ކުނި އެެންދުން ހުއްޓާލާ ކުނި އަލުން ބޭނުން ކުރެވޭ ގޮތް ހެދުމަށްޓަކައި ބ. އަތޮޅު ތިން ރަށެއްގައި "އީކޯ ސެންޓްރޯ" ތަކެއް ގާއިމުކޮށްދިނުމަށް ސޮނޭވާފުށި ރިސޯޓުން ނިންމައިފި އެވެ.

ސޮނޭވާފުއްޓާއެކު އެއްބަސްވުމަކަށް އައިސްފައިވަނީ ދަރަވަންދޫ އާއި މާޅޮހުގެ އިތުރުން ކިހާދޫ އެވެ. "ނަމޫނާ ބ. އަތޮޅު"ގެ ނަމުގައި ވެފައިވާ އެ އެއްބަސްވުމުގެ ދަށުން ކުނި ނައްތާލަން ނިންމާފައި ވަނީ ކުނީގެ ގޮތުން އުކާލެވޭ ތަކެތި އަލުން ބޭނުން ކުރެވޭގޮތް ހަދައިގެންނެވެ.

ސޮނޭވާފުށީގައި "އީކޯ ސެންޓްރޯ" އެއް މިހާރު ވެސް ހިންގަ އެވެ. އެ ތަނުގައި އުފެދޭ އެކިއެކި ކުނި ފުނޑުފުނޑުކޮށް އޭގެން ތަފާތުތަކެތި އުފައްދަ އެވެ. މީގެތެރޭގައި އިމާރާތް ހެދުމަށް ބޭނުންވާ ގާއެޅުމާއި ގަސް ކާނާ ހިމެނެ އެވެ. އެ ރިސޯޓުން އުކާލާ ހުރިހާ ޕްލާސްޓިކް ކުންޏެއް އެގޮތަށް ބޭނުން ކުރެ އެވެ.