އަންނަ އޭޕްރިލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް 10 ފަރާތަކަށް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ލޭބާ ޕާޓީ)ގެ ފަރާތުން މިއަދު ޓިކެޓް ހަވާލުކޮށްފިއެވެ.

އެފަރާތްތަކަށް ޓިކެޓް ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ސައިރިކްސް ކޮލެޖްގައި ބޭއްވި ޖަލްސާއެއްގައި އެޕާޓީގެ ލީޑަރޝިޕް ކޮމިޓީގެ ރައީސް އަހްމަދު ޝިހާމްއެވެ.

ލޭބާ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް މިއަދު ޓިކެޓް ހަވާލުކޮށްފައިވާ ދާއިރާތަކަކީ ތ. ކިނބިދޫ ދާއިރާއާއި، ޅ. ހިންނަވަރު ދާއިރާއާއި، ހދ.ނޮޅިވަރަމް ދާއިރާއާއި، ށ. މިލަންދޫ ދާއިރާއާއި، އދ. މާމިގިލީ ދާއިރާއާއި، ހުޅުމާލެ ދާއިރާއާއި، ހެންވޭރު ދެކުނު ދާއިރާއާއި، ބ. އޭދަފުށީ ދާއިރާ އަދި ގއ. ދާންދޫ ދާއިރާގެ އިތުރުން ގދ. ފަރެސްމާދޮޑާ ދާއިރާއަށެވެ.

ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަސީން ވިދާޅުވީ، ލޭބާ ޕާޓީން ރައްރިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވާ ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރާނެ ކަމަށެވެ. އަދި އެޕާޓީގެ އެއްވެސް ކެންޑިޑޭޓެއް ވޯޓު ގަތުމަށްޓަކައި ފައިސާ ހަރަދު ނުކުރާނެ ކަމަށްވެސް ހަސީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޕާޓީގެ ފަރާތުން އަދިވެސް އިތުރު ކެންޑިޑޭޓުން ނުކުތުން އެކަށީގެންވާ ކަމަށެވެ.

ހަސީން ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލިހަށް ވާދަކުރާ ފަރާތްތައްވެސް ލޭބާ ޕާޓީގެ ތާއީދު ހޯދަން އެދުުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެފަރާތްތައް ވާންޖެހެނީ ލޭބާ ޕާޓީގެ އަސާސްތަކުގެ މިންގަނޑަށް ފެތޭ ކެންޑިޑޭޓުންނަށް ކަމަށެވެ.

އެހެންނަމަވެސް އެޕާޓީން އެހެން ސިޔާސީ ޕާޓީއަކާ ގުޅެން އަދި ނިންމާފައި ނުވާކަމަށްވެސް ހަސީން ވިދާޅުވިއެވެ.