ދެމަފިރިއެއްގެ ގުޅުމުގައި ޖަހައި ހަގީގީ ވިންދަކީ ދެމަފިރިންގެ ހިތުގައި އުފެދޭ އިޝްގީ ލޯތްބެވެ. ދެމަފިރިއެއްގެ ހިތުގައި އެ ލޯބި ނޯންނަ ނަމަ އެ ގުޅުމަކީ ދިރުމެއް ނެތް ގުޅުމެކެވެ. ހިތްހަމަ ޖެހުމާއި އުފާވެރިކަން ނުވާ ގުޅުމެކެވެ. އެކަން ގަބޫލުކުރާ އެކަކީ ފިރާޝާއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ދެމަފިރިން އެކަކު އަނެކަކަށް ސިއްރުކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެއެވެ. މާޒީގައި ހިނގާފައި ހުރި ކަންކަމާއި ސިކުނޑިއަށް އަންނަހައި ކަމެއް ދެ ފަރާތުން ހިއްސާކުރަން ޖެހޭނެއެވެ. އެކަން ނުކުރެވޭނަމަ އެއީ ލޯތްބެއް ނޫނެވެ. އެއީ އޮޅުވާލުމެކެވެ. ދެފަރާތުގެ ގުޅުމަށް އެޅޭ ހުރަހެކެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ދެމަފިރިން ވަކިވާން ޖެހެނީ އަދި ވަރިފަށަށް އަރަނީ ވެސް ދެ މީހުން ދަސްވެފައިވާ މިންވަރު ކުޑަވުމުން. ދެ ފަރާތުން ހިއްސާކުރަންޖެހޭ ކަންކަން ރަނގަޅަށް ހިއްސާ ނުކުރެވޭތީ. ހަމަޔަގީނުން ވެސް އަހަރެން އެއްވެސް ކަމެއް މުބާއަށް ސިއްރުކޮށްފައެއް ނުވާނެ. އަދި ސިއްރުކުރާކަށް ވެސް ނުވިސްނަން" ފިރާޝާ ވާހަކަދައްކަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތީ ސޯފާގައި އިން ފިރިމީހާ މުބާހުގެ މޫނަށެވެ. ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން ޚުދު މުބާހަކަށް ވެސް ނޭނގެއެވެ.

"ތިޔައީ އަހަރެން ވެސް ގަބޫލުކުރާ ވާހަކަތަކެއް. އެކަމަކު ހުރިހާ ކަމެއް ނޫން. ބައެއް ކަންކަމަކީ ހިއްސާކުރުމަށްވުރެ ނުކުރުން ރަނގަޅު ކަންކަން. މާޒީގައި ހިނގާފައިވާ ކަމެއް އަނބުރާ ހަނދާންކުރުމަކީ އަހަރެންނަށް ގަބޫލުކުރެވޭ ކަމެއް ނޫން" މުބާހު ވާހަކަދެއްކީ ވަރަށް ވިސްނުންތެރިކަމާއެކުއެވެ.

"އެކަމަކު މާޒީގައި ހިނގާފައިވާ ކަމެއް ހިއްސާ ނުކޮށް ހުއްޓާ އެފަދަ ޝައްކެއް އުފެދިއްޖެނަމަ ދެން ވެދާނެ ގޮތް މާ ގޯސްވެދާނެ. އެކަން މުބާ ގަބޫލެއް ނުކުރަމުތަ؟" ފިރާޝާ އުފެއްދީ ސުވާލެކެވެ.

"ޝައްކު ވާނީ އެފަދަ ކަމެއް ދިމާ ވުމުންތާ؟ ހަމަ ޔަގީނުން ވެސް ފިރާ ހުއްޓާ އަހަރެން އެހެން އަންހެނެއްގެ ފަހަތަކުން ނުދުވާނަން. އެ ޔަގީންކަން އަހަރެން ދެން" މުބާހުގެ ފަރާތުން ޝައްކުވާފަދަ ކަމެއް ނުހިނގާނެކަމުގެ ޔަގީންކަން އޭނާ ފިރާޝާއަށް ދިނެވެ. ނަމަވެސް ފިރާޝާއަކަށް ގަބޫލެއް ނުކުރެވުނެވެ. ދެންވެސް ކުރީ ސުވާލެކެވެ. އެ ސުވާލާއާއެކު އަތުގައި އޮތް ރިމޯޓުން ފިރާޝާ، ޓީވީ ހުޅުވާލިއެވެ. އޭގެ އަޑުވެސް ގަދަކޮށްލިއެވެ.

