ކްރިކެޓް ވޯލްޑް ކަޕް ކުޅެފައިވާ މަޝްހޫރު ކުޅުންތެރިން ހިމެނޭ ޓީމެއް ރާއްޖެ އަންނަ ގޮތައް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެންޕަވަރމަންޓް އަޙްމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އާއި ރާއްޖޭގައި ދެމެދު މި ފަހަކަށް އައިސް ގާއިމު ކުރެވިފައިވާ ގާތް ގުޅުމުގެ ތެރެއިން ރާއްޖޭގެ ކުޅިވަރު އާލާކޮށް ދިރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަމަޖެހިފައިވާ މިމެޗު ވެގެން ގޮސްގައި ވަނީ އިންޑިއާގެ މަޝްހޫރު ވަރަށް ގިނަ ކުޅުންތެރިން ކުޅޭ މެޗަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިންޑިއާ އާއި އެކު އެއްމެ ފުރަތަމަ މަޝްވަރާ ކުރެވުނީ މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާއިރު ކުޅޭ ހާއްސަ މެޗެއް ކުޅުމަށް ކަމަށާއި އެހެން ނަމަވެސް އިންޑިއާ އިން ރާއްޖެ ފޮނުވަން ނިންމާފައިވަނީ އެއާއިންޑިއާގެ ޓީމެއް ކަމަށެވެ.

"އިންޑިއާއިން އެއާއިންޑިއާގެ ޓީމެއް ފޮނުވަން ނިންމުމާއި އެކު މި މެޗު މިހާރު މި ވަނީ ވަރަށް ބޮޑުވެފަ. މި ޓީމުގައި މި ތިބީ އެންމެ ޓޮޕް ކްލާސް ކުޅުންތެރިން. ވޯލްޑްކަޕް ކުޅެފައިވާ އަދި މިހާރު ވެސް އިންޑިއަން ޕްރިމިއާ ލީގު ކުޅޭ މަޝްހޫރު ގަދަ ކުޅުންތެރިން" ރާއްޖެ އަންނަ އިންޑިއާ ޓީމާއި ބެހޭ ގޮތުން ވަޒީރު ވިދާޅުވިއެވެ.

އަންނަ ހުކުރު ދުވަހު އިންޑިއާގެ ޓީމު ރާއްޖޭގައި ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ހެނުދުނު ފުރަތަމަ މެޗުގައި ނިކުންނާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އާއި ނައިބް ރައީސް ފައިސަލް ނަސީމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ހިމެނޭ ގޮތައް ޕޮލިސިލީ ލެވަލްގެ ބޭފުޅުން ހިމެނޭ މެޗެކެވެ. ދެވަނަ މެޗުގައި މެންދުރު ފަހު އިންޑިއާ ޓީމު ބައްދަލު ކުރާނީ ރާއްޖޭގެ ގައުމީ ޓީމާއެވެ.