ހައިރައިޒްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި މޯލްޑިވްސް ލިވިން އެކްސްޕޯ ނިންމާލައިފިއެވެ.

މިފަހަރުގެ އެކްސްޕޯ ރޭގައި ނިންމާލާފައިވާއިރު އެކްސްޕޯ ކުރިއަށް ގެންގޮސްފައިވަނީ ތިން ދުވަހުގެ މުއްދަތަަކަށް ދަރުބާރުގޭގައެވެ. ގޯތިގެދޮރުގެ ވިޔަފާރި ކުރާ ކުންފުނިތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މި އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 30 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

އެކްސްޕޯ ބައްލަވައިލެއްވުމަށް ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އިއްޔެ އެތަނަށް ޒިޔާރަތް ކުރައްވާފައެވެ. އަދި މިނިސްޓަރު ވަނީ އެކްސްޕޯގައި ބެހެއްޓިފައި ހުރި ހުރިހާ ސްޓޯލަކަށް ޒިޔާރަތްކުރައްވައި ސްޓޯލްތައް ހިންގާ ފަރާތްތަކާ ބައްދަލުކުރައްވައި އެބޭފުޅުންގެ ޚިދުމަތްތަކާ ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.

އެކްސްޕޯ ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރު ވިދާޅުވީ މިއީ ހައިރައިޒްއިން އިންތިޒާމްކޮށްގެން ބާއްވާ ވަރަށް ރަނގަޅު ހަރަކާތެއް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެކްސްޕޯގައި ބައިވެރިވި ބޭފުޅުން ވިދާޅުވީ އެކްސްޕޯގެ ސަބަބުން ވިޔަފާރިއަށް ބޮޑެތި ކުރިެރުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަަށާއި އާންމުންގެ ބޮޑު ތަރުހީބެއް އެކްސްޕޯއަށް ލިބިގެން ދިޔަ ކަމަށެވެ. އަދި މިފަހަރު އެކްސްޕޯގައި ޖާގަ ތަނަވަސްވުމުގެ ސަބަބުން ސްޓޯލްތައް ހިންގުމަށް ވެސް އިތުރު ލުއިފަސޭހައެއް ލިބިގެންދިޔަ ކަމަށް ސްޓޯލްތަކުގައި ހަރަކާތްތެރިވަމުން ދިޔަ ބޭފުޅުން މައުލޫމާތު ދެއްވިއެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރި މީހުން ވެސް ބުނީ މިއީ ބާއްވަން ވަރަށް ރަނގަޅު އެކްސްޕޯއެއް ކަމަށާއި މި އެކްސްޕޯގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"މި އެކްސްޕޯ އަކީ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޭނުންތެރި އެކްސްޕޯއެއް. އެއް ޕްލެޓްފޯމަކުން ގެދޮރާއިބެހޭ ހުރިހާ މައުލޫމާތުތަކެއް ލިބިގެންދާތީ އޮންލައިންކޮށް ބެލުމަށްވުރެ މިގޮތް އަސްލު މާ ފަސޭހަ" ވީނިއުސްއަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

އެކްސްޕޯ ނިންމާލުމަށްފަހު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ހައިރައިޒްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މަރިޔަމް މާއިޝާ ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެކްސްޕޯއެއް ކަމަށެވެ. އާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް މިފަހަރުގެ އެކްސްޕޯއަށް ލިބިގެން ދިޔަކަން އޭނަ ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރުގެ މިއެކްސްޕޯގައި ވެސް އެކްސްޕޯއަށް ޒިޔާރަތްކުރި މީހުންނަށް ވަނީ ކުންފުނިތަކުން ދެމުންގެންދާ ޚިދުމަތްތަކުން ބޮޑެތި ޑިސްކައުންޓްތަކުގެ އިތުރަށް ބޮޑެތި އިނާމްތަކެއް ދީފައެވެ.

ލިވިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ޚިދުމަތް ދެމުންގެންދާ އެލައިޑް އިންޝުއަރެންސް ކުންފުންޏެވެ. ކޯ ސްޕޮންސަރުންނަކީ ރާއްޖޭގެ އަކުއާ ވިޓާ ރެސިޑެންސް އާއި މިދިޔަ އަހަރުވެސް މިއެކްސްޕޯގެ ކޯ ސްޕޮންސަރެއްގެ ގޮތުގައި ހަރަކާތްތެރިވި ސްރީލަންކާގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމެންޓް ޕްރޮޕަޓީ އަލްޓެއާ އެވެ.