ހދ ނޭކުރެންދޫ އަކީ ތަފާތު ރަށެކެވެ. ޖޯގުރަފީ ގޮތުން ރަށް އުފެދިފައިވާގޮތާއި ރަށުގައިވާ ގުދުރަތީ ވަޞީލަތްތަކާއި، ރަށުގައި ދިރިއުޅޭ މީހުންނާއި މަސައްކަތްތަކަށް ބެލިޔަސް ފެންނަނީ ތަފާތު ޚާއްސަ ކަމެކެވެ.

ދިވެހި އަންހެނުން އާމުދަނީ ހޯދުމަށް ޒަމާނުއްސުރެ ކުރަމުން އަންނަ ކަމަކީ ފަންގިވިނުމާއި ރޯނު ވެށުމާއި ބޮލިހިލުން ފަދަ މަސައްކަތްތަކެެވެ. ނޭކުރެންދޫ އަންހެނުންގެ މަސައްކަތަކީވެސް މިއެވެ. އަންހެންވެރިންގެ ތެރެއިން ގިނަ ބަޔަކީ ފަންގިވިންނަ މީހުންނެވެ. ގޭތެރޭގެ ހަރަދުތައް ހަމަޖެއްސުމުގައި ފިރިންނަށް އެމީހުން އެހީވަނީ އެމަސައްކަތްކޮށްގެންނެވެ.

ތަފާތަކީ މިކަމެއް ނޫނެވެ. ތަފާތަކީ ފަންގިވިނުމަށް ބޭނުންވާ ރޯނު ވެށުމަށް އެމީހުން ކުރާ މަސައްކަތެވެ. އެއްބަޔަކު ފަންގިވިންނަށް ބޭނުންކުރާ ހިމަ ރޯނު ކުޅުދުއްފުށިން ގަނެގެން ގެންނައިރު އަނެއް ބަޔަކު އެރޯނުވަށަނީ އަމިއްލަ އަށެވެ.

ރޯނުވަށަށް ކުރަންޖެހޭ މަސައްކަތްތަކެއް ހުރެއެވެ. ފުރަތަމަ ބޮނބި ހެހުމެވެ. އެބޮނބިތައް ފާކޮށް، ތަޅައި، ލިލިއެޅުމެވެ. އެއަށްފަހު ވެށުމެވެ. މިއިން ކޮންމެ ކަމަކީވެސް ބުރަކަމެކެެވެ.

ރޯނުވެށުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އެންމެ ބުރަ އެއްކަމަކީ ބޮނބި ފާކުރުމުމެވެ. ފެންފުންރަށެއްގައި ނަމަ އޮޅު ކޮނުމަކީ ބުރަ ކަމެކެވެ. ފުއްޓަރަށް ބޮނބިއަޅާނަމަވެސް އެއީވެސް ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު މިބުރަތައް އުފުލުމަށް ވުރެ ލުއިފަސޭހަ ގޮތެއް ނޭކުރެންދޫ އަންހެނުން އީޖާދުކޮށްފިއެެވެ. އެއީ އައިސް އަލަމާރީގަޔާއި ދޮންނަ މެޝިނުގައި ބޮނބި ފާކުރުމެވެ.