ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތު ރޭގެ ނިޔަލަށް ހަމަވިއިރު 1256 ޝަކުވާ އެއް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ މައިގަނޑު ގޮތެއްގައި ޝަކުވާ ހުށަހަޅާފައިވަނީ ދެ ކަމެއްގައި ކަަމަށެވެ. އެއީ ދާއިރާ ބަދަލުވުމާއި އެޑްރެސް ބަދަލުވުމުގެ ކަންތަކުގައި ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށްފަހު ސާފުކުރަންޖެހޭ ކަންކަން ސާފުކުރަމުން އަންނަ ކަމަށެވެ.

އަދި އެކަންކަން ބެލުމަށްފަހު ރަޖިސްޓްރީ އިސްލާހު ކުރުމަށްފަހު މިމަހުގެ 15 ވަނަ ދުވަހު އަލުން ލިސްޓް އާންމު ކުރެވޭނެކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އެއާއެކު އެލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލެވި ގެންދާނެކަމަށް އަކުރަމް ވިދާޅުވިއެވެ.

އިލެކްޝަނުން އާންމުކޮށްފައިވާ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެއެވެ. އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި އަލަށް 2،454 މީހަކަށް ވޯޓުލެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ހުރި މީހަކު ވޯޓުލުމަށް ރީރަޖިސްޓްރީ ކުރަންޖެހޭނީ ރިޔާސީ އިންތިޚާބުގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީ ކުރިތަން ބަދަލުވާނަމަ އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.