ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ކުންފުންޏެއް އުފެއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ހިއްސާވާ ކޯޕަރޭޝަނެއް އުފެއްދެވުމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމެވީ، އިކޮނޮމިކް ކައުންސިލުގެ ލަފާފުޅާއި އެކުގަ އެވެ. އަދި އެ ކުންފުންޏަކީ އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން އުފައްދަވާ ކުންފުންޏެކެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދާނީ އެ ކޯޕަރޭޝަނުގެ ދަށުން ކަމަށާއި، ކުރިމަގުގައި ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތައްވެސް ހިންގާނީ އެ ކޯޕަރޭޝަނުގެ ދަށުންކަމުގައި ވަނީ ހާމަކޮށްފަ އެވެ.

ރައީސް އޮފީހުން ބުނީ، އެ ކޯޕަރޭޝަނުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދާނީ މިހާރު ސަރުކާރުން މަސައްކަތް ފައްޓަވާފައިވާ ހައުސިންގް ނީޑްސް އެސެސްމަންޓަށް ރިޢާޔަތް ކުރެވިގެން، އަދުލުވެރި އަދި އިތުބާރުހިފޭ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު، ފަހި ދިރިއުޅުމެއް އުޅެވޭނެފަދަ މާޙައުލެއް ޤާއިމުކުރުމަށް ބޭނުންވާނެ ވަސީލަތްތައް ހަމަޖައްސައިދިނުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށް ވަނީ ބުނެފައެވެ.

އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" އުފެއްދުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމެވި އިރު، ރައީސްގެ ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވަނީ ބޯހިޔާވަހިކަމުގެ އަގު ހެޔޮކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، މާލޭގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރަށް އެކި ރަށްރަށުގައި މި އަހަރު އަލަށް ހަދާ 550 ހައުސިންގ ޔުނިޓްގެ މަސައްކަތް، ބީލަމަށް ހުޅުވާލުމަށް ތައްޔާރުވަމުން އަންނައިރު، ކުރިން މަސައްކަތް ފަށައި ނުނިމި ހުރި، 1،500 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް މަސައްކަތް އަލުން ފަށާފައި ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.