ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިތުރު ނުވަ ދާއިރާއަކަށް ވާދަކުރުމަށް ނިންމައި ކެންޑިޑޭޓުން އިއުލާންކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 36 ދާއިރާއަކަށް ކުރިމަތިލުމަށް ނިންމައި އެދާއިރާތަކުގެ ކެންޑިޑޭޓުން މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް ކުނޫޒުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިއުލާންކުރި 9 ދާއިރާއަކީ ތ.ކިނބިދޫ ދާއިރާ، ޅ.ނައިފަރު ދާއިރާ، ހއ.އިހަވަންދޫ ދާއިރާ، ށ.މިލަންދޫ ދާއިރާ، ހދ.ނޮޅިވަރަމް ދާއިރާ، ނ.ހޮޅުދޫ ދާއިރާ، ތ.ހިރިލަންދޫ ދާއިރާ، ގދ.މަޑަވެލި ދާއިރާ އަދި އައްޑޫ މީދޫ ދާއިރާއެވެ.

މި ނުވަ ދާއިރާއާއި އެކު ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 45 ދާއިރާއަކަށް ވާދަކުރުމަށް މިވަނީ ނިންމާފައެވެ. ކެންޑިޑޭޓުންގެ ގާނޫނީ ފޯމު ފުރުމުގެ ކަންކަން ކުރިއަށްދާ ކަމަށް ޖޭޕީން ވަނީ ބުނެފައެވެ.

ޖޭޕީން މަޖިލީސް އިންތިޚާބަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 97 ފަރާތަކުން ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ފޯމު މިހަފުތާ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ކޯލިޝަން އެއްބަސްވުމުގައި ވާގޮތުން ޖުމްހޫރީ ޕާޓީއަށް ވާދަކުރުމަށް ލިބެނީ 22 ދާއިރާއެވެ. ނަމަވެސް ޕާޓީތަކުން ވާދަކުރާނެ ދާއިރާތަކާމެދު ޕާޓީތަކަށް ވަކި ގޮތަކަށް އެއްބަސްވެވިފައިނުވާތީ ފަހުން ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީން ބޭނުންވާ ދާއިރާތަކަށް ކުރިމަތިލުމަށް ނިންމާފައެވެ. ސަރުކާރު ކޯލިޝަންގެ ތެރޭގައި ވަނީ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމާ ގުޅޭގޮތުން ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައެވެ.