ނިމިދިޔަ ސަރުކާރުގައި ނުހައްގުން އެތައް ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް ބުނާތީ އެމައްސަލަ ބެލުމަށް އުފައްދަވާފައިވާ ކޮމިޓީން ގޮތްތަކެއް ނިންމާއިރު ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ކަންކަން ނިންމަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި އެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވީ ނިމިދިޔަ ސަރުކާރުގައި ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ "ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް"ގެ ދަށުން ނުހައްގުން ފްލެޓް ލިބުނު މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ކޮމިޓީގެ މެންބަރުންނާ އިއްޔެ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ވަނީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ގޮތާއި، ފްލެޓްތައް ދޫކޮށްފައިވާ ގޮތް ދިރާސާކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީން ކޮށްފައިވާ މަސައްކަތްތައް ރައީސްއާ ހިއްސާކުރައްވާފަ އެވެ.

މިބައްދަލުވުމުގައި ވަނީ ކޮމިޓީގެ މަސައްކަތްތައް ރާވާފައިވާ ގޮތާއި، މަސައްކަތް ކުރިއަށް ގެންދިޔައިރު ފާހަގަކުރެވުނު ކަންކަމުގެ މައުލޫމާތުވެސް ރައީސްއާ ހިއްސާކުރައްވާފަ އެވެ. އަދި މިމައުލޫމާތުތައް އާންމުންނާ ހިއްސާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތުމުން، ވަރަށް އަވަސް މުސްތަގުބަލެއްގައި މީޑިއާ މެދުވެރިކޮށް އާންމުންނަށް މި މައުލޫމާތު ހިއްސާކުރައްވާނެ ކަމުގައި ކޮމިޓީގެ މެންބަރުން ވިދާޅުވި ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފަ އެވެ.

މި ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުގައި ކޮމިޓީން ކުރައްވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަން ފާހަގަކުރައްވާ، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީން ވަނީ ދެއްވާފަ އެވެ. އަދި ކޮމިޓީން ކަންކަން ނިންމެވުމުގައި ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ކަންކަން ނިންމެވުމަށް އިސްކަން ދެއްވުމަށްވެސް ރައީސް އެދިވަޑައިގެންފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.