ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމުން ވާނެ އެއްވެސް ފައިދާއެއް ނެތްކަމުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޖުމުހޫރީ ޕާޓީން އިތުރު 9 ދާއިރާއަކަށް ވާދަކުރުމަށް، 9 ބޭފުޅަކަށް އެޕާޓީގެ ޓިކެޓް ދިންކަން އިއުލާނު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތަކަށާއި ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޤާސިމް އިބުރާހިމް ވިދާޅުވީ އެކަމަކީ ފައިދާއެއް ހުރި ކަމެއް ނޫންކަމަށެވެ. މިގޮތުން ބަރުލަމާނީ ނިޒާމެއްގައި ރައީސަކީ ރަމްޒީ މަޤާމެއްކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ، ބޮޑުވަޒީރަކީ ފަސްހާހެއްހާ މީހުންގެ ވޯޓުން ހޮވޭ މީހެއްކަމަށެވެ. އެހެން ނަމަވެސް ރައީސަކީ ހުރިހާ ދާއިރާ އަކުން ހުރިހާއެންމެގެ ވޯޓުން ހޮވޭ އަދި ހުރިހާ އެންމެގެ ގާތަށް ވަޑައިގަންނަވަންޖެހޭނެ ބޭފުޅެއް ކަމަށާއި އެހެން ކަމުން އެޕޮއިންޓަށް އެކަނި ބަލާލިއަސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރެވޭނެ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމުގައި ވަޒީރުން ޖަވާބުދާރީ ނުކުރެވޭނެ ކަމަށާއި ދައުލަތުގެ ޚަރަދުތައްވެސް އެތައް ގުނައެއް ބޮޑުވެގެން ދާނެ ކަމުގައިވެސް ޤާސިމް ވިދާޅުވިއެވެ.

މިގޮތުން ޤާސިމް އިބުރާހިމް ވިދާޅުވީ، ރާއްޖޭގައި ބޮޑު ވަޒީރަކު ހުރެގެން ދައުލަތް ހިންގި ދުވަސްވަރުގައި ކަންކަން ހިނގާ ދިޔަގޮތް މީގެ ކުރިންވެސް ދިވެހިން ތަޖުރިބާކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކަ އަކީ އަރުވާއަޑެއް ކަމަށާއި އެއީ ވާނެ ކަމެއް ނޫންކަމުގައެވެ.

ޤާސިމް އިބުރާހިމް ވިދާޅުވީ ޖުމުހޫރީ ޕާޓީން ތާއީދު ކުރަނީ ރިޔާސީ ނިޒާމުގައި ދެމި އޮތުމަށް ކަމަށެވެ. އަދި ރައީސް އިބުރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަން ދެއްކުމަށް ޖުމުހޫރީޕާޓީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ޤާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެއްޕާޓީއަކަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ ކަންތައްތައް ވެގެން ދިޔަގޮތްވެސް ރައްޔިތުންނަށް ފެނިގެން ހިނގައްޖެ ކަމަށެވެ. މިގޮތުން އެއް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ނުދިނުމަށް ޤާސިމް ވަނީ ދިވެހިރައްޔިތުންނަށް ގޮވާލައްވާފައެވެ.

"އަޅުގަނޑު ދައްނަވާނީ އެއްވެސް އެއްޕާޓީއަކަށް ރައްޔިތުން ނުދެއްވާށޭ ޕާލަމެންޓްގެ މެޖޯރިޓީ. ދީފީ ވިއްޔާ، ޒިންމާދާރެއްވެސް ނުކުރެވޭނެ. ހިތަށްއަރާހައި ގޮތަކަށް ކަންތައްތައް ކުރާނީ. ސަރުކާރު ޒިންމާދާރު ކުރުވަން ސުވާލެއްވެސް ނުކުރެވޭނެ. އެގޮތަށް ކަންތައްތައް ވެގެން ދިޔަތަން އަޅުގަނޑުމެންނަށް އެއޮތީ ފެންނަން. ދައުލަތުގެ ހުރިހާ މުއައްސަސާއެއް އެ އޮންނަނީ ހަމައެކަނި އެއްޕާޓީއަކުން އެއްބަޔަކު ބޭނުންވާ ގޮތަށް." ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރާއްޖޭގައި އިސްލާހު ކުރަން ނުޖެހޭ ދާއިރާއެއް ނެތްކަމަށެވެ. އެކަމަކު އެއްޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީދީގެން އެކަން ހާސިލް ނުކުރެވޭނެ ކަމުގައިވެސް ޤާސިމް ވިދާޅުވިއެވެ. އަދި އެއް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ތިންބާރު އެއްބާރަށް ވެގެންދާނޭ ކަމެއް ކަމަށާއި އޭރުން މިނިވަން މުއައްސަސާތަކުގެ ބޭފުޅުންވެސް ތިބޭނީ ތުރުތުރުއަޅަައަޅާކަމުގައިވެސް ވިދާޅުވިއެވެ.

ޤާސިމް އިބުރާހިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުރިހާ ބާރެއް އޮންނަ ކަމަށެވެ. މިގޮތުން ޤާނޫނު އަސާސީއަށާއި ޤާނޫނުތައް ބަދަލުކޮށް، ރައީސް އަޒުލުކޮށް، އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކޮށް އެކަންކަން މަޖިލީހުގެ ތެރެއިން ކުރެވޭނެ ކަމަށެވެ. އެހެންކަމުން އެއްޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީދޭން ހެޔޮނުވާނެ ކަމުގައިވެސް ޤާސިމް ތަކުރާރުކޮށް ވިދާޅުވިއެވެ.

އަދި ހަމައެކަނި އެކަކު ދެކޭ ހުވަފެނެއްގެ މައްޗަށް ބިނާވެގެން ކަންތައްކުރުމުން ޤައުމުގެ އިސްތިޤުލާލާއި މިނިވަންކަންވެސް ގެއްލ ހިނގައިދާނޭ ކަމުގައި ޤާސިމް ވަނީ ވިދާޅުވެފައެވެ.