ޑޮކްޓަރުންނާއި ނަރުހުންނަށް އަހަރީ ޗުއްޓީއާއި އޯފް ދުވަސްތަކުގެ ސާރވިސް އެލަވަންސް ދޭން ސިވިލް ސާވިސް ކޮމިޝަނުން ފާސްކުރުމާއި ގުޅިގެން ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއިން މަރުހަބާ ކިޔައިފިއެވެ.

ލޭބަރ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް އަހަރީ ޗުއްޓީއާއި އޮފް ދުވަސްތަކުގެ ސާރވިސް އެލަވަންސް ދޭން ސިވިލް ސާވިސް ކޮމިޝަނުން ފާސްކުރިކުރުމަށް އެ ޕާޓީން މަރުހަބާކިޔާ ކަމަށެވެ.

ލޭބާރ ޕާޓީން ބުނީ މަސައްކަތްތެރިންނަށް ލިބޭ މިފަދަ ކޮންމެ އިނާޔަތަކީ އެޕާޓީން ތަރުހީބުދޭނެ ކަންކަން ކަމަށާ، ނަމަވެސް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ އެހެނިހެން މުވައްޒަފުން މި އެލަވެންސުން އިސްތިސްނާވާކަމީ އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ސިއްހީ ދާއިރާއަކީ ގިނަ ބަޔަކު މަސައްކަތްކުރާ ދާއިރާއެއް ކަމަށްވާއިރު، ޑޮކްޓަރުންނާއި ނަރުހުންނަށް އެލަވަންސް ދޭން ނިންމިފަދައިން އެ މުވައްޒަފުންނަށް ވެސް ތަފާތު ކުރުމެއްނެތި އެ އެލަވަންސް ދިނުމަށް ގޮވާލާ ކަމަށެވެ.

ލޭބަރ ޕާޓީން އިތުރަށް ބުނެފައިވަނީ، އެންމެހާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ނައްތާލައި މުވައްޒަފުންގެ ހައްގުތަށް ހޯދައިދިނުމަށް ޤާނޫނީ އިމުގެ ތެރެއިން ކުރެވެންހުރި ކޮންމެ ކަމެއް ކުރުމަށް އެ ފާޓީން ފަސްނުޖެހޭނެ ކަމަށެވެ.

ލޭބަރ ޕާޓީން ބުނެފައިވަނީ، އެޕާޓީގެ މުހިއްމު މަޤްސަދަކީ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުން ކަމަށެވެ. އެގޮތުން ރިސޯޓް މުވައްޒަފުންނާއި، ސީފެއަރާސް ނުވަތަ ބޯޓް ދަތުރުކުރާ މީހުންގެ ހައްގުތައް ހިމާޔަތްކޮށްދީ، ޕައިލެޓުންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.