"އަހަރެންނަށް ކަމެއް ސިއްރު ކޮށްފާނަންތަ؟" ކުރެވުނު ސުވާލާއެކު މުބާއަށް ފުން ނޭވާއެއް ލެވުނެވެ. އެ ނޭވާ ނުނިމެނީސް ގަދަކަމުން ހިނިގަނޑެއް ވެސް ޖަހާލިއެވެ. ހާސްނުވާކަން ދެއްކުމުގެ ގޮތުން ދެ ފަރާތަށް ބޯ ހޫރުވާލައި ތުންފަތަށް ރަކި ހިނިތުން ވުމެއް ވެސް ލިއެވެ.

"އަހަރެން ގަބޫލުކުރަނީ ފިރާއަށް އަހަރެން އެނގޭނެކަމަށް. ކައިވެންޏަށް 19 އަހަރު ވެ، ދަރިފުޅަށް 17 ވީ ފަހުން ސިއްރުކުރަން ނުޖެހުނު ކަމެއް މިހާރު ވެސް ސިއްރުކުރަން ނުޖެހޭނެކަމަށް. އަހަރެން މި އަޖައިބުވަނީ ތި ފަދަ ސުވާލުތަކަކަށް ޖަވާބުދޭން މިއަދު ޖެހުނީތީ؟ މި އޮތް ހުރިހާ ދުވަހު ތި ސުވާލުތައް ނުކޮށް ހުރީތީ؟ ހިތަށް މި އަރަނީ ކިހިނެއްވީ ބާއޭ؟ ކަމެއް ގޯސްކޮށް ކުރެވުނީ ބާއޭ؟" ހިތަށް އައި ސުވާލުތައް މުބާހުގެ ދުލުން އަމުނާލިއެވެ.

"ކަމެއް ގޯސްކޮށް ކުރެވުނު ނަމަ އެކަން އެނގޭނީ މުބާއަށް. އަހަރެންނަށް އެނގެނީ އަހަރެންގެ ހިތް އަހަރެންނަށް އޮޅުވާ ނުލާނެކަން. އަހަރެންގެ ލޯ އަހަރެންނަށް ދޮގު ނުހަދާނެކަން. އަހަރެންނަކީ ކާކުކަން ވެސް މުބާއަށް އެނގޭނެ" ފިރާޝާގެ ޖުމުލަތަކުގެ ރާގާއި ވާހަކައިގައިވާ ހަރުދަނާކަމުން މުބާހުގެ ސިކުނޑިއަށް ފޯރުކޮށްދިނީ އިތުރު ވިސްނުމެކެވެ. އޭނާއަށް މަޖުބޫރުވީއެވެ. އެ ސުވާލުނުކޮށް ނުހުރުމަށް އެ ސިކުނޑި ބުނީއެވެ.

"ކީއްވެ އަހަރެންގެ އެ ފޯނު ބެލީ" މުބާހު ސުވާލުކުރިއެވެ. އެ ސުވާލާއެކު އަނެއްކާ ވެސް ޓީވީގެ އަޑު ފިރާޝާ އިތުރަށް ބާރު ކޮށްލިއެވެ.

"ކީއްވެ ތި ސުވާލުކުރަން ތި ޖެހުނީ؟" މުބާހުގެ ސުވާލު ނުނިމެނީސް ފިރާޝާ ވެސް ކުރަން ފެށީ ސުވާލެކެވެ. ދެ މީހުންގެ ރާގު ބަދަލުވިއެވެ. ލޭ ކެކެންފެށިއެވެ. ވިންދު އަވަސްވަން ފެށިއެވެ.

