ފްރާންސްގެ ނޯންޓްސް އިން އިނގިރޭސިވިލާތުގެ ކާޑިފް ސިޓީއަށް ދަތުރުކުރި މަތިންދާބޯޓު ފެނުނުއިރު، އޭގެ ތެރެއިން ނަގާފައިވާ ހަށިގަނޑަކީ އެމިލިއާނޯ ސަލާގެ ހަޑިގަނޑުކަން ފުލުހުން ޔަގީންކޮށްދީފިއެވެ.

މިހާތަނަށް ކުރި މަސައްކަތުން އަދި ހޯދިފައިވަނީ ސަލާއެވެ. އެ ބޯޓު ދުއްވަން އިން ޕައިލެޓް ޑޭވިޑް އައިބޮޓްސަން ފެނިފައެއް ނުވެއެވެ. މަތިންދާބޯޓު ފެނިފައިވަނީ ކަނޑުއަޑި ބެލުމަށް ބޭނުންކުރާ ރޮބޮޓް ސަބްމެރިން ބޭނުންކޮށްގެން ކަނޑުގެ އަޑި ބަލަމުން ދަނިކޮށެވެ.

ސަލާ ދަތުރުކުރި މަތިންދާބޯޓު ގެއްލިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ފްރާންސްގެ ބޯޑަރު ހުރަސްކޮށް އިންގްލިޝް ޗެނަލްގެ ތެރެއަށް ވަން ފަހުންނެވެ.

ނޯންޓްސް ކުޅުންތެރިންނަށް އަލްވަދާއު ކިޔުމަށްފަހު ކާޑިފަށް ދަތުރުކުރި ފްލައިޓް ވެއްޓި ސަލާ މަރުވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ. ޚާއްސަކޮށް ނޯންޓްސް އަދި ކާޑިފް ކުޅޭ މެޗުތަކުގައި ސަލާގެ ހަނދާން އާކުރުމަށް ތަފާތު ކަންތައްތަކެއް ވަނީ ކޮށްފައެވެ.