މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުންނަށް ޓިކެޓު ދިނުމަށް ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރައިމަރީ އިންތިހާބުން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް އިތުރު ގޮތަކުން މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިން ސުޕްރީމް ކޯޓަށް މިމައްސަލަ ހުށަހަޅާފައިވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.

މި މައްސަލައިގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ވާދަކުރެވޭ ފަރާތްތަކުގެ ޝަރުތުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު ޕްރައިމަރީން ބަލިވާ މީހުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ޕާޓީތަކުގެ ގާނޫނުގައި އޮންނަ އޮތުމަކީ ގާނޫނު އަސާސީއަށް ގެނެވޭ އުނިއިތުރެއް ކަމަށެވެ.

އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާއަކީ ގާނޫނުއަސާސީގައި ބުނާ ހަމަހަމަ ކަމުގެ ވޯޓު ދިނުމުގެ ހައްގުގެ އިތުރަށް އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގާވެސް ހިލާފް ކަމެއް ކަމުގައި ބުނެފައިވެއެވެ.

އެހެންވީމާ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް މަޖިލިސް އިންތިހާބުގައ ވާދަ ނުކުރެވޭ ގޮތަށް ހަދާފައިވާ ސިޔާސީ ޕާޓީތަކުގެ ގާނޫނޫގެ 10 ވަނަ މާއްދާ ބާތިލުކޮށް ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ޕާޓީގެ މެމްބަރުކަން ދޫކޮށްލުމަށް ފަހު، އަމިއްލަގޮތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރެވޭގޮތް ހެދުމަށް މިމައްސަލައިގައި ވަނީ އެދިފައެވެ.

ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށް ނިންމާފައިވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި 2016 ވަނަ އަހަރުގައެވެ. އެ ނިންމުމަށް ގިނަ ސިޔާސީ ފަރާތްތަކަކާއި އާންމުންގެވެސް ފާޑުކިޔުން އަމާޒުވެފައިވާއިރު ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ މިގާނޫނު ބާތިލްކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފައެވެ.

މި ގާނޫނު ބާތިލްކުރުމަށް ޖާބިރުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު ޖާބިރަކީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެވަޑައި ގެންފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް އެ ދާއިރާއަށް އަމިއްލަގޮތުން ވާދަ ކުރައްވާނެ ކަމަށް ޖާބިރު ވަނީ މީގެކުރިން އިއުލާނު ކުރައްވާފައެވެ.