ފުލަމް ބަލިކޮށް އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކަށް މެންޗެސްޓަރ ޔުނައިޓެޑް ޖެހިލައިފިއެވެ.

ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ފުލަމްގެ މައްޗަށް ޔުނައިޓެޑް ކުރިހޯދީ 3-0 އިންނެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. މިގޯލް މެޗުގެ 14 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިހާރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާއެވެ. އޭގެ 9 މިނެޓު ފަހުން ޔުނައިޓެޑުން ވަނީ ލީޑު ފުޅާކޮށްފައެވެ. މިގޯލް މެޗުގެ 23 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެންތަނީ މާސިއާލް އެވެ.

މެޗުގައި ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، 65 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ގޯލް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކުރި ޕޮގްބާއެވެ.

މިއީ ހޯސޭ މޮރީނިއޯ ވަކިކޮށް ޑިސެމްބަރުމަހު އޮލެ ގުނަ ސޯލްޝެއާއާ ޔުނައިޓެޑް ހަވާލުކުރިފަހުން އެޓީމު ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވި 10 ވަނަ މެޗެވެ. ސޯލްޝެއާ ހަވާލުވި ފަހުން އެއްވެސް މެޗަކުން ޔުނައިޓެޑް ބަލިވެފައެއް ނުވެއެވެ.

މިއަދުގެ މޮޅާއެކު ގަދަ ހަތަރަކަށް ޔުނައިޓެޑް ޖެހިލީ ކުޅުނު 26 މެޗުން ލިބުނު 51 ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި އޮތް ޗެލްސީއަށް ކުޅުނު 25 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. ލީގުގައި މާދަމާރޭ ޗެލްސީ ނުކުންނާނީ ވަރުގަދަ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.