ފުލުހުންގެ ނެއިބަހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް ލ. މާވަށުގައި ތައާރަފުކޮށް ނެއިބަހުޑް ސަޕޯޓު އޮފިސަރުންގެ މަސައްކަތްތައް އެރަށުގައި ފަށައިފި އެވެ.

އެގޮތުން ނެއިބަހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މާވަށް ދެ ސަރަޙައްދަކަށް ބަހާލާފައިވާއިރު، ކޮންމެ ސަރަހައްދަކަށް ނެއިބަހުޑްގެ ދެ އޮފިސަރުން ވަނީ ކަނޑައަޅާފަ އެވެ.

ނެއިބަހުޑްތަކަށް ކަނޑައަޅާފައިވާ ސަޕޯޓް އޮފިސަރުން ކަނޑައަޅާފައިވާ ނެއިބަހުޑް ތަކުގައި ހުރި ގޭބިސީތަކަށާއި، ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ނެއިބަހުޑް ސަޕޯޓް އޮފިސަރުންގެ މަސައްކަތްތަކާއި، ގުޅޭނެ ނަންބަރުތަކާއި، ހޭލުންތެރިކުރުމުގެ ތަފާތު މައުލޫމާތު ހިއްސާކޮށްފައި،،، އަދި ނެއިބަހުޑް އޮފިސަރުން ޒިޔާރަތްކުރި ތަންތަނުން އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތައްވެސް ވަނީ ހިއްސާކޮށްފަ އެވެ.

މި ހިދުމަތުގެ ދަށުން ނެއިބަހުޑް ސަޕޯޓް އޮފިސަރުން، ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް އެ ސަރަހައްދުތަކުގެ އާންމު މައުލޫމާތު އޮޅުންފިލުވާ އާންމު އިޖުތިމާއާ މިންގަނޑުތަކާއި ޚިލާފު އަމަލުތަކާއި އެސަރަހައްދުތަކުގައި ހިނގާ ކުށްތައް ދެނެގަނެ ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކުށްމަދު ކުރުމަށާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު އެ ސަރަހައްދުގައި އުޅޭ އާންމު ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ފުލުހުން ބުނީ ނެއިބަހުޑް ސިޔާސަތު ތައާރަފްކުރުމުގެ މަގުސަދަކީ ފުލުހުންނާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުލުހުންނާއި މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަގީންކަން ކަށަވަރު ކުރުން ކަމަށެވެ. އަދި ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ދުރުކޮށްދީ ނެއިބަހުޑްގައި ދިރިއުޅޭ ރައްޔިތުންނާއި ގުޅިގެން އެސަރަހައްދުގައި އަމާން ވެއްޓެއް ގާއިމުކޮށްދޭން ބޭނުންވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.