައެއްގެ މައްޗަށް ތަހުގީގު ހިންގި ދައުވާ އުފުލި ޖަލަށްވެސް ލިއެވެ. އޭގެ ތެރެއިން އެކަކީ އޭރު ކުލަބް އީގަލްސްއަށް ކުޅެމުންދިޔަ ޒުވާން ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފެވެ.

ފުލުހަށް ހަމަލާދީ މާރާމާރީ ހިންގިއިރު، އެ ފުލުސްމީހާގެ ފައިގައި ދަތިއަޅުވައި ވައްޓާލި މީހަކީ ލަބާންއެވެ. އެ މައްސަލައިގެ ތަހުގީގު ފަށައި މެއި މަހުގެ 4 ވަނަ ދުވަހު އީގަސްލްގެ ޕްރެކްޓިސްގައި ލަބާން ހުއްޓާ ފުލުހުން އޭނާ ހައްޔަރުކުރިއެވެ. ހުކުމެއްނެތި އަހަރަކަށްވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރި ފަހުން 5 އަހަރަށް ޖަލަށްލުމަށް ލަބާންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމެއް އިއްވިއެވެ.

މި ހުކުމަށްފަހު 3 އަހަރު ދުވަސް ވަންދެން ލަބާން ވަނީ ޖަލުގައި ހޭދަކޮށްފައެވެ. އަދި އޭގެ ފަހުން ޕެރޯލްގެ ދަށުން ލިބުނު ފުރުސަތެއްގައި މިހާރު ލަބާން ވަނީ މިނިވަންވެފައެވެ.