2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބާއި ދިމާކޮށް އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރޭގައި ސިނަމާލެ ބުރިޖު އާންމުންނަށް ހުޅުވާލިއިރު ބުރިޖުގެ ސަލާމަތީ ކަންކަމާއި މެދު އެއްވެސް ވަރަކަށް ވިސްނާލާފައި ނެތޭވެސް ދެންނެވިދާނެ އެވެ.

ނަތީޖާއެއްގެ ގޮތުން އެކްސިޑެންޓުތައް ގިނަވެ މީހުންނަށް އަނިޔާވުމާއި މަރުވާ ޒުވާނުންގެ އަދަދުތައް ދިޔައީ އިތުރުވަމުންނެވެ. ގަވާއިދުތަކެއް އެކުލަވާލާއި އެޔަށް އަމަލު ކުރަން އަންގާފައިވީ ނަމަވެސް ދިވެހި ޒުވާނުން ބުރިޖު ހުރަސްކޮށް ދަތުރުކުރަނީ އެމީހުންގެ ގޮތުގައި ދުއްވުނު އެންމެ ބާރު ދުވެލީގަ އެވެ. މީގެ ސަބަބުން ކުރިމަތިވާ އެކްސިޑެންޓުތަކަށް ހައްލު ނުހޯދުނު ކަމުގައި ވިޔަސް އެކްސިޑެންޓުތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު މިވަނީ އަންނަ މަހުން ފެށިގެން ބުރިޖު ހުރަސްކޮށް ކުރާ ދަތުރުތަކުގައި ހެލްމެޓް އެޅުން މަޖުބޫރުކޮށްފަ އެވެ.

މި ގަވާއިދާ އެކު ބައެއް ވިޔަފާރިވެރިންނާއި އާންމުންގެ ތެރެއިންވެސް ގިނަ ބަޔަކު ބޭރުގެ ގައުމުތަކުން ހެލްމެޓް އެތެރެކޮށް ވިއްކަމުންދާއިރު ތިމާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ބޭނުން ކުރާ އެއްޗެއްގައި ވަކި ހާއްސަ ސިފަތަކަކާއި ބަލަން ޖެހޭ ވަކި މިންގަނޑުތަކެއްވެސް ހުރެ އެވެ. ހެލްމެޓް އެޅުމުގައި ބަލަންޖެހޭ މިންގަޑުތަކާއި މެދު ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެފަދަ ކަންކަން ހިމަނައި އުސޫލަކާއި ގަވާއިދުތަކެއް މިހާރު ތައްޔާރު ކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ގަވާއިދު ގެޒެޓް ކުރާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ހެލްމެޓްތައް ބަލައިގަތުމުގައި ބަލާ ވަކި ހާއްސަ ބްރޭންޑެއް ނެތް ކަމަށެވެ. އެހެންނަމަވެސް އޭގައި ވަކި ފެންވަރެއް ހުންނަންޖެހޭނެ ކަމަށެވެ. އެގޮތުން ހެލްމެޓް އަޅާފައި ހުންނަ އިރު އޭގައި ހުންނަން ޖެހޭ ވަކި ގޮތްތަކަކާއި ހަމަތަކެއްވެސް ވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. މިނިސްޓްރީން ބުނީ މި ހުރިހާ ކަންކަމަކަށް ބަލައި އުސޫލުތަކެއް އެކުލަވާލާފައިވާނެ ކަމަށާއި އެ އުސޫލުތައް އެކުލަވާލީ ޓްރެފިކް ޕޮލިސްއާ ވެސް މަޝްވަރާކޮށް ލަފާ ހޯދުމަށްފަހު ކަމަށެވެ.