ރާއްޖޭގެ އެއްވަނަ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އާއި ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު އުމެއިރު މިއަހަރު ކުލަބް ގްރީންސްޓްރީޓްސް އަށް ކުޅުމަށް ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ތަ ކިޗަން ރެސްޓޯރަންޓުގައި ބޭއްވި ހަފުލާގައި މި ދެ ކުޅުންތެރިން ވަނީ ގްރީންސްޓްރީޓްސް އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިިއީ އެއް އަހަރުދުވަހުގެ އެއްބަސްވުމެކެވެ. ނަމަވެސް މި އެއްބަސްވުމުގެ އަގެއް އެ ކުލަބުން ހާމައެއްނުކުރެއެވެ.

ދަގަނޑޭ އާއި އުމެއިރު އެއްކޮށް އެންމެ ފަހުން ކުޅެފައިވަނީ ނިއުރޭޑިއަންޓަށެވެ. ނަމަވެސް މުސާރަ ދިނުމުގައި ދިމާވި މައްސަލަތަކުގެ ސަބަބުން ދަގަނޑޭ ވަނީ އެފްއޭއެމަށް މައްސަލަ ހުށައަޅާފައެވެ. އަދި އެފްއޭއެމުން ވަނީ ދަގަނޑޭ ގެ އިތުރުން އެ ކުލަބުގެ ގިނަ ކުޅުންތެރިން ނިއުރޭޑިއަންޓާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ. އަދި ބައެއް ކުޅުންތެރިންތަކެއް ވަނީ ދޫކޮށްލާފައެވެ. އެއަށްފަހު ސީޒަނުގެ ބާކީ އޮތްބައި ދަގަނޑޭ ކުޅުނީ ޓީސީއަށެވެ.