ބ. ކަމަދޫ ސުކޫލްގެ ދަރިވަރުންނާ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

ފުލުހުންގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ބ. އޭދަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ކަމަދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގެ ތެރެއިން، އެސްކޫލްގެ ގްރޭޑް 6 އިން 10 އަށް ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނާއި އެ ސްކޫލްގެ ބެލެނިވެރިންނަށް ވަނީ މައުލޫމާތު ދީފަ އެވެ.

އެގޮތުން ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ކިޔެވުމުގެ މުހިއްމުކަމާއި ކާމިޔާބު ދަރިވަރަކަށް ވުމަށް މަސައްކަތްކުރަންވީ ގޮތާއި ދަރިވަރުންގެ ކިބައިގައި ރިވެތި އަޚްލާގު ބައްޓަންކުރުމަށް މަސައްކަތްކުރަންވީ ގޮތުގެ އިތުރުން ދަރިވަރެއްގެ ކިބައިގައި ހުންނަށްޖެހޭ ރީތި ސިފަތަކާއި އަދި ކުށުގެ ވެށިން ދުރުހެލިވެ ތިބުމާއި އެކަމުގެ މުހިއްމުކަމާއި ގުޅޭގޮތުން ވަނީ މައުލޫމާތު ދީފަ އެވެ.

މީގެއިތުރުން އެއްކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވެދީ ގުޅިގެން އުޅުމާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުންގެ އިތުރުން ބޮޑެތި މީހުންނަށް އިޚްތިރާމް ކުރުމާ ގުޅޭގޮތުން ވެސް މިބައްދަލުވުމުގައި ވަނީ މައުލޫމާތު ދީފަ އެވެ.

ކަމަދޫ ސްކޫލްގެ ބެލެނިވެރިންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ކުށުގެ ވެށިން ކުދިން ދުރުހެލި ކުރުވުމަށް ބެލެނިވެރިން މަސައްކަތްކުރަންވީ ގޮތްތަކާއި ބެލެނިވެރިކަމުގެ ހުނަރުތައް ބުނެދިނުމުގެ އިތުރުން ކުދިންގެ ކިޔެވުމުގައި ބެލެނިވެރިން ބައިވެރިވުމާ ގުޅޭގޮތުން ވެސް ވަނީ މައުލޫމާތު ދީފަ އެވެ.

މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ކަމަދޫ ސްކޫލްގެ ވަަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.