ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ތާއީދާ އެކު މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ކެމްޕޭން ތަރުޖަމާނާއި މެނޭޖަރު ހަމަޖައްސަވައިފި އެވެ.
ރައީސް މައުމޫންގެ ސިޔާސީ ހަރަކާތް (އެމްއާރްއެމް)ގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސެވީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރުގެ ނައިބު މުހައްމަދު ފައިސަލް އެވެ. އެސިސްޓެންޓް މެނޭޖަރަކަށް ހަމަޖެއްސެވީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު އެވެ.
އެމްއާރްއެމްގެ ކެމްޕޭން ތަރުޖަމާނަކަށް ހަަމަޖެއްސެވީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދެވެ.
އެމްއާރްއެމްގެ ފަރާތުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 30 އަށް ވުރެ ގިނަ ދާއިރާއަށް ކުރިމަތިލުމަށް ވަނީ ނިންމާފަ އެވެ. އަދި ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ގޮނޑި ގެއްލުނު ކަަމަށް ބުނެފައިވާ މަޖިލީހުގެ 12 މެންބަރުން މިއިންތިހާބުގައި ވާދަކުރައްވާނަމަ އެ ބޭފުޅުންނަށް ތާއީދުކުރެއްވުމަށް ވެސް ރައީސް މައުމޫން ވަނީ ނިންމަވާފަ އެވެ.
އެމްއާރްއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ވެސް މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.