ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރުމަށް ތައްޔާރުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޖިލިސް އިންތިހާބަށް އެޕާޓީން ކަނޑައަޅާފައިވާ ތަރުޖަމާން އަފްޝަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންގެ ހުރިހާ ކަމެއްވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި އެބޭފުޅުންގެ މާލީ ބަޔާން ހިއްސާ ކުރުމަށްޓަކައި ޚާއްސަ ފޯމެޓެއް މިހާރު ހިއްސާކުރައްވާފައިވާނެ ކަމަށެވެ.

އަފްޝަން ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ހިއްސާކުރި މި ފޯމެޓަކީ ޕާޓީއާ މެދު ކެންޑިޑޭޓުންގެ އިތުބާރު މިހާރަށްވުރެ އިތުރުކުރުމަށާ އެމްޑީޕީގެ ހުރިހާ ކަމެއްވެސް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާތީ ކުރާ ކަމެއް ކަމަށެެވެ.

އަފްޝަން ވިދާޅުވީ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނަށް ވެސް މިމަހުގެ 14 ވާ ބުރާސްފަތި ދުވަހު ރޭގަނޑު 8:00 ޖެހުމުގެ ކުރިން އެބޭފުޅުންގެ މާލީ ބަޔާން ހިއްސާކުރުމަށް އިލްތިމާސް ކުރައްވާފައިވާނެ ކަމަށެވެ. އަދި ކެންޑިޑޭޓުންގެ އެ މައުލޫމާތުތައް އެމްޑީޕީގެ ވެބްސައިޓާއި ރަސްމީ ޓުވިޓާ އެކައުންޓުގައި އާންމުކުރަމުން ގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. ވެބްސައިޓުގައި އާންމުކުރުމުގެ ކުރިން މީޑިއާތަކާއި މި ފޯމެޓު ހިއްސާކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް މިދިޔަ ބުދަ ދުވަހު ހުށަހަޅާފައިވާއިރު މީގެތެރެއިން މައުލޫމާތު ފުރިހަމަ ނުވާ 10 ފޯމެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިނުގަނެ އަނބުރާ ފޮނުވާލާފަ އެވެ. އަފްޝަން ވިދާޅުވީ ފޯމްތައް އިތުރަށް ފުރިހަމަކޮށް ވީހާވެސް އަވަހަށް އެ ފޯމްތައް އަލުން ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ 86 ދާއިރާއަށް ކުރިމަތިލުމަށް ނިންމާފަ އެވެ. ނަމަވެސް އެޕާޓީގެ ގައުމީ މަޖިލީހުގައި ވަނީ 6 ދާއިރާއެއް އަދާލަތު ޕާޓީއަށް ދޫކޮށްލުމަށް މަޝްވަރާތަކެއް ކޮށްފަ އެވެ. އެކަމަކު އަދާލަތަށް އެއްވެސް ދާއިރާއެއް ދޫކޮށްލުމަށް އެމްޑީޕީގެ ކެންޑިޑޭޓުން ބޭނުން ނުވާ ކަމަށްވެސް އެނގިފައިވެ އެވެ.