"އަހަރެން މި ކުރި ސުވާލަށް ޖަވާބުދީ؟ އެ ފޯނު ބެލިންތަ؟ ބެލިންތަ؟" ރުޅި އައިސްފައިވާ ސިންގާއެއްހެން މުބާހު ތެދުވެ ފިރާޝާގެ ކުރިމަތީ ހުއްޓުނެވެ. އެއީ ދުވަހަކުވެސް މުބާހު ކުރިކަމެއް ނޫނެވެ. އެ ނަފުސުގެ ކޮންޓްރޯލް އޭނާގެ އަތުން ދޫވިއެވެ. އެކަމުގެ މުހިންމުކަން ހިތަށް ވަދެ އެ ޖިސްމުން އެ ހަރަކާތްތައް ކުރުވިއެވެ. މުބާހުގެ މިޒާޖު އެހެން ގޮތަކަށް ފިރާޝާއަށް ފެނުނެވެ.

"ބެލިން. ބެލިން. ނުބަލަން ބުނި ސަބަބު މިހާރު އެނގިއްޖެ. ތި ރުޅިގަނޑު އައި ސަބަބު ވެސް އެނގިއްޖެ" އަޑު ގައި ނެތްތަނަށް ފިރާޝާ ދިން ޖަވާބާއެކު އޭނާ ރޯން ފެށިއެވެ. ބާރު ބާރަށެވެ. ގިސްލަމުންނެވެ.

އެ އަޑަށް ދުވެފައި ކަހަލަގޮތަކަށް އެ ތަނަށް ވަނީ ދަރިފުޅު ސުނީނާއެވެ. ދަރިފުޅު ފެނުމާއެކު ހީވީ ދެ މީހުން ޑުރާމާއެއް ކުޅުނު ހެންނެވެ. މުޅި ސިޓިންގ ރޫމުގައި ގުގުމާލާފައިވާ ޓީވީގެ އަޑު ނޫން އެހެން ހުރިހާ އަޑެއް މީހަކު ދަމައިގަތް ހެންނެވެ. ދެ މީހުންގެ ރުޅިއާއި ކެކެމުން ދިޔަ އުދާސްތަކަށް މީހަކު ފެންޖެހި ހެންނެވެ. ދެ ހިތުގައި ޖަހަމުން ދިޔަ ވިންދަށް މީހަކު ހެސްކިޔާފައި އޮބާލި ހެންނެވެ.

ފުން ނޭވާއެއް ލަމުން މުބާހު ނުކުތީ ބޭރަށެވެ. ދެ ލޯ ފުހެލަމުން ފިރާޝާ ހިނގައިގަތީ ބަދިގެ ފަރާތަށެވެ. ކިތަންމެ ވަރަކަށް އެކަން ސިއްރު ކުރަން އުޅުނު ނަމަވެސް އެ ކަން ދަރިފުޅު ސުނީނާ ދެނަގަތެވެ. މަންމައަށް އަންނަމުން ދިޔަ ބަދަލުތައް އޭނާއަށް ފެނުނެވެ. ބައްޕަ އުޅޭގޮތް އޭނާއަށް އެނގެއެވެ. އޭނާއަށް ނޭނގެނީ އެ ކަންކަމުގެ ސިއްރެވެ.

ދިމާވި ކަންކަން މާ ބޮޑު ކަމަކަށް ސުނީނާ ނުހަދައެވެ. އެ ވާހަކަ ނުވެސް އަހައެވެ. އޭނާ ގަބޫލުކުރީ އެ ވާހަކަ މަންމަ ދައްކާނެ ކަމަށެވެ. ވީ ވެސް އެހެންނެވެ.

އިރުއޮއްސި އަނދިރި ވީތަނާ ސުނީނީގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ދިނެވެ. އެ ޓަކި ދިން ގޮތުން އެއީ އޭނާގެ މަންމަކަން ސުނީނާ ދެނެގަތެވެ. އެ މަންމަ ވަދެ ސުނީނާ ގައި އޮޅުލައި ގަތެވެ. އަދި ހިތުގައި ޖެހި ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. ސުނީނާގެ ބަލި ހިތަށް އެކަމުން ކުރާނެ އަސަރާއި އެ ކުރެވެނީ ކިހައި ވަރެއްގެ ކަމެއްކަން އެ މަންމައަށް ވެސް އެނގެއެވެ. ނަމަވެސް އެ މަންމައަށް މަޖުބޫރުވީއެވެ. އެ ނޫންގޮތެއް ނެތްކަން ގަބޫލުކުރެވުނީއެވެ.

