ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމުރީންކުރުމަށް ޓްރެއިނަރުން ހޯދުމަށް އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

އީސީއިން ބުނީ، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީންކުރުމަށް ޓްރެއިނަރުން ހޯދުމަށް އަނެއްކާވެސް އިއުލާން ކުރީ އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ފޯމު ލިބިފައިނުވާތީ ކަމަށެވެ.

އީސީއިން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ މަޖިލީހުގެ އިންތިހާބުގައި، ރާއްޖެއާއި ރާއްޖޭން ބޭރުގައި ގާއިމްކުރެވޭ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނު ދިނުމަށް ޓްރެއިނަރުންގެ ގޮތުގައި ޖުމްލަ 19 މީހުން ބޭނުންވާ ކަމަށެވެ. އަދި ޓްރޭނަރުންނަށް ހިންގޭ ތަމްރީން ޕްރޮގްރާމް އޮތީ އަންނަ މާޗް މަހުގެ އަށް ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 15 ވަނަ ދުވަހުގެ ނިޔލަށް މާލޭގައި ކަމަށް ވެސް އީސީގެ އިއުލާންގައި ބުނެފައި ވެއެވެ.

އީސީއިން ބުނީ، މިޕްރޮގްރާމްގައި ބައިވެރިވެ ތަމްރީން ފުރިހަމަ ކުރައްވާ ފަރާތްތަކަށް ޓްރޭނަރުންގެ ގޮތުގައި އޮފިޝަލުން ތަމްރީން ކުރުމަށް މާލެއާއި އަތޮޅުތަކުގައި ހަރާކާތްތެރިވުމަށް ހަމަޖެހިފައިވާއިރު، މިޓްރޭނިންގ ޕްރޮގްރާމް ފުރިހަމަ ކުރައްވާ ޓްރޭނަރުންނަށް، ޓްރޭނިންގ ކުރިއަށްދާ ކޮންމެ ދުވަހަކަށް -/200 (ދުއިސައްތަ) ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، މި ޓްރެއިނިންގ ފުރިހަމަކުރައްވާ ފަރާތްތައް އެކޮމިޝަނާއެކު އިގުރާރު ކުރެވި، މާލެއާއި އަތޮޅުގައި އަދި ސިޓީތަކުގައި އަންނަ މާޗް މަހުގެ 20 އިން 30 ވަނަ ދުވަހުގެ ނިޔަލަށް އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާކަމަށެވެ.

ޓްރޭނަރުންނަށް އޮފިޝަލުންގެ ޓްރޭނިންގ ކުރިއަށް ގެންދާ ކޮންމެ ދުވަހަކަށް ހަތްސަތޭކަ ރުފިޔާގެ އުޖޫރައެއް ދިނުމަށް އީސީއިން ނިންމާފައިވާއިރު، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން އީސީއަށް ފޯމް ހުށަހެޅުމަށް ވެސް މީގެ ކުރިން ވަނީ އިއުލާން ކޮށްފައެވެ. އަދި އެކޮމިޝަނަށް ފޮނުވާ އެޕްލިކޭޝަނާއި ލިޔުންތައް ފޮނުވާނީ info@elections.gov.mv އަށް ނުވަތަ ހުށަޅާނީ އެކޮމިޝަނުގެ ރިސެޕްޝަން، ޕޯޓްސް ކޮމްޕްލެކްސް އިމާރާތުގެ ފަސް ވަނަ ފަންގިފިލާއަށް ކަމަށް ވެސް އީސީއިން މައުލޫމާތު ދެއެވެ.

މީގެއިތުރުން އީސީއިން ބުނީ، ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިހާބުތަކުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި، ތަޢުލީމީ ފަންނުގެ މީހުންނަށް އިސްކަންދެވޭނެ ކަަމަށެވެ. އޭނގެ ތެރޭގައި މަސައްކަތާގުޅޭ ދާއިރާއިން ސެޓްފިކެޓް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޟިލުކޮށްފައިވާ މީހަށް ވުން ހިމެނޭ ކަމަށް ވެސް އީސީއިން ބުނެއެވެ.