އިޓާލިއަން ލީގުގެ އެއް ވަނައިގައި ޔުވެންޓަސްއިން 11 ޕޮއިންޓުގެ ބޮޑު ލީޑެއް ނަގައި ހަމަޖެހިލައިފި އެވެ.

ލީގް ތާވަލްގެ އެއް ވަނަ މަގާމްގައި ޔުވެންޓަސްއިން ބޮޑު ލީޑެއް ނަގައި ހަމަޖެހިލީ ރޭ ސައުސޮލޯއާ ދެކޮޅަށް ކުޅުނު މެޗް ފަސޭހަ ކަމާއެކު 3-0 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ރަށުން ބޭރުގައި ޔުވެންޓަސް ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ 23 ވަނަ މިނެޓުގައެވެ. އެލަނޑު އެޓީމަށް ޖަހާދިނީ ޖަރުމަންގެ މިޑްފީލްޑަރު ސާމީ ކެދީރާ އެވެ. މެޗުގައި ޔުވެންޓަސްއަށް ލީޑް ފުޅާ ކޮށްދިން ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި ޔުވެންޓަސްގެ ތިން ވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޖަރުމަންގެ މިޑްފީލްޑަރު އެމްރޭ ޗޭން އެވެ.

ރޭގެ މެޗަށްފަހު ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ، ޓީމްގައި އަދިވެސް ކުދިކުދި މައްސަލަތައް އުޅޭ ކަމަށާއި އެގޮތުން ހުރިހާ ކުޅުންތެރިން ރަނގަޅަށް ކުޅޭ ނަމަ ޓީމް އެއްފެންވަރެއްގައި ބޭއްވުމަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދި ރޭގެ މެޗަކީ ވަރުގަދަ މެޗެއް ކަމަށާއި މެޗުން މޮޅުވެވުނީ ޓީމްގެ ފަހަތުން ކުރި ހިތް ވަރުން ކަމަށެވެ.

ރޭގެ މޮޅާއެކު ޔުވެންޓަސް ލީގް ތާވަލްގެ އެއް ވަނަ މަގާމްގައި އޮތީ މިހާތަނަށް ކުޅުނު 23 މެޗުން ލިބުނު 63 ޕޮއިންޓާއެކު އެވެ. އަދި ލީގް ތާވަލްގެ ދެ ވަނަ މަގާމްގައި އޮތް ނަޕޯލީއަށް ލިބިފައި އޮތީ މިހާތަނަށް ކުޅުނު 23 މެޗުން ލިބުނު 52 ޕޮއިންޓާއެކު އެވެ.