މަންމަ ކިޔައިދެމުން ދިޔައީ ބައްޕައަށް ބަދަލު އަންނަމުން ދިޔަ ގޮތެވެ. ބައްޕަ އެހެން އަންހެނަކާ ގުޅުން ބާއްވަމުން ދިޔަ ވާހަކަތަކެވެ. ދެ ފަހަރެއްގެ މަތިން ލަންކާއަށް ގޮސް ކުރިހާ ކަންކަމެވެ. އެ ކަންކަމުގެ ފޮޓޯ ވެސް އެ މަންމަގެ އަތުގައި ވެއެވެ. ފައިސާގެ ބޮޑު މުއާމަލާތެއް ކުރާކަމާއި ޑުރަގުގެ ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވާކަން ވެސް އެ މަންމަ އޭނާގެ ދަރިފުޅަށް ވިސްނައި ދިނެވެ. ފުލުހަކަށްވެ ހުރެ އެ ވާހަކަތައް ދައްކާފައިވާ މެސެޖުތައް ވެސް އެ މަންމަ ދަރިފުޅަށް ދެއްކިއެވެ. މަންމަ ދައްކަމުން ދިޔަ ވާހަކަތައް އެއީ ތެދުކަން ސާބިތުވާނެ ފަދަ ހެކިތައް ސުނީނާއަށް އެ މަންމަ ދިޔައީ ދައްކަމުންނެވެ. އެ ހުރިހާ ވާހަކަތަކަކަށް ފަހު އެ މަންމަގެ ނިންމުން ސުނީނާގެ ކުރިމަތީ އެ މަންމަ ހާމަކުރިއެވެ.

"މަންމަ ބޭނުމެއް ނޫން އެންމެ ހިނދު ކޮޅަކުވެސް ބައްޕައާއެކު އުޅޭކަށް. މި ގޭގައި ވެސް މަޑުކުރާކަށް. ބޭނުމެއް ނޫން. ބޭނުމެއް ނޫން" ސުނީނާއަށް ލިބުނީ ޝޮކެކެވެ. އެ ހިތްދަތި ޖުމުލަތަކުން ސުނީނާގެ ހިތް ކަތިލެވުނެވެ. އޭނާއަށް ރޮވޭ ގޮތްވިއެވެ.

"ދަރިފުޅާ! މަންމަ ވަކިވާން މި ނިންމީ ދަރިފުޅަށްޓަކައި. ދަރިފުޅު މުސްތަގުބަލަށްޓަކައި. ބައްޕައަކީ ކޮން ކަހަލަ މީހެއްކަން މަންމައަށް އެނގި، ބައްޕައާ އެކުގައި އުޅޭކަށް މަންމަ ބޭނުމެއް ނޫން. ބައްޕައަށް ދެރަ ގޮތެއް ވާކަށް މަންމައެއް ވެސް ނޭދެން. އެކަމަކު ބައްޕަ އެކުރާ ކަންކަމުގެ ބަދަލު ބައްޕައަށް ލިބޭނެ. އެ ދުވަހު އެ މަޅީގައި މަންމައާއި ދަރިފުޅު ބެދުމަކީ މަންމަ އެދޭ ގޮތެއް ނޫން. އެކަމަކު ހަރާން ފައިސާއިން ބޮޑުވާ ކުއްޖަކަށް ތިޔަ ދަރިފުޅު ވާކަށް މަންމަ ބޭނުމެއް ނޫން" ފިރާޝާ އޭނާގެ ދަރިފުޅާ ހިއްސާކުރީ އޭނާ ވަކިވާންޖެހޭ ސަބަބުތަކެވެ.

