ރައީސް އިބްރާހިމް މުހަންމަދު ސާލިހް ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހު ކުރައްވާނެ ކަމަށް ވެވަޑައިގެންފައިވާ އިޖުތިމާއީ ހަމަޖެހުމުގެ ވައުދުގެ ތެރެއިން ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތުގައި މާލޭގެ ކަނޑައެޅޭ ބައެއް މަގުތައް ބަންދުކުރުމަކީ ވަރަށް މުހިންމު ނިންމެވުމެއް ކަމަށް، ބައެއް ތަޖުރިބާކާރު ބޭފުޅުން ވިދާޅުވެއްޖެއެވެ.

ވީނިއުސްއިން ގެނެސްދޭ "އެނގިދާނެތާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ޕަބްލިކް ޕޮލިސީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މިރްފަތު އިސްމާއިލް ޝަފީގް ވިދާޅުވީ، ހެނދުނުގެ އިތުރުން، ހުކުރު ދުވަހުގެ ހަވީރުގެ ވަގުތުގައިވެސް އެފަދަ މަގުތައް ބަންދުކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. ގިނަ އާއިލާތައް ކުޑަކުދިންނާއެކު ހިނގާލުމަށާއި، ޕާކްތަކަށް ނުކުމެ އުޅޭ ވަގުތަކީ ހަވީރުގެ ވަގުތުކަންވެސް މިރްފަތު ފާހަގަ ކުރެއްވިއެވެ. ޖަޒީރާ މާހައުލެއް ގާއިމްކުރެވޭނީ ހެނދުނާއި ހަވީރަށް ނުބަލައި މަގުތައް ބަންދުކުރެވިގެން ކަމަށްވެސް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތައުލީމީ ދާއިރާގައި ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ޑރ. އާމާލް އަލީ ވިދާޅުވީ، މިއަދު އެންމެންވެސް ދުޅަހެޔޮ ވިސްނުމަކަށް ވިސްނަންޖެހޭ ކަމަށެވެ.

ޚާއްސަކޮށް ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތަކީ ނިދާލަންލިބޭ ވަގުތު ކަމަށް ބައެއްމީހުން ދެކޭ ކަމަށާއި، އެހެންވެ، ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތު ފެންނަނީ މީހުން މަދު، ދުއްވާ އެއްޗެހިވެސް މަދު ވަގުތެއްގެ ގޮތުގައި ކަމަށް އާމާލް ވިދާޅުވިއެވެ. އެހެންނަމަވެސް، ވަކި މަގުތަކެއް ބަންދުކޮށް ހުކުރު ދުވަހުގެ ހެނދުނު އާއިލާތައް ބޭރަށް ނުކުމެ އުޅެންފެށުމަކީ ވެހިކަލް ދުއްވުންވެސް އެއްކޮށް ހުއްޓާލާނެ ސަބަބަކަށް ވެދާނެކަމަށް ޑރ. އާމާލް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުވެސް އެބައުޅެން ބައިކް މޯލްޑިވްސްގަ. ހަމަ ކޮންމެ ހުކުރު ދުވަހަކު މިދަނީ ދޯންޏަކަށް އަޅުގަނޑުމެންގެ ބައިސްކަލްތައް ލައިގެން ހުޅުމާލެއަށް. ކީއްވެގެންތޯ؟ އެއީވެސް ހުޅުމާލޭގަ އަދިވެސް ތަނަވަސް މަގުތައް އޮވެފަ، އަޅުގަނޑުމެން ކުޑަކުދިން އާއިލާއާއެކު ދުއްވާލާއިރު ހިތްފަސޭހަ ކަމެއް ލިބިގެންދާތީ" ޑރ. އާމާލް އަލީ ވިދާޅުވިއެވެ.

"އެނގިދާނެތާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ އަލީ ޝާހް ވިދާޅުވީ، އިޖުތިމާއީ ހަމަޖެހުމުގެ ވައުދުގެދަށުން ވަކި މަގުތަކެއް ހެނދުނު ބަންދުކޮށް މިކަން ފަށަން ރަނގަޅު ކަމަށެވެ. އެގޮތުން ގެންނަ ބަދަލާއެކު އިތުރު ވަގުތުތަކަށް ބަހާލާނީތޯ ނުވަތަ މަޑުޖައްސާލާނީތޯ ސަރުކާރަށް ވިސްނާލަން ފުރުސަތު ލިބޭނެ ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެންވެސް އެބަޖެހޭ އާދަކާދަތައް ބަދަލުކުރަން. އެއީ ހެނދުނު ޚާއްސަކޮށް ހުކުރުދުވަހެއް ވީމަ އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެގޮތުގައި އަޅުގަނޑުހިތުން ވިސްނުން އެބަޖެހޭ ބަދަލުކުރަން. މިއީ މިހާރުވެސް ބައެއް އާއިލާތަކުގެ ފަރާތުން މާލޭގައި ފެންނަމުންދާ ކަމެއް" އަލީ ޝާހް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވެރިކަމުގެ ފުރަތަމަ ނުވަދިހަ ދުވަހުގެ ތެރޭގައި އިޖުތިމާއީ ހަމަޖެހުމަށް ކުރައްވާނެ ކަމަށް ވެވަޑައިގެންފައިވާ ބައެއް ވައުދުތަކާމެދު މި ޕްރޮގްރާމްގައި މި ބޭފުޅުން ޚިޔާލު ފާޅުކުރައްވާފައި ވެއެވެ.

އެގޮތުން، މާލޭގެ ކަނޑައެޅޭ މަގުތަކެއް ހުކުރު ދުވަހުގެ ހެނދުނު ބަންދުކޮށް އާއިލާއާއި ކުޑަކުދިންނަށް ޖަޒީރާ މާހައުލެއް ހޯދައިދިނުމުގެ ވައުދުގެ އިތުރުން، ހުޅުމާލޭގައި ޕަބްލިކް ޓޮއިލެޓެއް ގާއިމްކުރުމާއި، ފުވައްމުލަކު ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ފެށުމާއި، ފުވައްމުލަކު ސިޓީ ސްކޫލްގެ މަގު ފުޅާކުރުމުގެ މަސައްކަތާއި، އައްޑޫ ސިޓީ ސްކޮޔަރ އަލުން ހަދައި ކުލަގަދަ ރަސްމިއްޔާތަކާއެކު ކޯއްޓޭއަށް ގައުމީ ދިދަ ނެގުމުގެ މަސައްކަތާއި، މުނިސިޕަލް އިންސްޕެކްޓަރސް އުފެއްދުމާއި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް ރިހެބލިޓޭޝަން ސެންޓަރުތައް ގާއިމްކުރުމުގެ ވައުދާ ގުޅޭގޮތުންވެސް މި ޕްރޮގްރާމްގައި ޚިޔާލު ފާޅުކުރައްވާފައި ވެއެވެ.