ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުގެ ތެރެއިން ކޮރަޕްޝަނުގެ މައްސަލަތައް ހުށަހެޅުމަށް އޮންލައިން ޕޯޓަލެއް އިފްތިތާހުކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހުކޮށްފައިވާއިރު މި ޕޯޓަލަކީ ކޮންމެ މީހަކަށްވެސް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާފައިވާ ޕޯޓަލެކެވެ.

ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ގްލޯބަލް ލީކްސް އިން އުފައްދާފައިވާ މިޕޯޓަލްގައި ބޭނުންކުރާ ސޮފްޓްވެއާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 60 އަށް ވުރެ ގިނަ ޕްރޮޖެކްޓުތަކުގައި ބޭނުންކޮށްފައިވާ ސޮފްޓްވެއާ އެކެވެ. އެގޮތުން ހިޔާނާތާއި ފަސާދައިގެ އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ އިތުރަށް އެމްނެސްޓީންވެސް ވަނީ މިސޮފްޓްވެއާ ބޭނުންކޮށްފަ އެވެ.

މި ޕޯޓަލަށް މައްސަލަ ހުށަހެޅުމަށް ޕޯޓަލް ވެބްސައިޓަށް ވަނުމަށް ފަހު މައްސަލަ ހުށަހެޅުމަށް ހަމަޖެހިފައިވާ ހަރުފަތްތައް ފުރިހަމަ ކުރަންޖެހެ އެވެ. އެގޮތުން އެންމެ ފުރަތަމަ ހަރުފަތެއްގެ ގޮތުގައި ހުށަހަޅަން ބޭނުންވާ މައްސަލައިގެ ހުލާސާ ބަޔާނެއް ލިޔުމަށްފަހު މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައުލޫމާތާއި އެ މައްސަލައަކީ މީގެ ކުރިން އެއްވެސް އިދާރާއަކުން ބަލާ ތަހުގީގުކޮށްފައިވާ މައްސަލައެއްތޯ ނުވަތަ ނޫންތޯ އަދި ބަލާފައި ވާނަމަ އޭގެ ތަފްސީލްތައް ބަޔާން ކުރާނީ އެވެ.

ދެވަނަ ހަރުފަތުގައި މައްސަލައިގެ ހެކިތައް ހުށަހަޅާނީ އެވެ. އެގޮތުން މައްސަލައާއި ގުޅުން ހުރި ހެކިވެރިއެއް ހުރިތޯ ނުވަތަ ނެތްތޯ ބަޔާންކުރުމަށްފަހު ކަމާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއްވާނަމަ ޕޯޓަލްގައި އެޓޭޗް ކުރާނީ އެވެ.

މި ޕޯޓަލަށް ހުށަހަޅާ ކޮންމެ މައްސަލައަކާ ގުޅުން ހުރި ތަފްސީލްތައްވެސް މައްސަލަ ހުށަހަޅާ ފަރާތައް ބެލޭނެ ގޮތްތައްވެސް މި ޕޯޓަލްގައި ވަނީ ހިމަނާފަ އެވެ. އެގޮތުން މައްސަލަ ހުށަހަޅާ ނިމުމުން ކޮންމެ މީހަކަށްވެސް ވަކި ހާއްސަ ކޯޑެއް ލިބިގެންދާނެ އެވެ. އަދި އެ ކޯޑު ބޭނުންކޮށްގެން ހުށަހަޅާފައިވާ މައްސަލަ ގޮސްފައިވާ ހިސާބު ފަހުން ބަލާލެވޭނެ އެވެ.

ޕޯޓަލަށް ހުށަހަޅާ ކޮންމެ މައްސަލައެއްވެސް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮރަޕްޝަން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ހާއްސަ ކޮމިޓީންނެވެ. އެގޮތުން ހުރިހާ މައްސަލައެއްވެސް ބަލައި ގިންތި ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވަން ޖެހޭ ކަމަށް ބެލެވޭ މައްސަލަތައް ފޮނުވުމަށްފަހު އެ ނޫން މައްސަލަތައް ކޮމިޓީން ބަލާ ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވާ މަސައްލަތަކާއި މެދު އަމަލުކުރުމަށް ހަމަޖެހިފައިވަނީ އެމަނިކުފާނު އަންގަވާ ގޮތަކަށެވެ. އަދި ތަހުގީގު ކުރުމަށް ފޮނުވަން ޖެހޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވިގެންދާނެ އެވެ.

ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން އެ މައްސަލަތައް ރިޕޯޓު ކުރުމަށް ބާރު އެޅުމަށް ހުޅުވާފައިވާ ޕޯޓަލް ބައްޓަންކޮށްފައިވަނީ މި ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކުރެވޭ ފަދަ ގޮތަކަށެވެ. އެގޮތުން މި ޕޯޓަލަށް މައްސަލަ ހުށަހަޅާ އެއްވެސް ފަރާތެއްގެ އަމިއްލަ މައުލޫމާތެއް ހިއްސާ ކުރަން ނުޖެހޭއިރު މައްސަލަ ހުށަހަޅާފައިވަނީ ކޮން ފަރާތަކުންކަން އެނގޭނެ އެއްވެސް ގޮތެއް މި ޕޯޓަލުގައެއް ނުވެ އެވެ.