ހައުސިން ސްކީމުގެ ފްލެޓްތަކަށް ކިޔުގައި ނުޖެހި އޮންލައިންކޮށް އެދުމަށް "މަގޭހިޔާވަހި" އޮންލައިން ޕޯޓަލް ލޯންޗުކޮށްފި އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ މި އޮންލައިން ޕޯޓަލް ލޯންޗުކޮށްދެއްވީ ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އެވެ.

މި ޕޯޓަލް އަކީ ނެޝަނަލް ސެންޓާ ފޯ ދި އިންފޮމޭޝަން ޓެކްނޮލޮޖީން ތައްޔާރުކޮށްފައިވާ ޕޯޓަލް އެކެވެ.

މި ޕޯޓަލް މިއަދު ލޯންޗު ކޮށްފައިވީނަމަވެސް މިހާރު ހަމައެކަނި ކުރެވޭނެ ކަމަކީ ރަޖިސްޓްރީ ކުރުން އެކަންޏެވެ. އެއީ މިވަގުތު އިތުރު ހައުސިން ސްކީމެއް ތައާރަފްކޮށްފައި ނުވާތީ ކަމަށް މި ޕޯޓަލް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވި އެވެ. އަދި މީގެކުރިން ދިގު ކިޔުގައި އެތައް ގަޑިއިރެއް ހޭދަކޮށްގެން ކުރި ކަންތައް މި ޕޯޓަލްގެ ސަބަބުން ނިމުމަކަށް އައީ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.