ފ. ފީއަލީގެ ޑެންގީ ކޭސްތައް ރިޕޯޓުކުރާ މިންވަރު މަދުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިން ބުނެފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭ ވިދާޅުވީ، އިއްޔެ ފީއަލީ ސިއްހީ މަރުކަޒުން ފަރުވާ ހޯދި މީހުންގެ ތެރެއިން ޑެންގީއަށް ޕޮޒިޓިވް ވެފައިވަނީ ދެކުއްޖަކު ކަމަށެވެ. އެހެންކަމުން މިއީ ކުރިއާ އަޅާބަލާއިރު މަދު އަދަދެއް ކަމަށެވެ.

ފީއަލީގައި ޑެންގީ ފެތުރުނަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ ފީއަލިން ޑެންގީ ކޮންޓްރޯލް ކުރެވިފައި ކަމަށް ބުނެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް ޑެންގީ ކޮންޓްރޯލް ކުރުމަށް މިހާރު ކުރަމުންދާ ގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ މިހާރު ހުރީ ސްޓޭބަލް ކޭސްތައް ކަމަށާއި އެހެން ނަމަވެސް ކޮންޓްރޯލް ކުރެވިފައޭ ދެންނެވެން ނެތް ކަމަށެވެ.

އެޗްޕީއޭއިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ފ. ފީއަލިން ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވަނީ ޖުމްލަ 10 މީހުން ކަމަށާއި ޑެންގީ ޖެހިގެން ފަރުވާ ދީފައިވަނީ ގިނައިން ކުޑަކުދިންނަށް ކަމަށެވެ.

ޑޭންގީ ޖެހިގެން ރިޕޯޓް ކޮށްފައިވާ 10 މީހުންގެ ތެރެއިން 8 މީހުން ރިޕޯޓު ކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހާއި 8 ވަނަ ދުވަހާއި ދެމެދުގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މި މައްސަލަތައް ރިޕޯޓު ކުރުމާގުޅިގެން މި މަހުގެ 8 ވަނަ ދުވަހުގެ ފ.އަތޮޅު ހޮސްޕިޓަލުން އެރަށަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ގޮސް އިތުރު ފަރުވާގެ ހިދުމަތްތައް ފޯރުކޮށްދީފައި ވާނެ ކަމަށްވެސް ބުނެފައިވެއެވެ.