މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިއަހަރުގެ ޖެނުއަރީ މަހު 2.13 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު މީރާއަށް ލިބުނު އާމްދަނީއަށް ވުރެ 63.6 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު މީރާއަށް ލިބިފައިވަނީ 2.19 ބިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ޖެނުއަރީ މަހު މީރާއަށް ލިބުނު 2.13 ބިލިއަން ރުފިޔާގެ ތެރެއިން 1.09 ބިލިއަނަކީ ދިވެހި ރުފިޔާ އިން ލިބުނު އާމްދަނީ އެވެ. މިމުއްދަތުގައި އެމެރިކާ ޑޮލަރުން ލިބުނު އާމްދަނީ އުޅެނީ 67.8 މިލިއަން ޑޮލަރުގަ އެވެ.

މީރާއަށް މިއަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ އަކީ އެމަހުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ 2.2 އިންސައްތަ އިތުރު އަދަދެކެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު 2.9 އިންސައްތަ ދަށް އަދަދެކެވެ.

މީރާއަށް މިއަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީގެ ވަކިވަކި ބައިތަކަށް ބަލާއިރު އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެގޮތުން ބީޕީޓީގެ ގޮތުގައި 881.6 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ޖެނުއަރީ މަހު ލިބުނު އާމްދަނީގެ 41.4 އިންސައްތަ އެވެ. މީރާއަށް ޖެނުއަރީ މަހު ލިބުނު އާމްދަނީގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 799.2 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ޖެނުއަރީ މަހު މީރާއަށް ލިބުނު އާމްދަނީގެ 37.5 އިންސައްތަ އެވެ. މީރާއަށް މިއަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީގެ ތެރެއިން ތިންވަނަ އަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ގްރީން ޓެކްސްގެ ގޮތުގައި 78.3 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ޖެނުއަރީ މަހު މީރާއަށް ލިބުނު އާމްދަނީގެ 3.7 އިންސައްތަ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.