ތިލަފުށީގައި ބައިނަލްއަގްވާމީ ބަނދަރެއް ތަރައްގީ ކުރުމަށްޓަކައި މާސްޓާ ޕްލޭނެއް ހަދާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވަނީ ތިލަފުށީގައި ބައިނަލްއަގްވާމީ ބަނދަރެއް ތަރައްގީ ކުރުމަށްޓަކައި މާސްޓާ ޕްލޭނެއް ހެދުމާއި ބަނދަރުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނޭ ކޮންސަލްޓަންސީ ފާމެއް ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޝައުގުވެރިކަން ފާޅުކުރާއިރު މި ދާއިރާގައި މީގެ ކުރިން ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތަފްސީލާ އެކު، މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުވާ ފަދަ ލިޔެކިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި މަސައްކަތް ކުރުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅާ އިރު ސަރުކާރުން ބޮޑަށް ބާރުއަޅަނީ ބައިނަލްއަގްވާމީ ފާމްތަކުން ދިވެހި ފާމްތަކުގެ ބައިވެރިވުމާއެކު އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށް ކަމަށްވެސް އިއުލާންގައިވެ އެވެ. މިމަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފަ އެވެ.

މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލު ކުރާނީ ކޮލިޓީ ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުސޫލުން ކަމަށެވެ.