ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަގޮތުން މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ 5 ބޭފުޅަކު މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޯމްތައް ހުށަހެޅުއްވި ކެންޑިޑޭޑުންގެ ތެރޭގައި ހިމެނެނީ މައްޗަށްގޯޅި ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައިވާ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި، ހެންވޭރު ދެކުނު ދާއިރާ އަށް ކުރިމަތިލައްވާފައިވާ އަބްދުﷲ އަފީފާއި، ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ މުހައްމަދު ދިލްޝާން އަބްދުﷲ އާއި، މާފަންނު މެދު ދާއިރާއަށް ކުރިމަތިލައްވާފައިވާ ޑރ. އިބްރާހިމް ޝިޔާމާއި، މާފަންނު އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ އަހްމަދު މުސްތަފާ އެވެ.

އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމް ހުށަހެޅުއްވި ފަސް ބޭފުޅުން މަޖިލިސް އިންތިހާބުގައި ކެމްޕޭން ކުރައްވަނީ "މިނިވަނުން މަޖިލީހަށް" މިޝިއާރުގެ ދަށުންނެވެ. މިބޭފުޅުން މަޖިލީހަށް އިންތިހާބު ވެއްޖެނަމަ ވަކި ކަންތައްތަކަށް އަމަލުކުރުމަށް އިގުރާރުވެ މީގެކުރިން ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކުރައްވާފަ އެެވެ.

އަމިއްލަގޮތުން މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ބޭފުޅުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަޖިލީހަކީ ރައްޔިތުންގެ ތަނަކަށް ހަދަންޖެހޭ ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ ވަކި ފިކުރަކާއި ވަކި ފަރާތެއްގެ އަޑު އުފުލާ ތަނަކަށްވުރެ ރައްޔިތުންގެ ހިޔާލުތަކާއި އިހްސާސްތައް ހިއްސާކުރާ ތަނަކަށް ހަދަންޖެހޭ ކަމަށެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ނިކުންނަވާ ބޭފުޅުންގެ ހައިސިއްޔަތުން ގަބޫލުކުރާ އުސޫލުތަކާއި އެއްބަސްވާ ކަންތައްތައް ވެސް މި ބޭފުޅުން މިހާރު ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުވާ ކުރައްވާތާ 60 ދުވަހުގެ ތެރޭގައި މަޖިލިސް މެމްބަރުގެ އޮފީހެއް ހުޅުވުމާއި، ދާއިރާގެ ރައްޔިތުންނާ މަހަކު އެއްފަހަރު ބައްދަލު ކުރެއްވުމާއި، މަޖިލީހަށް ހޮވިއްޖެނަމަ ދައުރު ނިމެންދެން އެއްވެސް ސިޔާސީ ޕާޓީއަކަށް ސޮއި ނުކުރުންފަދަ ކަންކަން ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައިވާއިރު އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.