ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ އާއިލީ މަސްލަހަތު އޮންނަ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ކުންފުންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަތަރު ބޭފުޅުން ދަރަނިވެރިވެފައިވާ ފައިސާ އެބޭފުޅުން ދައްކާ ހަލާސްކުރައްވައިފި އެވެ.

އާރްސީސީ ކުންފުންޏަށް ރައީސް މައުމޫންގެ ހަތަރު ބޭފުޅުން ކަމަށްވާ ފާރިސް މައުމޫނާއި، ޣައްސާން މައުމޫނާއި، ޔުމްނާ މައުމޫންގެ އިތުރުން ދުންޔާ މައުމޫން ދަރަނިވެރިވެފައި ވަނީ 2.1 މިލިއަން ރުފިޔާ އަށެވެ.

ރައީސް މައުމޫނުގެ އާއިލީ ބޭފުޅަކު ވިދާޅުވެފައިވަނީ އާރްސީސީ އަށް ދައްކަން ޖެހޭ 2.1 މިލިއަން ރުފިޔާ ކޯޓަށް ދައްކައި މިއަދު ހަލާސްކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެބޭފުޅުންގެ އިތުރު ދަރަންޏެއް ނޯންނާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ހަތަރު ބޭފުޅުން ފައިސާ ދައްކަވާފަވަނީ އެއީ އެބޭފުޅުން ދަރަނިވެރިވެފައިވާ ފައިސާއެއް ކަމަށް ގަބޫލުފުޅު ކުރައްވާތީ ނޫން ކަމަށެވެ. އެހެންނަމަވެސް ރައީސް މައުމޫންގެ ބޭފުޅުންނަކީ ވަރަށް އަހުލާގު ރަނގަޅު ބޭފުޅުންނަށް ވުމާއި މިވަގުތު މަސްލަހަތަށް ބަލާފައި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާތީ އެކަން އެގޮތަށް ނިންމެވީ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް މައުމޫންގެ ހަތަރު ބޭފުޅުންގެ މައްޗަށް އާރްސީސީން ދައުވާ ކުރީ މި ހަތަރު ބޭފުޅުންގެ ނަމުގައި ޗާންދަނީ މަގުގައި އޮތް ބިމެއްގައި ހަތް ބުރީގެ އިމާރާތެއް އެޅުމަށްފަހު އެ އިމާރާތަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ ކަމަށް ބުނެ އެ ފައިސާ ހޯދުމަށެވެ.

މިމައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ދައުވާގައި ބުނާ ފައިސާ އަކީ މައުމޫންގެ ހަތަރު ބޭފުޅުން ދައްކަން ޖެހޭ ފައިސާ ކަމަށާއި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް ހުކުމްކޮށްފަ އެވެ.

މިކަމާ ގުޅިގެން އާއިލާއިން ބުނެފައިވަނީ މައްސަލަ ހިނގާފައިވާ ގޮތުގައި ބައިވަރު މައްސަލަތަކެއް ހުރި ކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ފައިސާ ދެއްކި ކަމުގައިވިޔަސް ވިސްނުން ހުރީ ފަހުން އެ މައްސަލަ އަލުން އިސްތިއުނާފު ކުރުމަށް ކަމަށެވެ.

މީގެ ކުރިންވެސް ރައީސް މައުމޫންގެ ބޭފުޅުންގެ ފަރާތުން މި މައްސަލަ އިސްތިއުނާފް ކޮށްފައިވާއިރު އިސްތިއުނާފުގެ ޝަރީއަތަށް މައްސަލަ ހުށަހެޅި ބޭފުޅާ ކަމަށްވާ ޣައްސާން މައުމޫން ހާޒިރު ނުވުމުގެ ސަބަބުން ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

މި ދައުވާއާއި ގުޅިގެން މީގެ ކުރިން ކޯޓުގައި އާއި އަދި މީޑިއާގައި ވެސް މި ހަތަރު ބޭފުޅުން ވަނީ ދައުވާ އަށް އިންކާރުކުރައްވާފަ އެވެ. އެބޭފުޅުން ވިދާޅުވީ އާރްސީސީން އިމާރާތުގެ މަސައްކަތް ނިންމާ ހަވާލުކުރި އިރު މަސައްކަތް ކޮށްފައި ހުރީ އެއްބަސްވުމާ ހިލާފަށް ފެންވަރު ދަށްކޮށް ކަމަށާ އެކަމުގެ ސަބަބުން އިމާރާތުގައި ބޮޑެތި މަރާމާތުތަކެއް ކުރަންޖެހުނު ކަމަށެވެ. މަރާމާތުގެ މަސައްކަތަށް އެކަނި ވެސް 2.1 މިލިއަން ރުފިޔާ އެބޭފުޅުން ހަރަދުކުރަން ޖެހުނު ކަމަށްވެސް ވިދާޅުވެފައިވެ އެވެ.