ދުބާއީއަކީ އުސް އިމާރާތްތަކަށް އައު ރަށެއް ނޫނެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް އިމާރާތަކީ ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ރެކޯޑް އޮންނަ ބުރްޖް ޚަލީފާ އެވެ. އަދި، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ވޯލްޑް އެކްސްޕޯ 2020" އާއި ދިމާކޮށް މިފަދަ އިތުރު އިމާރާތްތަކެއް ބިނާކުރުމުގެ މަސައްކަތް ދުބާއީގައި ދަނީ ކުރަމުންނެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް އިމާރާތަކީ 550 މީޓަރު ނުވަތަ 1804 ފޫޓުގެ އުސް "ބުރްޖް ޖުމެއިރާ" އިމާރާތެެވެ.

މިއީ އެމެރިކާގެ ނިއުޔޯކްގައި ބިނާކޮށްފައިވާ "ވަން ވޯލްޑް ޓްރޭޑް ސެންޓަރ" އިމާރާތަށް ވުރެ އުސް އިމާރާތަކަށް ވެގެންދާނެ އެވެ. މި އިމާރާތަކީ ވޯލްޑް އެކްސްޕޯ 2020 އަށް ފަހުން ހުޅުވަން ހަމަޖެހިފައިވާ އިމާރާތެއް ނަމަވެސް މިތަން ބިނާކުރުމުގެ މަސައްކަތް ދުބާއީގެ ސަރުކާރު ކުންފުންޏެއް ކަމަށްވާ ދުބާއީ ހޯލްޑިންގްސްއިން މިހާރު ވެސް ވަނީ ފަށާފަ އެވެ.

ބުރްޖް ޖުމެއިރާ ބިނާކުރުމަށް ހަމަޖެހިފައިވަނީ އެފަދަ އުސް އިމާރާތެއް ކަމަށްވާ ބުރްޖް އަލް އަރަބް ކައިރީގައިވާ އައްސޫފޫ ކިޔާ ސަރަހައްދެއްގަ އެވެ. އަދި މި އިމާރާތުގެ ކައިރީގައިވެސް "މިކްސްޑް ޔޫސް" ރެސިޑެންޝަލް އަދި ކޮމާޝަލް އިމާރާތްތަކެއް ބިނާކުރާނެ އެވެ. މި އިމާރާތުގެ މަސައްކަތް 2023 ވަނަ އަހަރު ނިމޭނެ ކަމަށް ގަބޫލުކުރެވެ އެވެ. މި އިމާރާތް ޑިޒައިންކޮށްފައިވަނީ ސަހަރާގެ ބިންތައް މިސާލަކަށް ބޭނުންކޮށްގެންނެވެ. އަދި މި ޓަވަރުގެ އެންމެ މުހިއްމު ނުވަތަ ފާހަގަކޮށްލެވޭ ކަމަކަށްވާނީ އިމާރާތުގެ އެންމެ ތިރީގައިވާ ޑިޒައިނެވެ. މި ޑިޒައިނަކީ ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދުގެ ބޮޑުވައިއިނގިލީގެ ފިންގަޕްރިންޓް ނިޝާނާ އެއްގޮތަށް ފަރުމާކޮށްފައިވާ ޑިޒައިނެކެވެ.