"މަންމައަށް އެނގޭ ބައްޕަ ދަރިފުޅު ދެކެ ލޯބިވާކަން ވެސް. މަންމަ ދެކެ ވެސް ލޯބިވާކަން. އެ ކަމަކު އެ ލޯބީގައި އޮތީ ވައްކަން. އޮޅުވާލުން. ނަހަލާލު ފައިސާ. އެފަދަ މީހަކާއެކު މަންމައަކަށް ނޫޅެވޭނެ. ދަރިފުޅާ. ގަބޫލުކުރޭ. މަންމަ ބޭނުމެއް ނޫން. އެންމެ ވަގުތު ކޮޅަކުވެސް މިތަނުގައި ހުންނާކަށް ބޭނުމެއް ނޫން" މަންމަ ރޯން ފެށިއެވެ. ސުނީނާ އަނެއްކާ ވެސް އޮޅުލައިގަތެވެ. މަންމަގެ ބޮލުގައި ފިރުމަން ފެށިއެވެ.

"މަންމާ! ބައްޕައަކީ ރަނގަޅު މީހެއް ނޫންކަން ގަބޫލުކުރެވިއްޖެ. އެކަމަކު އެކަން ފުލުހުންނަށް ނާންގާތި. އަހަރެން މަންމައާއެކު ދާނަން. އެކަމަކު އަހަރެނަށް ކަމެއް ކޮށްދޭނަމަ އެކަން ކޮށްދީ. ބައްޕަ އުޅެންޖެހޭނެ ހާލު އަހަރެންނަށް އެނގޭ. ބައްޕަ ދެރަވާނެ ވަރު އަހަރެންނަށް އިހުސާސް ކުރެވޭ. ޕްލީސް މަންމާ" ސުނީނާ އާދޭސް ކުރަން ފެށީ ބައްޕަގެ އެ އަމަލުތައް ސިއްރުކުރުމަށެވެ.

"މަންމަ އެކަން ނޭނގި ނަމަވެސް އެކަން ފަޅާއަރާނެ ދުވަހެއް އަންނާނެ. އެދުވަހުން މާ ގޯސްވާނެ. އޭރުން ދަރިފުޅު މާ ދެރަވަނެ ދަރިފުޅާ" ފިރާޝާ ބޭނުންވީ ވިސްނައިދޭށެވެ.

"ނޫން މަންމާ! މިހާރު ވެސް ބައްޕަ އެ ވަނީ އެ މަޅީގައި ބެދިފައި. އެ މަޅީގައި ބައްޕަ ފައްތާ، ޖަލުގެ ތޭރިތަކާ ހަމައަށް ބައްޕަ ފޮނުވާލާ މީހަކަށް، މަންމަ ވާކަށް އަހަރެން ބޭނުމެއް ނޫން. ބޭނުމެއް ނޫން. ޕްލީސް މަންމާ! އެކަން ސިއްރުކޮށްދީ. އަހަރެންނަށްޓަކައި އެކަން ކޮށްދީ. އަހަރެން މިވާ ލޯތްބަށްޓަކައި އެކަން ކޮށްދީ" ސުނީނާ އެދެމުން ދިޔައީ އޭނާގެ ބައްޕަ ކުރަމުން އެދާ ސިއްރު ކަންކަން އިހަށް ފޮރުވައި ދިނުމަށެވެ. އެ ކަންކަން ހުއްޓުވުމަށް މަހެއްހައި ދުވަހުގެ ފުރުޞަތު އޭނާއަށް ދިނުމަށެވެ. އެ މުއްދަތުގައި ބައްޕަ އެކަން ނުހުއްޓައިފިނަމަ ޚުދު އޭނާ އެކަން ރިޕޯޓު ކުރާނެކަމަށެވެ.

އެތައް ވާހަކަތަކަށް ފަހު އެ މަންމަގެ ހިތުގައި އަނދަމުން ދިޔަ ނަފުރަތުގެ ހުޅުގަނޑު މަޑުވާގޮތް ވިއެވެ. އެ ކަން ނުކުރުމަށް އެ މަންމަ އެއްބަސްވިއެވެ. ނަމަވެސް އެރެއިން އެރެއަށް އެގެއިން ނުކުމެގެން މަންމަގެ ގެއަށް ބަދަލުވުމަށް ދެ މައިން އެއް ބަސްވިއެވެ.

(ނުނިމޭ)