ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަރާމާތުކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ހިނގަމުންދާތީ، މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދާނެ ގޮތަކާއިމެދު، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، ޕާޓީތަކުގެ ޕީޖީ ގުރޫޕުގެ ލީޑަރުންނާއިއެކު މަޝްވަރާކުރައްވައިފިއެވެ.

މިހާރު މަޖިލީސްކުރާ ގޭގައި ކުރިއަށްދާ ބައްދަލުވުމުގައި އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއާއި، ޕީޕީއެމް އަދި އެމްޑީއޭއާއި އަދާލަތު ޕާޓީގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.

އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންފައިވާއިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ އެޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒެވެ.

ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ބައިވެރިވެވަޑައިގެންފައިވާއިރު، އެމްޑީއޭގެ ޕީޖީ ގުރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފެވެ. އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ މަޖިލީހުގައި އެޕާޓީ ތަމްސީލުކުރައްވާ ހަމައެކަނި މެންބަރު، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މަޖިލީސްކުރާގޭގައި ބޮޑެތި މަރާމާތުތަކެއް ކުރަމުންދާތީ، މަޖިލީސް ޖަލްސާތައް އާންމު އުސޫލުން ފަށާނެ ދުވަހެއް ކަނޑައެޅުމާއި ބެހޭގޮތުން، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ޕީޖީ ގުރޫޕްގެ ލީޑަރުންނާއި ބައްދަލުކުރައްވަމުން ގެންދަވާކަމަށެވެ.