ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ފޯކައިދޫ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުގެ ސަބަބުން މުބާރާތުގެ ސެމީފައިނަލަށް ދަ ގްރާންޑޭ ނިއު ޖެނެރޭޝަން ދަތުރުކޮށްފިއެވެ.

މި މެޗުން މޮޅުވެ ވިކްޓްރީއަށް މުބާރާތުގެ ސެމީއަށް ދިއުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އެއްވަރުވުމާއެކު ޖުމްލަ 3 ޕޮއިންޓާއެކު ވިކްޓްރީއަށްް ލިބެނީ ތިންވަނައެވެ. ދެވަނަ ލިބުނީ ހަތަރު ޕޮއިންޓާއެކު އޮތް ދަ ގްރާންޑޭ އަށެވެ.

މި މެޗާއެކު މުބާރާތުގެ ގްރޫޕް އޭ ގެ މެޗުތައް ވަނީ ނިމިފައެވެ. މި ގްރޫޕުން އެއްވަނަ ހޯދައިގެން ސެމީފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޓީސީ ސްޕޯޓްސް ކުލަބެވެ. އެ ކުލަބު ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ފޯކައިދޫ އާއި ދަ ގްރާންޑޭ ބަލިކޮށް ވިކްޓްރީއާއި އެއްވަރުކޮށްފައެވެ. ތިންވަނައިގައި އޮތް ވިކްޓްރީއަށް ތިން ޕޮއިންޓް ލިބުނީ ކުޅުނު ތިން މެޗުވެސް އެއްވަރުވެގެންނެވެ. އެންމެ ފުލުގައި އޮތީ ފޯކައިދޫ އެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. އަދި ލަނޑުޖަހާނެ ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔައެވެ.

މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީ ގެ ދެ މެޗެވެ. ހަވީރު ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީސް އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާއިރު ރޭގަނޑު ކުޅޭ މެޗުގައި ބަައްދަލުކުރާނީ ކުލަބް އީގަލްސްއާއި މާޒިޔާ އެވެ.